އޮގަސްޓް މަސް ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ހިސާބަކަށް އާރުޓީއެލްގެ ޚިދުމަތް ފަށަނީ
27 އޭޕްރީލު 2026 - 08:01

އޮގަސްޓް މަސް ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ހިސާބަކަށް އާރުޓީއެލް ފެރީގެ ޚިދުމަތް ފެށިގެން ދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ، އާރުޓީއެލް ޚިދުމަތަކީ ވަރަށް މުހިންމު ޚިދުމަތެއްކަމަށެވެ. މި ޙިދުމަތް ނުދެވި މިހާރު ބާކީ ހުރީ ގާތްގަނޑަކަށް 4 އަތޮޅުކަމަށެވެ. މިކަމުގައި ދިމާވާ އެއް ދައްޗަކީ ކުންފުނިތަކަށް ދޭންޖެހޭ ފައިސާ ދިނުމުގައި އަންނަ ދަތިތައްކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

Ad by Hajj Corporation
އާރްޓިއެލްގެ ޚިދުމަތް ފެށީ، 2022 ވަނަ އަހަރުގައެވެ. ދަތުރުފަތުރުގެ ދާއިރާއިން ޚާއްޞަ އިސްކަމެއް ދޭ މަސައްކަތްތަކުގެ ތެރެއިން، ކަނޑައަޅާފައިވާ ތާވަލާ އެއްގޮތަށް މި ސަރުކާރުންވެސް އަންނަނީ، މި މަސައްކަތް ކުރިއަށް ގެންދަމުންނެވެ. މިހާތަނަށް މި ޚިދުމަތް 15 އަތޮޅެއްގައި ވަނީ ދޭން ފަށާފައެވެ. އެއާއެކު މިހާރު 145 ރަށަކަށް ދަނީ މި ޚިދުމަތް ލިބެމުންނެވެ.
މިހާރު މި ޚިދުމަތް ނުފެށި ވަނީ، މ. އަތޮޅުގެ އިތުރުން ޒޯން 3 ގައި ހިމެނޭ ކ، އއ، އދ އަދި ވ. އަތޮޅުގައެވެ. އެންމެ ފަހުން އާރުޓީއެލްގެ ޚިދުމަތް ފެށީ ލ. އަތޮޅުގައެވެ. އެއީ މިދިޔަ މަހުގެ ތެރޭގައެވެ.


