އެފްއެސްއެމްގެ ޚިދުމަތްދޭ 13 ރަށަކުން ހެޔޮ އަގުގައި މަސްވެރިންނަށް ތެޔޮ ލިބޭނެ!
21 އޭޕްރީލު 2026 - 12:35

އެސްޓީއޯގެ ސަބްސިޑަރީ ތެޔޮ ކުންފުނި އެފްއެސްއެމްގެ ޚިދުމަތްދޭ 13 ރަށަކުން ހެޔޮ އަގުގައި މަސްވެރިންނަށް ތެޔޮ ލިބޭނެ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ބުނީ، މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާތީ އެކަމުގެ ސަބަބުން ރާއްޖޭގެ މަސްވެރިންނަށް ކުރާ އަސަރު ކުޑަކުރުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، މަސްވެރިކަމުގެ ސިނާއަތް ހުއްޓުނަނުދީ ކުރިއަށް ގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވާފައިވާ އިރުޝާދާ އެއް ގޮތަށް މަސްވެރި، އުޅަނދުފަހަރަށް ހެޔޮ އަގެއްގައި ޑީސަލް ވިއްކަން ފަށާފައިވާ ކަމަށެވެ.

Ad by Hajj Corporation
އެގޮތުން މާރިޗު މަހުން ފެށިގެން ހުޅުމާލެ، ކ. ހިންމަފުށި، ޅ. ފެލިވަރު، ގއ. ކޫއްޑޫ، ސ. ހުޅުދޫ މިފްކޯ އަދި އެފްއެސްއެމް ޝެޑުން ހެޔޮ އަގެއްގައި ތެޔޮ ވިއްކަން ވަނީ ފަށާފައެވެ.
އެ ވުޒާރާއިން ބުނީ، މިޕްރޮގްރާމް އިތުރަށް ފުޅާކޮށް، ރާއްޖޭގެ ހުރިހާ ހިސާބުތަކެއްގައި އަގު ހެޔޮ ރޭޓުގައި މަސްވެރިންނަށް ތެޔޮ ލިބޭނޭ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން ކުރި މަސައްކަތުން އެފްއެސްއެމްގެ ސްކިޑް ގާއިމުކޮށްފައިވާ އިތުރު 8 ރަށަކުން އަގު ހެޔޮ ރޭޓެއްގައި މަސްވެރިންނަށް މިހާރު ތެޔޮ ލިބޭނެކަމަށެވެ.
މަސްވެރިންނަށް ހެޔޮ އަގުގައި ތެޔޮ ލިބޭނެ ސަރަޙައްދުތައް:
• ހއ. އިހަވަންދޫ
• ހދ. ހަނިމާދޫ
• ށ. މިލަންދޫ
• ބ. އޭދަފުށި
• ފ. ނިލަންދު
• ކ. ހިންމަފުށި
• ރ. ދުވާފަރު
• ދ. ކުޑަހުވަދޫ
• ޅ. ފެލިވަރު
• ގއ. ކޫއްޑޫ
• ފުވައްމުލައް ސިޓީ
• ސ. ހުޅުމީދޫ
• ހުޅުމާލެ ޖެޓީ
މަސްވެރިކަމާބެހޭ ވުޒާރާއިން ބުނީ، އެފްއެސްއެމްގެ ޚިދުމަތްދޭ 13 ރަށަކުން އަގު ހެޔޮކޮށް މަސްވެރިންނަށް މިހާރު ތެޔޮ ލިބޭނެ ކަމަށެވެ.
ތެޔޮ އަޅަންދާއިރު މަސްވެރިކަން ކުރާ ފަރާތްތަކުން އެފަރާތްތަކުގެ ލައިސަންސްގެ ކޮޕީއާއި އެންމެ ފަހުން މަސްކިރުވި ރަސީދު ގެންދަން ޖެހޭނެކަމަށް އެ ވުޒާރާއިން ބުންޏެވެ.
މަސްވެރި އުޅަނދުތަކަށް އަގު ހެޔޮ ރޭޓުގައި ތެޔޮ ދިނުމަށް، ހަމަޖެހިފައިވާ މިންވަރު
ކަޅުބިލަމަހުގެ މަސްވެރިކަން ކުރާ އުޅަނދުތަކަށް ދަތުރަކަށް:
• 85 ފޫޓުން ފެށިގެން ބޮޑެތި އުޅަނދުފަހަރަށް - 5000 ލީޓަރު (މަހަކަށް 2 ދަތުރު)
• 50 ފޫޓާއި 85 ފޫޓާއި ދެމެދުގެ އުޅަނދުފަހަރަށް - 3000 ލީޓަރު (މަހަކަށް 3 ދަތުރު)
• 50 ފޫޓުން ދަށުގެ އުޅަނދުފަހަރު - 1500 ލީޓަރު (މަހަކަށް 3 ދަތުރު)
ބޮޑުކަންނެލީގެ މަސްވެރިކަން ކުރާ އުޅަނދުތަކަށް ދަތުރަކަށް:
• 85 ފޫޓުން ފެށިގެން ބޮޑެތި އުޅަނދުފަހަރަށް - 1800 ލީޓަރު (މަހަކަށް 5 ދަތުރު)
• 50 ފޫޓާއި 85 ފޫޓާއި ދެމެދުގެ އުޅަނދުފަހަރަށް - 1200 ލީޓަރު (މަހަކަށް 5 ދަތުރު)
• 50 ފޫޓުން ދަށުގެ އުޅަނދުފަހަރު - 600 ލީޓަރު (މަހަކަށް 5 ދަތުރު)
މި ނިންމުމުގެ ސަބަބުން މަސްވެރިކަމުގެ އޮޕަރޭޝަނަލް ޚަރަދުތައް ކުޑަވެ، މަސްވެރިންނަށް އިޤްތިޞާދީ ގޮތުން ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށް މަސްވެރިކަމާބެހޭ ވުޒާރާއިން ބުނެއެވެ.


