ދުނިޔޭގެ ވިސްލްބްލޯވާ ދުވަސް ފާހަގަކުރުމަށް އެޗްއާރުސީއެމުން ވީޑިއޯ މުބާރާތެއް ހުޅުވާލައިފި
22 މޭ 2026 - 07:07

ދުނިޔޭގެ ވިސްލްބްލޯވާ ދުވަސް ފާހަގަކުރުމުގެ ގޮތުން، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) ގެ ވިސްލްބްލޯވަރ ޕްރޮޓެކްޝަން ޔުނިޓުން ކުރު ވީޑިއޯ ތައްޔާރުކުރުމުގެ މުބާރާތެއް އާންމުކޮށް ހުޅުވާލައިފިއެވެ.
މި މުބާރާތަކީ މުޖުތަމައުގައި ހިނގާ ނޭދެވޭ ކަންކަމާއި ކޮރަޕްޝަނާ ދެކޮޅަށް އަޑުއުފުލުމުގެ މުހިންމުކަމާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ކުރިއަށްގެންދާ ހަރަކާތެކެވެ.

Ad by Hajj Corporation
"ބްރޭކިންގ ދަ ސައިލެންސް: ވައި ސްޕީކިންގް އަޕް މެޓަރސް" ނުވަތަ "ހަނުހުރުން ހުއްޓާލުން: ބަސްބުނުމުގެ މުހިންމުކަން" މި ޝިއާރުގެ ދަށުން ބާއްވާ މި މުބާރާތަކީ ވަކިވަކި ފަރުދުންނަށާއި ގްރޫޕްތަކަށް ވެސް ބައިވެރިވެވޭ ގޮތަށް ހުޅުވާލެވިފައިވާ މުބާރާތެކެވެ.
މި މުބާރާތުގެ މައިގަނޑު މަގްސަދަކީ ދައުލަތުގެ މުއައްސަސާތަކާއި އަމިއްލަ އިދާރާތައް ޒިންމާދާރުކުރުވުމާއި، ދެފުށް ފެންނަ ނިޒާމެއް ގާއިމުކުރުމަށް ބާރުއެޅުމެވެ. އަދި ވިސްލްބްލޯ ކުރާ ފަރާތްތަކަށް ނުވަތަ ނޭދެވޭ ކަންކަން ހާމަކުރާ ފަރާތްތަކަށް ރައްކާތެރިކަން ހޯދައިދިނުމާ ގުޅޭގޮތުން އާންމުންގެ ބައިވެރިވުން އިތުރުކުރުމަކީ ވެސް މި މުބާރާތުގެ ބޭނުމެކެވެ.
މުބާރާތަށް ހުށަހަޅާ ވީޑިއޯތަކަކީ 40 ސިކުންތާއި 60 ސިކުންތާ ދެމެދުގެ، ލޭންޑްސްކޭޕް ފޯމެޓަށް ތައްޔާރުކޮށްފައިވާ އުފެއްދުންތަކަކަށް ވާންޖެހެއެވެ. ވީޑިއޯތައް ދިވެހި ނުވަތަ އިނގިރޭސި ބަހުން ހުށަހެޅޭއިރު، އެހެން ބަހަކުން ތައްޔާރުކުރާ ނަމަ އިނގިރޭސި ސަބްޓައިޓަލް ހިމަނަންޖެހެއެވެ. ބައިވެރިންނަށް ކޮރަޕްޝަން ހާމަކުރުން، ނަޒާހަތްތެރިކަން، އަދި ރިޕޯޓްކުރާ ފަރާތްތަކަށް ދޭ ބަދަލުހިފުމުގެ އަމަލުތަކުން ރައްކާތެރިކަން ހޯދުން ފަދަ މައުޟޫއުތަކަށް ވީޑިއޯ ތައްޔާރުކުރެވިދާނެއެވެ.
މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 10 ޖޫން 2026 ގެ ނިޔަލަށް ވީޑިއޯއާއި ސަބްމިޝަން ފޯމު wbpu@hrcm.org.mv އަށް އީމެއިލް ކުރަންޖެހޭނެއެވެ. މުބާރާތުގެ ފަނޑިޔާރުކަން ދެ މަރުހަލާއަކަށް ބަހާލައިގެން ކުރިއަށްދާއިރު، ފަނޑިޔާރުން ހޮވާ އެންމެ މޮޅު 10 ވީޑިއޯ އާންމުންގެ ވޯޓަށް ހުޅުވާލާނެއެވެ. އާންމުންގެ ވޯޓުލުން ކުރިއަށްދާނީ 14 ޖޫން އިން 22 ޖޫން 2026 އަށެވެ.
މި މުބާރާތުން ހޮވޭ އެންމެ މޮޅު ތިން ހުށަހެޅުމަށް ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން:
1 ވަނަ އިނާމު: 5,000 ރުފިޔާ
2 ވަނަ އިނާމު: 3,000 ރުފިޔާ
3 ވަނަ އިނާމު: 1,500 ރުފިޔާ
މި މުބާރާތުގެ ވަނަތައް ހޮވުން އޮންނާނީ 23 ޖޫން 2026 ގައި ބާއްވާ "ދުނިޔޭގެ ވިސްލްބްލޯވާ ދުވަސް" ފާހަގަކުރުމުގެ ރަސްމީ ޙަފުލާގައެވެ. މި ޙަފުލާގައި މުބާރާތުގެ ވަނަވަނައަށް އައި ފަރާތްތަކަށް އިނާމު ދިނުމުގެ އިތުރުން، ހޮވާލެވޭ ބައެއް ވީޑިއޯތައް ދައްކާލުން ވެސް އޮންނާނެއެވެ.
އެޗްއާރުސީއެމުން ފާހަގަކޮށްފައިވާ ގޮތުގައި، މި މުބާރާތަށް ހުށަހަޅާ ވީޑިއޯތަކުގެ ތެރެއިން ހޮވޭ އުފެއްދުންތައް، އެ ވީޑިއޯއެއް ތައްޔާރުކުރި ފަރާތުގެ ނަން ހިމެނޭނެހެން، ކުރިއަށް އޮތްތަނުގައި ވިސްލްބްލޯވަރ ޕްރޮޓެކްޝަން ޔުނިޓުގެ ހޭލުންތެރިކުރުވުމުގެ ކެމްޕޭންތަކުގައި ބޭނުންކުރެވޭނެއެވެ.
މި މުބާރާތުގައި ބައިވެރިވުމަށް އެއްވެސް ފީއެއް ދައްކަން ނުޖެހޭނެ ކަމަށާއި، މިއީ ކޮރަޕްޝަނާއި ނަހަމަ ގޮތުގައި ބާރުގެ ބޭނުންކުރުން ހުއްޓުވުމުގައި ފަރުދުންނަށް އަދާކުރެވިދާނެ މުހިންމު ދައުރާ ބެހޭގޮތުން މުޖުތަމައު ހޭލުންތެރިކުރުވުމަށް ލިބޭ ރަނގަޅު ފުރުސަތެއް ކަމަށް އެ ކޮމިޝަނުން ބުނެއެވެ.


