ބުލީ ހުއްޓުވުމަށް ހަރުކަށި ޖިނާއީ ފިޔަވަޅުތައް އަޅަން އޭޖީއާއެކު މަސައްކަތް ފަށައިފި
23 އޭޕްރީލު 2026 - 05:55

ބުލީކުރުމާއި ފުރައްސާރަކުރުމުގެ މައްސަލަތައް ހުއްޓުވައި، އެފަދަ އަމަލުތަކަށް ހަރުދަނާ ފިޔަވަޅުތައް އެޅުމަށްޓަކައި އެއީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅައި ހަރުކަށި ފިޔަވަޅު އެޅުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށްދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަޒީރު އިހުސާން ވިދާޅުވީ، ގަނާކުރުމާއި އިޖުތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުތައް ހުއްޓުވުމަށް ކުރެވޭނެ އެންމެހައި ކަންކަން ދެނެގަތުމުގެ މަސައްކަތް އެ ވުޒާރާއިން މިހާރު ފަށާފައިވާ ކަމަށެވެ. އަދި މިކަމަށްޓަކައި ގާނޫނުތަކަށް ގެންނަންޖެހޭ އެންމެހައި ބަދަލުތައް ސަރުކާރުން ގެންނާނެ ކަމުގެ ޔަގީންކަން ވަޒީރު ދެއްވި އެވެ.

Ad by Hajj Corporation
ސްކޫލްތަކާއި މުޖުތަމައުގެ ތެރޭގައި ގަނާކުރުމުގެ މައްސަލަ ބޮޑުވެފައިވާތީ، އެކަމާ ގުޅިގެން ޖިނާއީ ގޮތުން އެޅިދާނެ ފިޔަވަޅުތަކާ ބެހޭގޮތުން ބަންޑާރަނައިބުގެ އޮފީހާއެކު މިހާރު މަޝްވަރާ ކުރެވެމުންދާ ކަން ވަޒީރު ފާހަގަކުރެއްވި އެވެ.
އަދި ބުލީގެ މައްސަލަތަކުގެ ސަބަބުން ފުރާނައަށް ނުރައްކާވާ ހިސާބަށް ކަންކަން ގޮސްފައިވާތީ، މިފަދަ އަމަލުތަކަށް ޖިނާއީ އަދަބު ދެވޭނެ މަގު ފަހިކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް އިހުސާން ވިދާޅުވި އެވެ.
ވަޒީރު އިތުރަށް ވިދާޅުވި ގޮތުގައި، ގަނާކުރުމުގެ ސަބަބުން ނަފުސާނީ ގޮތުންނާއި އިޖުތިމާއީ ގޮތުން މީހުންނަށް ކުރިމަތިވާ ގޮންޖެހުންތައް ނައްތާލުމަށްޓަކައި ގާނޫނީ އޮނިގަނޑަށް ބަދަލު ގެނެސްގެން ނަމަވެސް ހަރުކަށި ފިޔަވަޅުތައް އަޅާނެ އެވެ.


