logo
Bank of Maldives

Bank of Maldives

ޚަބަރު

ޑިޖިޓަލް ތަރައްޤީގައި އަންހެން ކުދިންގެ ބައިވެރިވުން އިތުރު ކުރުމަށް ރައީސް ގޮވާލައްވައިފި

ޒިދާން މުޙައްމަދު
23 އޭޕްރީލު 2026 - 16:33
ފޮޓޯ: ރައީސް އޮފީސް
ފޮޓޯ: ރައީސް އޮފީސް

އަންހެންކުދިންނަކީ، ދިވެހިރާއްޖޭގެ ޑިޖިޓަލް ތަރައްޤީގެ މައިގަނޑު ބާރުވެރިން ކަމުގައިވުމަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.

"އިންޓަރނޭޝަނަލް ގާލްސް އިން އައިސީޓީ ޑޭ" ގެ މުނާސަބަތުގައި ފޮނުއްވި މެސެޖުގައި އެމަނިކުފާނު ވަނީ މި އަހަރުގެ ޝިޢާރުކަމުގައިވާ، "އޭއައި ފޯރ ޑިވެލޮޕްމަންޓް: ގާރލްސް ޝޭޕިންގ ދަ ޑިޖިޓަލް ފިއުޗަރ" ގެ މައްޗަށް އަލި އަޅުއްވާ ލައްވާފައެވެ. އެގޮތުން މި ޝިޢާރާއި، ދިވެހި ސަރުކާރުން ޓެކްނޮލޮޖީއަށް ދޭ އިސްކަމާ ހުރި ގުޅުން ފާހަގަ ކުރައްވައި، ސަރުކާރު ހިންގުމާ، ތަޢުލީމާ އަދި ޞިއްޙީ ދާއިރާގެ ހިންގުން ހަރުދަނާ ކުރުމުގައި، އޭއައި އަދާކުރާ މުހިއްމު ރޯލުގެ މައްޗަށްވެސް އެމަނިކުފާނު ބައްލަވާ ލައްވާފައި ވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ މެސެޖުގައި، އޭ އައި ގެ ތަރައްޤީގައި އަންހެން ކުދިން ޝާމިލުވުމަކީ، ހަމަ އެކަނި އެ މަސައްކަތުގައި އެކުދިން ބައިވެރިވުން ނޫންކަމަށާ، އެއީ މުޖުތަމަޢުގެ ހަމަހަމަކަމަށްޓަކައިވެސް މުހިއްމުކަމެއްކަމުގައި ވިދާޅުވެފައިވެއެވެ. އަދި އޭގެ ސަބަބުން މިންތީގެ ފަރަގު ކުޑަކޮށް، ކުރިއަރަމުންދާ ޑިޖިޓަލް ތަރައްޤީގައި ހަމަހަމަ ކަމާއެކު އެންމެންނަށް ބައިވެރި ވުމުގެ ފުރުސަތު ކަށަވަރު ވެގެންދާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މޯލްޑިވްސް 2.0 މެދުވެރިކޮށް ސަރުކާރުން ކުރާ އެއް މަސައްކަތަކީ، ސިސްޓަމުގައި ހުރި ހުރަސްތައް ނައްތާލައި، އަދި މީގެ ކުރީގައި އަންހެނުންގެ ހިއްސާ، އައިސީޓީގެ ދާއިރާގައި ވަރަށް ފަނޑުކޮށް ހުރި ދާއިރާތައް ކަމަށްވާ، ރޮބޮޓިކްސް، އޭ އައި، އަދި ކޮމްޕިއުޓަރ ޕްރޮގްރާމިން އާއި، ޑިޖިޓަލް އިޤުތިސާދުގެ ދާއިރާގައި އަންހެން ކުދިންނަކީ، ބަސްކިޔޭފަދަ ހިސާބެއްގައި ފައިތިލަ ސާބިތު ކޮށްލެވިފައިވާ ބަޔަކަށް ހެދުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވި ގޮތުގައި، މިކަންކަން ޙާސިލު ކުރުމަށްޓަކައި ޑިޖިޓަލް ދާއިރާގައި އުފެދިފައިވާ މިންތީގެ ތަފާތުކުރުން ނައްތާލައި، އަންހެން ކުދިންނަކީ ޓެކްނޮލޮޖީގެ ބޭނުން ކުރާ ބަޔަކަށް ވުމުގެ އިތުރަށް، ޓެކްނޮލޮޖީގެ ދާއިރާގައި އުފެއްދުންތެރި، ބާރުވެރި ބަޔަކަށް ވާންޖެހޭނެ ކަމުގައެވެ.


