ފަލާހް ޕްރީ ސްކޫލުގެ "ރަން ޔޫބީލް" ފާހަގަކުރުމަށް ފަން ރަން އެއް ބާއްވައިފި
25 އޭޕްރީލު 2026 - 13:20

ފަލާހް ޕްރީ ސްކޫލުގެ "ރަން ޔޫބީލް" ފާހަގަކުރުމަށް ފަން ރަން އެއް ބާއްވައިފިއެވެ.
އޭޕްރީލް 25 ވީ ހޮނިހިރު ދުވަހު ހަވީރު މާލެ އެކުވެރި ޓްރެކްގައި ބޭއްވި މި ދުވުމުގައި އެ ސްކޫލުުގެ އެހާރާއި މިހާރުގެ ގިނަ ދަރިވަރުންނާއި ބެލެނިވެރިން އަދި ޓީޗަރުން ވަނީ ބައިވެރިވެފައެވެ. އަދި މިއީ ފަލާހް ޕްރީ ސްކޫލުން މިފަދަ ދުވުމުގެ ހަރަކާތެއް ބޭއްވި ފުރަތަމަ ފަހަރުވެސް މެއެވެ.

Ad by Hajj Corporation
މި ހަރަކާތް ޝަރަފްވެރިކޮށްދެއްވާ ވާހަކަދައްކަވަމުން މިނިސްޓްރީ އޮފް ޔޫތް، އެންވަޕަރމެންޓް ސްޕޯޓްސް އެންޑް ފިޓްނެސްގެ ސްޓޭޓް މިނިސްޓަރ އަބްދުލްރައްޒާގު އިބްރާހިމް ވިދާޅުވީ މިއީ ފަލާހު ޕްރީ ސްކޫލުގެ 50 އަހަރުވީ ދިގު ތާރީހުގައި ރަން އަކުރުން ފަވާލެވޭނެ ދުވަހެއް ކަމަށެވެ. އަދި ސްކޫލެއްގެ އެންމެ މުހިންމު އެއްދައުރަކީ ދަރިވަރުންނަށް ތައުލީމު ދިނުން ކަމަށާއި މި ޒަމާނުގައި ތައުލީމު ދިނުމަކީ ހަމައެކަނި އެކަޑަމިކް ފޯކަސްއެއް ދީގެން ކުދިންނަށް އޭ ރިޕޯޓު ހޯދަން މަސައްކަތްކުރުން ކަމުގައި ގަބޫލު ނުކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.
ރައްޒާގު ވިދާޅުވީ ތައުލީމު ދިނުމުގެ މައިގަނޑު މަގުސަދަކަށްވާން ޖެހެނީ ސްކޫލު ނިންމާފައި ނުކުންނައިރު، އެދަރިވަރުންނަކީ މުޖުތަމައުގަ ދިރިއުޅުމަށް ބޭނުންވާ ހުނަރާއި މައުލޫމާތު ސްކޫލުގެ ތެރެއިން ލިއްބައިދީ، ލޯތްބާއި އިހުތިރާމު ލިބިގެން ކާމިޔާބުކަމާއެކުގައި އުޅޭ ބަޔަކަށް ހެދުމަށްޓަކައި އެ އާދަ ހަރުލެއްވުން ކަމަށެވެ. އަދި އެކަމަށްޓަކައި ކުދިންގެ ސިކުނޑިއާއި ޖިސްމާނީ ކުޅެދުންތެރިކަން އިތުރުކުރުމަށް ބޭނުންވާ ކުޅިވަރާއި ކަސްރަތަކީ ވަަރަށް މުހިންމު އެއްޗެއްކަން ފާހަގަކުރެއްވިއެވެ.
މީގެއިތުރުން ރިވެތި އަޚުލާގަކީ ވެސް ވަރަށް މުހުންމުކަމެއް ކަމަށާއި މިކަންކަން ފެށިގެން މިއަންނަނީ ޕްރީ ސްކޫލުގެ ތެރެއިން ކުދިންގެ ޅަފަތުގައި ކަމަށް ވެސް ވިދާޅުވިއެވެ.
ފަލާހް ޕްރީ ސްކޫލުގެ ޗީފް އެގްޒެކެޓިވް އަލްގާރީ އަލް ހާފިޒް އަބްދުއްސައްތާރު އަބޫބަކުރު ވިދާޅުވީ ހަށިގަނޑަށް ކަސްރަތު ލިބޭފަދަ ކުޅިވަރުތަކަކީ އިސްލާމް ދީން ވެސް އެކަމަށް ބާރުއަޅާ ކަމެއް ކަމަށާއި އެގޮތުން ދީނީގޮތުން ހަށިހެޔޮކަމަށް ކުރުމަށް އަންގަވާފައިވާ ބައެއް ކަންކަން ވަނީ ފާހަގަކުރައްވާފައެވެ.
މި ދުވުން ނިމުމުން، ދުވުން ފުރިހަމަކުރި ބައިވެރިންނަށް ވަނީ މެޑަލް ދީފައެވެ.


