އަނިޔާވެ ޔަމާލްއަށް އެލް ކްލެސިކޯ ގެއްލިދާނެކަމުގެ ބިރު, ވޯލްޑްކަޕަށްވެސް އަސަރުކޮށްފާނެ
23 އޭޕްރީލު 2026 - 03:45

ސްޕެނިޝް ލަލީގާގައި ބުދަ ދުވަހުގެ ރޭ ސެލްޓަ ވިގޯއާ ދެކޮޅަށް ކޭމްޕް ނޯގައި ކުޅުނު މެޗުގައި ބާސެލޯނާގެ ޒުވާން ތަރި ލަމީން ޔަމާލް ޕެނަލްޓީއަކުން ލަނޑު ޖެހިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި އަނިޔާވެގެން ދަނޑުން ބާލަން ޖެހިއްޖެއެވެ. މި ހާދިސާއާ ގުޅިގެން ބާސެލޯނާގެ ސަޕޯޓަރުންގެ މެދުގައި ވަނީ ބޮޑު ކަންބޮޑުވުމެއް އުފެދިފައެވެ.
މެޗުގެ 39 ވަނަ މިނެޓުގައި ޔަމާލް އޭރިއާ ތެރެއަށް ވަންނަން އުޅުމުގެ ތެރޭގައި ސެލްޓަ ވިގޯގެ ޔޮއެލް ލާގޯ ކުރި ފައުލަކާ ގުޅިގެން ރެފްރީ ވަނީ ބާސެލޯނާއަށް ޕެނަލްޓީއެއް ދީފައެވެ. މި ޕެނަލްޓީ 40 ވަނަ މިނެޓުގައި ޔަމާލް ކާމިޔާބުކޮށް ބާސެލޯނާއަށް ކުރިހޯދައިދިނެވެ. ނަމަވެސް ލަނޑަށްފަހު އުފާފާޅުކުރުމުގެ ބަދަލުގައި، އޭނާ ވަނީ ވާތު ފައިގެ ހަމްސްޓްރިންގަށް ތަދުވާކަމުގެ އިޝާރާތެއް ބެންޗަށް ދީ، ދަނޑުމަތީގައި އިށީނދެފައެވެ.

Ad by Hajj Corporation
ޔަމާލްގެ ބަދަލުގައި މެޗުގެ 45+9 ވަނަ މިނެޓުގައި ރޫނީ ބާޑްޖީ ވަނީ ކުޅެން އަރުވާފައެވެ. މި ބަދަލު ލަސްވީ ދަނޑުގެ ސަޕޯޓަރުންގެ ތެރޭގައި ހިނގި ސިއްހީ ކުއްލި ހާދިސާއަކާ ގުޅިގެން ދެ ޓީމުގެ މެޑިކަލް ސްޓާފުން އެތަނަށް ދާންޖެހުމުންނެވެ. ޔަމާލް ދަނޑުން ފޭބުމަށްފަހު ސީދާ ދިޔައީ ޓަނަލް ތެރެއަށް ކަމަށްވުމުން، އޭނާގެ އަނިޔާ ސީރިއަސްވެދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.
މި މެޗުގައި ބާސެލޯނާއަށް ކުރިމަތިވި ހަމައެކަނި އަނިޔާގެ މައްސަލައަކީ މިއެއް ނޫނެވެ. މެޗުގެ 23 ވަނަ މިނެޓުގައި ޔާއޯ ކަންސޭލޯގެ ކަކުލަށް ތަދުވުމުގެ ސަބަބުން އޭނާވެސް ވަނީ ބަދަލުކޮށްފައެވެ. މި ދެ ކުޅުންތެރިންނަށް ލިބުނު އަނިޔާއަކީ ސީޒަނުގެ ފަހު މަރުހަލާގައި ކޯޗު ހަންސީ ފްލިކަށް ކުރިމަތިވާނެ ބޮޑު ގޮންޖެހުމެކެވެ.
2025-26 ސީޒަނުގައި ޔަމާލް ދަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. އޭނާ ވަނީ މިހާތަނަށް ކުޅުނު 45 މެޗުގައި 24 ލަނޑު ޖަހައި 18 އެސިސްޓް ހަމަކޮށްފައެވެ. ލީގުގައި ބާސެލޯނާ 82 ޕޮއިންޓާއެކު އެއްވަނައިގައި އޮތްއިރު، ދެވަނައިގައި އޮތް ރެއާލް މެޑްރިޑާ ދެމެދު އޮތީ 9 ޕޮއިންޓުގެ ފަރަގެކެވެ. ނަމަވެސް ކުރިއަށް އޮތް މެއި 10 ވާ އާދިއްތަ ދުވަހު ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ 'އެލް ކްލަސިކޯ' މެޗަށް ޔަމާލް ފިޓްވާނެ ކަމާމެދު މިހާރު ވަނީ ސުވާލު އުފެދިފައެވެ.
ޔަމާލްގެ އަނިޔާގެ ތަފްސީލު އަދި ކްލަބުން ހާމަކޮށްފައި ނުވާއިރު، އޭނާ މާ އަވަހަށް ކުޅުމަށް ނެރުމަކީ 2026 ވަނަ އަހަރުގެ ވޯލްޑް ކަޕަށްވެސް ނުރައްކާވެދާނެ ކަމެއް ކަމަށް މާހިރުން ލަފާކުރެއެވެ. އެހެންކަމުން ބާސެލޯނާއިން އޭނާގެ ރިކަވަރީއަށް ވަރަށް ބޮޑަށް ސަމާލުކަން ދޭނެ ކަމަށް ބެލެވެއެވެ.


