އެމްޑީޕީ ސަރުކާރުން ރަހުނުކުރި ހަރުމުދާތައް ބީވިޔަ ނުދީ ސަލާމަތްކޮށް 21 ދުވަހުގެ ތެރޭގައި 924 މިލިޔަން ޑޮލަރުގެ ދަރަނި ދައްކައިފި
27 އޭޕްރީލު 2026 - 07:52

ވޭތުވެދިޔަ 21 ދުވަހުގެ ތެރޭގައި ދިވެހި ސަރުކާރުން ޖުމުލަ 924 މިލިޔަން ޑޮލަރުގެ ދަރަނި ދައްކައި ޚަލާޞްކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މި ފައިސާ ދައްކާފައިވަނީ ޤައުމުގެ އިޤްތިޞާދަށް ދިމާވެދާނެ ނުރައްކާތަކުން ސަލާމަތްކޮށްދެއްވަމުން ކަމަށެވެ.

Ad by Hajj Corporation
ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވި ގޮތުގައި، މި ހިނގާ އޭޕްރީލް މަހުގެ 2 ވަނަ ދުވަހު ސަރުކާރުން ވަނީ 524 މިލިޔަން ޑޮލަރުގެ ސުކޫކެއް ދައްކާފައެވެ. އަދި އޭޕްރީލް 23 ވަނަ ދުވަހު އިންޑިއާއަށް ދައްކަންޖެހޭ 400 މިލިޔަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފައިސާވެސް ވަނީ ދައްކާފައެވެ. މި ހުރިހާ ދަރަންޏެއް ދެއްކުމުގައި ޤައުމަށް ޑީފޯލްޓެއް ކުރިމަތިވިޔަ ނުދީ، ދައުލަތުގެ އެއްވެސް ހަރުމުދަލެއް ވިއްކާނުލައި އަދި ރަހުނެއް ދޫކޮށްނުލައި ކުރިއަށް ގެންގޮސްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ބޭރުގެ ދަރަނީގެ އިތުރުން، އެތެރޭގެ ދަރަނި އަދާކުރުމަށްވެސް ސަރުކާރުން ބޮޑު އިސްކަމެއް ދެމުންދާކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން، ނޮވެންބަރު 2023 އިން ފެށިގެން މި އޭޕްރީލް މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް، އެކި އެކި ލޯކަލް ވެންޑަރުންނަށް ދައްކަން ޖެހިފައި ހުރި 3,300 މިލިޔަން ރުފިޔާގެ ބިލުތަކަށް ވާ ފައިސާ ދައްކާ ނިންމާފައިވާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.
މީގެއިތުރުން، މި މަހުގެ ބާކީ އޮތް ދުވަސްތަކުގެ ތެރޭގައި ލޯކަލް ވެންޑަރުންނަށް ދޭންޖެހޭ އިތުރު 260 މިލިޔަން ރުފިޔާގެ ބިލުތަކަށް ވާ ފައިސާ ދެއްކުމަށް ނިންމަވާފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. މިއީ ސަރުކާރުން ވިޔަފާރިތަކަށް ދޭންޖެހޭ ފައިސާ ދޫކޮށް، އިޤްތިޞާދީ ދުވެލި ހަލުވިކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ޤައުމުގެ އިޤްތިޞާދު ހަރުދަނާކޮށް، ރައްޔިތުންނަށް ލިބިދާނެ ގެއްލުންތަކުން ސަލާމަތްކުރުން ކަމަށެވެ. އަދި ދަރަނި ދެއްކުމުގެ މަސައްކަތް ކުރިއަށްދަނީ ކުރިން ރަހުނުކޮށްފައި ހުރި ތަންތަންވެސް ސަލާމަތްކުރަމުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ނިމުނު އެމްޑީޕީގެ ސަރުކާރުން ވަނީ ބޭރުން ލޯނު ނެގުމަށް ދަރުމަވަންތަ ހޮސްޕިޓަލް ހިމެނޭހެން މާލޭގެ ބައެއް ސްކޫލްތައް ރަހުނުކޮށްފައެވެ. މި ސަރުކާރުން މި ފައިސާ ދެއްކުމާއިއެކު މި ހަރުމުދާ ތައް ވަނީ ސަލާމަތްވެފައެވެ.


