ބުލީކުރުން ހުއްޓުވުމަށް ޤާނޫނެއް ހަަދަނީ!
27 އޭޕްރީލު 2026 - 06:22

ބުލީ ކުރުމަކީ ޤާނޫނީ ކުށެއް ކަމަށް ކަނޑައެޅުމަށް އެކަމަށް ޚާއްސަ ޤާނޫނެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ އޮފީހުގައި ސިލްސިލާކޮށް ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، އެންޓި ބުލީން ޤާނޫން އެކުލަވާލުމުގެ މަސައްކަތް މިހާރު ސަރުކާރުން ފަށާފައިވާ ކަމަށެވެ.

Ad by Hajj Corporation
މި ޤާނޫނު އެކުލަވާލާއިރު، ސާފުކޮށް ބުލީ ކުރުމުގެ ޢަމަލުތަކަކީ ކޮބާކަމާއި ޤާނޫނު ހިންގާނެ ދައިރާތައް ކަނޑައެޅިފައި ހުންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އޭގެ ތެރޭގައި ސްކޫލްތަކާއި ތަޢުލީމުދޭ އެކި އިދާރާތަކަށް ހިންގާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިގޮތުން މިތަންތަނުގައި ބުލީކުރުމާއި ގުޅޭ ޚާއްސަ ސިޔާސަތުތައް އެކުލަވާލުމާއި ބުލީ ކުރާ ކުދިންނާއި ދޭތެރޭ ޢަމަލުކުރެވޭނެ ޚާއްސަ ނިޒާމެއް އެކުލަވާލުމާއި، މިމައްސަލަ ސެންޓްރަލް އެޖެންސީއަކަށް ރިޕޯޓްކުރެވޭނެ ގޮތާއި، ރަސްމީ މަންހަޖުގެ ތެރޭގައި މިކަމާއި ގުޅޭ ކަންކަން ހިމެނުން ފަދަ އިޖުރާޢަތްތަށް ގެންނަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
"ވަޒީފާގެ މާހައުލާއި ސިއްޙީ ޚިދުމަތް ދޭ ތަންތަނާއި އެތަންތަނުން ޚިދުމަތްދޭ ފަރާތްތައް ހިމެނޭހެން އެފަރާތްތަކުގެ ހައްޤުތަކާއި ޒިންމާތައް ތަފްސީލްކޮށް އެނގޭނެހެން ހިމަނާނަން.އަދި އެކި މާހައުލުތަކުގައި ބުލީކުރުން ހުއްޓުވުމުގެ އިތުރުން އޮންލައިންކޮށް ބުލީކުރުން ހުއްޓުވުމަށްވެސް ޤާނޫނުގައި ހިމަނުއްވައި އެކަމަށް އިޖުރާޢާތައް ވެސް ކަނޑައެޅިގެންދާނެ: ރައީސް ޑރ.މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މީގެ އިތުރުން ބުލީކުރުން ހުއްޓުވުމަށް ކުރެވޭނެ މަސައްކަތްކާއި، ހޭލުންތެރިކަން އިތުރުކުރުމަށް ކުރެވޭ ކަންކަމާއި މަސައްކަތް ކުރާނެ މުޢައްސަސާތައް ޤާނުނުގައި ބަޔާން ކުރެވިގެންދާނެ ކަމަށެވެ. އެމަނިކުފާނު، ވިދާޅުވީ ބޭރު ޤައުމުތަކުގައިވެސް މިކަން އެންމެ ރަނގަޅަށް، ތަންފީޒުކުރަމުންދާ ޤައުމުތަކުގައި ޢަމަލުކުރާ ގޮތްތައް ޤާނޫނު އެކުލަވާލާއިރު ބައްލަވާނެ ކަމަށެވެ.
އަދި މަސައްކަތް މި ފެށީ ޤައުމުގައި މިމައްސަލައަށް ވަށާޖެހޭ ހައްލެއް ގެންނަން މަސައްކަތް ކުރަންކަމަށާއި،އެހެންކަމުން އެކަމުގައި ހުރިހާ ފަރާތްތަކުގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
"މިއީ އެންމެ ބައެއްގެ ކަމެއް ނޫން. ހުރިހާ ފަރާތްތަކުން އެކުވެގެން އެއް ރޫހެއްގައި އެއް ނިޔަތެއްގައި މަސައްކަތް ކުރުން މިކަމުގައި ނަތީޖާ ނެރެވޭނެ ގޮތަކަށް އޮންނާނީ. އެހެންވީމަ އެއްވެސް މީހަކަ ބޭނުމެއް ނުވޭ އެއްވެސް މީހަކަށް ބުލީ ކުރުމުގެ ޢަމަލެއް ކުރިމަތި ކުރުވަން." ރައީސް ޑރ.މުހައްމަދު މުއިއްޒު
މީގެއިތުރުން ބުލީކުރުމުގެ ޢަމަލްތައް ހުއްޓުވުމަށް އެކަށީގެންވާ އިންސާނީ ވަސީލަތްތައް ހުރިހާ މަރުކަޒެއް ޤާޢިމް ކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.


