ވަގަށް ނަގާފައިވާ ހަ ލައްކައަށްވުރެ ގިނަ ރުފިޔާ ހޯދައިފި!
26 އޭޕްރީލު 2026 - 12:02

ވައްކަމާއި ފޭރުމުގެ މައްސަލަތަކުގައި ގެއްލިފައިވާ 6 ލައްކައަށްވުރެ ގިނަ ރުފިޔާ ފުލުހުން ހޯދައިފިއެވެ.
ފުލުހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ފުލުހުން ހޯދާފައިވާ 6 ލައްކައަށްވުރެ ގިނަ ރުފިޔާއަކީ މާލެއާއި ހުޅުމާލޭން ވައްކަމާއި ފޭރުމުގެ މައްސަލަތަކުގައި ރިޕޯޓްކޮށްފައިވާ މައްސަލަތަކުގައި ހޯދާފައިވާ ރުފިޔާއެވެ.

Ad by Hajj Corporation
އެގޮތުން މިމަހުގެ 15 ވަނަ ދުވަހުން 21 ވަނަ ދުވަހަށް ޖުމްލަ 335،338 ރުފިޔާ ހޯދާފައިވާއިރު، އޭގެ ތެރެއިން 65،644 ރުފިޔާ ހޯދާފައިވަނީ މާފަންނު ފުލުހުންނެވެ. 95،894 ރުފިޔާ ހެންވޭރު ފުލުހުން ހޯދާފައިވާއިރު، ގަލޮޅު ފުލުހުން ވަނީ 173،800 ރުފިޔާ ހޯދާފައެވެ.
މިމަހުގެ 1 ވަނަ ދުވަހުން 14 ވަނަ ދުވަހަށް ހުޅުމާލޭން 283،710 ރުފިޔާ ހޯދާފައިވާއިރު، އޭގެ ތެރެއިން 101،800 ރުފިޔާ ހޯދާފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ފުލުހުންނެވެ. މި މުއްދަތުގައި ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ފުލުހުން ވަނީ 181،910 ރުފިޔާ ހޯދާފައެވެ.
ފުލުހުން ބުނީ، ހޯދާފައިވާ ފައިސާގެ ތެރޭގައި ނަގުދު ފައިސާއާއި ވަގަށް ނަގާފައިވާ މުދާ ނުވަތަ ގެއްލިފައިވާ މުދަލުގެ އަގު ހިމަނާފައިވާ ކަމަށެވެ.
ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް ވައްކަމުގެ 1050 މައްސަލަ ވަނީ ރިޕޯޓް ކޮށްފައެވެ. ތަކެތި ގެއްލިގެން 337 މައްސަލަ އަދި ފޭރުމުގެ 53 މައްސަލަ ވަނީ ހުށަހަޅާފައެވެ.


