އިނގިރޭސި ރަސްގެފާނު ޗާލްސް ލަދުގަންނަވާލަން ޓްރަމްޕް ރާވާފައިވާކަން ފަޅާއަރައިފި
26 އޭޕްރީލު 2026 - 03:38

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އިނގިރޭސިވިލާތުގެ ރަސްގެފާނު ކިންގް ޗާލްސްއާ ބައްދަލުކުރައްވާއިރު، އިނގިރޭސިވިލާތަށް ނުތަނަވަސްކަން ކުރިމަތިވާނެ ފަދަ މައުޟޫއުތަކަކަށް ވާހަކަދައްކަވައި، ރަސްގެފާނު ލަދުގަންނަވާލަން ރާއްވަވާފައިވާކަން ޕެންޓަގަންގެ ލީކުވެފައިވާ މެމޯއަކުން ހާމަވެއްޖެއެވެ.
ޑެއިލީ ބީސްޓުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އަންނަ ހޯމަ ދުވަހު އޮންނަ ބައްދަލުވުމުގައި، އާޖެންޓީނާ ކައިރީގައި އޮންނަ އިނގިރޭސިވިލާތުގެ ބާރުގެ ދަށުގައިވާ ފޯކްލޭންޑް އައިލެންޑްސްގެ މިލްކުވެރިކަމާ ބެހޭގޮތުން ޓްރަމްޕް ސުވާލު އުފައްދަވާނެއެވެ. މިއީ ހޯމުޒް ކަނޑުއޮޅި ބަންދުކުރުމުގައި އެމެރިކާއަށް އެހީތެރިވުމަށް އިނގިރޭސި ބޮޑުވަޒީރު ކިއަރ ސްޓާމަރ ދެކޮޅު ހެއްދެވުމާ ގުޅިގެން ދޭ ރައްދެއް ކަމަށް ބެލެވެއެވެ.

Ad by Hajj Corporation
ފޯކްލޭންޑް އައިލެންޑްސްގެ މައުޟޫއަކީ އިނގިރޭސި ޝާހީ އާއިލާއަށް ވަރަށް ނާޒުކު މައުޟޫއެކެވެ. ސަބަބަކީ ކިންގް ޗާލްސްގެ ކޮއްކޯފުޅު ޕްރިންސް އެންޑްރޫއަކީ އެ ސަރަހައްދުގެ ހަނގުރާމައިގައި ހެލިކޮޕްޓަރު ޕައިލެޓެއްގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅަކަށް ވުމެވެ. މީގެ އިތުރުން، އީރާނުގެ ހަނގުރާމައިގައި ބައިވެރިވުމަށް ފަސްޖެހޭތީ، ނޭޓޯއިން ސްޕެއިން ވަކިކުރުމަށްވެސް އެމެރިކާއިން ބާރުއަޅާފާނެކަން މި މެމޯއިން ހާމަވެއެވެ.
މި ހަބަރު ފެތުރުމާއެކު އިނގިރޭސިވިލާތުގެ ލިބަރަލް ޑިމޮކްރެޓިކް ޕާޓީން ވަނީ ކިންގް ޗާލްސް މި ދަތުރުފުޅު ކެންސަލް ކުރެއްވުމަށް ގޮވާލާފައެވެ. އެ ޕާޓީން ބުނާ ގޮތުގައި މި ދަތުރުފުޅަކީ ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށް ރޭވުނު ދަތުރެއް ނަމަވެސް، ޓްރަމްޕްގެ މި އަމަލުގެ ސަބަބުން އެކަން ވަނީ ބަދަލުވެފައެވެ.
ލިބަރަލް ޑިމޮކްރެޓިކް ޕާޓީގެ ލީޑަރު ސަރ އެޑް ޑޭވީ ވިދާޅުވީ، "ފޯކްލޭންޑްގެ ސިޔާދަތީ ބާރާ ބެހޭގޮތުން ރައީސް ޓްރަމްޕް ކުރައްވާ ކޮންމެ ސުވާލަކަށް ވަރުގަދަ ރައްދެއް ދޭންޖެހޭނެ" ކަމަށެވެ. އަދި ޓްރަމްޕަކީ އިތުބާރު ނުކުރެވޭ، ގެއްލުންދެނިވި ރައީސެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.


