logo
Bank of Maldives

Bank of Maldives

ޚަބަރު

"ހިޕް" ބްރޭންޑުގެ ކުޑަކުދިންގެ ކާނާ އަކުން މީދާ މަރާ ވިހަ ފެނިފައިވާތީ ރާއްޖެ އެތެރެކޮށް ބޭނުންކުރުން މަނާކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
20 އޭޕްރީލު 2026 - 18:44
ޖަރުމަނުގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ "ހިޕް" ގެ ކުޑަކުދިންގެ ކާނާ،
ޖަރުމަނުގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ "ހިޕް" ގެ ކުޑަކުދިންގެ ކާނާ،

ޖަރުމަނުގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ "ހިޕް" (HiPP) ބްރޭންޑުގެ ކުޑަކުދިންގެ ކާނާގެ ފުޅިއަކުން މީދާ މަރާ ވިހަ ފެނުނު މައްސަލައެއް ފެންމަތިވުމާ ގުޅިގެން، އެ ބްރޭންޑުގެ އުފެއްދުންތައް ރާއްޖެ އެތެރެކުރުމާއި ވިއްކުމާއި ބޭނުންކުރުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު މަނާކޮށްފިއެވެ.

މި މައްސަލަ ފެންމަތިވެފައިވަނީ އޮސްޓްރިއާގެ ބާގަންލޭންޑް ސަރަހައްދުގައި ވިއްކަން ހުރި ހިޕް ބްރޭންޑުގެ ކެރެޓާއި އަލުވި ޕިއުރޭ ފުޅިއަކުން "ރޮޑެންޓްސައިޑް" ނުވަތަ މީދާ މަރާ ވިހަ ފެނުމާ ގުޅިގެންނެވެ. އެމްއެފްޑީއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މި މައްސަލައާ ގުޅިގެން އޮސްޓްރިއާގެ ފުލުހުން ތަހުގީގެއް ފަށާފައިވާ ކަމަށާއި، ޖަރުމަނުގެ ހިޕް ކުންފުނިން އޮސްޓްރިއާގެ ބާޒާރުގައި ހުރި އެ ކުންފުނީގެ އުފެއްދުންތައް ބާޒާރުން ނަގަމުންދާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އޮސްޓްރިއާގެ ފުލުހުން ބުނާ ގޮތުގައި، ވިހަ ހުރި ފުޅި ފެނިފައިވަނީ ގަސްތުގައި އެ ފުޅި ހަލާކުކޮށްލާފައި ހުއްޓައެވެ. އަދި މިއީ ޖިނާއީ އަމަލެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ ކަމެއް ކަމަށާއި، ޗެކް ރިޕަބްލިކް އަދި ސްލޮވާކިއާއިން ވެސް މިފަދަ ފުޅިތަކެއް އަތުލައިގަނެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. ހިޕް ކުންފުނިން ބުނެފައިވަނީ މިއީ އުފެއްދުމުގެ ފެންވަރުގެ މައްސަލައެއް ނޫން ކަމަށާއި، ފެކްޓްރީން ތަކެތި ނެރުނުއިރު ހުރީ އެންމެ ފުރިހަމަ ހާލަތުގައި ކަމަށެވެ.

އެމްއެފްޑީއޭ އިން ބުނި ގޮތުގައި "ހިޕް" ބްރޭންޑުގެ އުފެއްދުންތަކަކީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ އުފެއްދުންތަކެއް ނޫނެވެ. ނަމަވެސް، އަމިއްލަ ބޭނުންތަކަށް ރާއްޖެ އެތެރެކޮށް ބޭނުންކުރުމުގެ ފުރުސަތު އޮތުމާއެކު، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ބާވަތުގެ އެއްވެސް އުފެއްދުމެއް ރާއްޖެ އެތެރެ ނުކުރުމަށާއި، ނުވިއްކުމަށާއި، އަދި ބޭނުން ނުކުރުމަށް އެ އޮތޯރިޓީން ވަނީ އިލްތިމާސްކޮށްފައެވެ.

އޮސްޓްރިއާގެ ކަމާބެހޭ ފަރާތްތަކުން ބެލެނިވެރިންނަށް އިންޒާރު ދީފައިވަނީ، މި ބްރޭންޑުގެ ކާނާ ބޭނުންކުރުމަށްފަހު ކުއްޖާގެ ހަށިގަނޑުން ލޭ އައުން ނުވަތަ އާދަޔާ ހިލާފަށް ވަރުދެރަވުން ފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަކަށް ދެއްކުމަށެވެ. އަދި ފުޅީގެ ސޭފްޓީ ސީލް ނެތްނަމަ ނުވަތަ ފުޅީގެ ފުލުގައި ރަތް ބުރެއް ޖަހާފައިވާ ހުދު ކުލައިގެ ސްޓިކާއެއް އިނދެފިނަމަ އެފަދަ ތަކެތި ބޭނުން ނުކުރުމަށް ވެސް ވަނީ އިރުޝާދު ދީފައެވެ.

މި މައްސަލައިގެ އަސަރު ހަމައެކަނި ކޮށްފައިވަނީ ހިޕް ބްރޭންޑުގެ ޕިއުރޭ ފުޅިތަކަށް ކަމަށާއި، އެ ބްރޭންޑުގެ ކުޑަކުދިންގެ ކިރު ފުށަށް މިކަމުގެ އެއްވެސް އަސަރެއް ކޮށްފައި ނުވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކުޑަކުދިންގެ ކާނާ އަކުން މީދާ މަރާ ވިހަ ފެނިފައިވާތީ ރާއްޖެ އެތެރެކޮށް ބޭނުންކުރުން މަނާކޮށްފިޚަބަރު | ގަޑިއިރެއް ކުރިން "ބިލެތްމާ ޓޭސްޓީ" ގެ އެއްވެސް އުފެއްދުމެއް ބޭނުން ނުކުރަން އަންގައިފިޚަބަރު | މަހެއް ކުރިންބޯފެނާއި ލުއި ބުއިންތައް ހުސްކުރި ފުޅިތަކުގައި ކާބޯތަކެތި ބަންދު ނުކުރަން އަންގައިފިޚަބަރު | 2 މަސް ކުރިންހޭންޑީ ވޯޓަރގެ ބިއްލޫރި ފުޅީގައި ބަންދުކުރި ފެން މަނާކޮށްފިޚަބަރު | 2 މަސް ކުރިން