މެސެޖު ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، އޭއައި ތަރައްޤީ ކުރުމުގެ ދާއިރާގައި އަންހެންކުދިންގެ ބައިވެރިވުން އިތުރުކުރުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢަށް ގޮވާލައްވާފައެވެ. އަދި ޓެކްނޮލޮޖީގެ ރޮނގުން ދުނިޔެއަށް އަންނަމުންދާ ބަދަލުތަކުގައި، އަންހެން ކުދިންނަށް ހަމަހަމަ ފުރުސަތުތައް ފަހިވެފައިވާ ދުނިޔެއެއް ދެކެވަޑައިގަތުމަށް އުއްމީދު ކުރައްވާކަމުގައި އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

މިމުނާސަބަތާ ގުޅުވައިގެން، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އެކަމަނާގެ ރަސްމީ އެކްސް އެކައުންޓުގައި ހިއްސާކުރެއްވި ޕޯސްޓުގައި، ޓެކްނޮލޮޖީއާއި އުފެއްދުންތެރިކަމުގައި، ހުރި ފުރުސަތުތައް ހޯދައި، އަންހެން ކުދިންނާ، އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ބާރުއަޅުއްވައި ހިތްވަރު ދެއްވާފައި ވެއެވެ. އަދި ޓެކްނޮލޮޖީއާއި އައިސީޓީގައި، އަންހެން ކުދިންނާ އަންހެނުންގެ ބައިވެރިވުން ފަނޑުދާއިރާތަކުން ކުރިއަށް ދިއުމުގައި ހުރި ގޮންޖެހުންތައް ނައްތާލައި، ފުރުސަތުތައް އިތުރުކޮށްދިނުމަށް އެންމެހާ ފަރާތްތަކުން އެހީތެރިވެދެއްވުމަށް ގޮވާލައްވަމުން އެކަމަނާ ވަނީ، އައިސީޓީ ދާއިރާގެ ކުރިމަގު ބިނާ ކުރަންވާނީ، އެންމެންގެ ހިއްސާ ހަމަހަމަވާ ފަދަ ގޮތަކަށް ކަމުގައި ވިދާޅުވެފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޑިޖިޓަލް ތަރައްޤީގައި އަންހެން ކުދިންގެ ބައިވެރިވުން އިތުރު ކުރުމަށް ރައީސް ގޮވާލައްވައިފިޚަބަރު | 2 ގަޑިއިރު ކުރިންރަސްމާލެ ހިއްކުމުގެ ދެބައިކުޅައެއްބައި މަސައްކަތް ނިމިއްޖެޚަބަރު | 5 ގަޑިއިރު ކުރިންރިޔާޟް މި ކިޔައިދިނީ ހަމަ ސަތޭކައިގެ ތެދެއް: ރައީސް މުޢިއްޒު ދެއްކެވީ އިޚުލާޞްތެރިކަމުގެ ނަމޫނާއެއްޚަބަރު | ދުވަހެއް ކުރިންމަޝްރޫޢުތަކަށް އިންވެސްޓްކުރުމަކީ ސިޔާސީ ނިންމުންތަކެއް ނޫން: ޝަރީފްޚަބަރު | 2 ދުވަސް ކުރިން