ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނަށް ކުރިމަތިލެވޭ ތާރީހަށް ބަދަލު ގެނެސްފި
27 އޭޕްރީލު 2026 - 12:42

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނަށް ކުރިމަތިލާ ތާރީހަށް ބަދަލު ގެނެސްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ ބައި-އިލެކްޝަންގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް މީގެކުރިން ފުރުސަތު ހުޅުވާލާފައިވަނީ މި ހިނގާ އޭޕްރީލް މަހުގެ 29 ވާ ބުދަ ދުވަހުގެ މެންދުރުފަހު 3:00 އާ ހަމައަށް ކަމަށެވެ. އެހެންނަމަވެސް އެ މުއްދަތު އިތުރުކޮށްފައިވާ ކަމަށް ވަނީ ބުނެއެވެ.

Ad by Hajj Corporation
އެގޮތުން މޭ 2 ވާ ހޮނިހިރު ދުވަހުގެ މެންދުރުފަހު 3 ޖެހުމާހަމައަށް އެ ފުރުސަތު އިތުރުކޮށްފައިވާކަމަށް އީސީ އިން ވަނީ ބުނެފައެވެ. އަދި މި ބައި-އިލެކްޝަނަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމު އީމެއިލް candidacy@elections.gov.mv މެދުވެރިކޮށް ބަލައިގަންނާނެ ކަމަށް ބުނެފައި ވެއެވެ.
މީގެއިތުރުން ކޮމިޝަނަށް ހާޒިރުވެގެން ފޯމު ހުށަހަޅާނީ އިލެކްޝަންސް ކޮމިޝަނުގެ މައި އިދާރާ (ޕޯޓް ކޮމްޕްލެކްސް، 5 ވަނަ ފަންގިފިލާ، ހިލާލީމަގު) އަށް ކަމަަށާއި އިންތިޚާބަށް ކުރިމަތިލާ ފަރާތްތަކުގެ ފޯމު ކޮމިޝަނަށް ހާޒިރުވެގެން ހުށަހެޅޭނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 10:00އިން މެންދުރުފަހު 3:00 އަށެވެ. އަދި ހުކުރު ދުވަހު 14:00 އިން 16:00 އަށް ކަމަށް ވެސް ވަނީ ބުނެފައެވެ.
އިލެކްޝްންސް ކޮމިޝަނުން ބުނީ ރައްޔިތުންގެ މަޖިލީހުގެ ބައި-އިލެކްޝަނުގެ ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ، 6 ޖޫންގެ ހެނދުނު 8:00 އިން ހަވީރު 4:00އަށް ކަމަށެވެ. މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިއުލާން ކުރާނީ ޖޫން 8 ވާ ހޯމަ ދުވަހުއެވެ.
ރައްްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ އެދާއިރާގެ މެމްބަރުކަމުގައި ހުންނެވި މުޙައްމަދު ސިނާން އާއި އެހެން ބަޔަކާއި ގުޅިގެން މޯލްޑިވްސް އިސްލާމިކް ބޭންކުން ނެގި 2.8 މިލިއަން ރުފިޔާގެ ލޯނެއްގެ މައްސަލާގައި، 2.5 މިލިއަން ރުފިޔާ ހަމަހަަށް ބަހާލައިގެން ދެއްކުމަށް ހުކުމް ކުރުމާގުޅިގެންނެވެ. މި މައްސަލައެއް ހުށަހެޅީ، ސިނާން އާއި އެހެން ބަޔަކާ ގުޅިގެން އިސްލާމިކް ބޭންކުން ނަގާފައިވާ 3.8 މިލިއަން ރުފިޔާގެ ލޯނެއްގެ މައްސަލައިގައި ކުރި ހުކުމާ އެއްގޮތަށް ފައިސާ ނުދެއްކި މައްސަލައެއް ފެންމަތިވުމުންނެވެ.


