ވަޒީރުންނަށް ރުހުން ދޭން ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާމިންވަރު ބަލާ ކޮމިޓީން ފާސްކޮށްފި
27 އޭޕްރީލު 2026 - 12:45

ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރެއްވި ވަޒީރުންނަށް ރުހުން ދޭން ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާމިންވަރު ބަލާ ކޮމިޓީން ފާސްކޮށްފިއެވެ.
ވަޒީރުންގެ މަޖިލީހަށް ބަދަލު ގެންނަވައި އަލުން އެކުލަވާލެއްވީ މި މަހުގެ 14 ވަނަ ދުވަހުއެވެ. އެގޮތުން، ވަޒީރުންގެ މަޖިލީހުގެ އަދަދު 20 އިން 15 އަށް ވަނީ މަދުކޮށްފައެވެ. އަލުން ވަޒީރުންގެ މަޖިލިސް އެކުލަވާލެއްވީ 10 ވަޒީރަކު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

Ad by Hajj Corporation
މިއާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެމަނިކުފާނުގެ ވަޒީރުންގެ މަޖިލީހަށް 5 އައު ވަޒީރަކު އައްޔަން ކުރައްވާފައެވެ. އަދި އެމަނިކުފާނުގެ ވަޒީރުންގެ މަޖިލީހުގައި ކުރިން ހިމެނިވަޑައިގެންނެވި 9 ވަޒީރަކު ވަނީ ވުޒާރާތަކަށް ގެންނެވި ބަދަލުތަކާއެކު އަލުން ހުވާ ކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވަޒީރުންގެ މަޖިލީހަށް ގެންނަވާ ބަދަލުތަކާއެކު މަޤާމުގެ ހުވާކުރައްވާ ވަޒީރުންނަށް ޤާނޫނީ ބާރުވެރިކަން ލިބިގެންދާނީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިގެންނެވެ. އެހެންވެ މި މައްސަލަ އެމަނިކުފާނު މަޖިލީހަށް ފޮނުއްވީ މި މަހުގެ 20ވަނަ ދުވަހު ބޭއްވި ޖަލްސާގައެވެ.
ރުހުން ހޯއްދެވުމަށް ފޮނުއްވާފައިވާ ވަޒީރުންގެ ނަންތައް
- ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު ޙަސަން ރަޝީދު
- މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު މޫސާ ޒަމީރު
- ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން
- ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް
- ތަޢުލީމާއި މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު
- ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީ
- އިގުތިސާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު
- މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް
- އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު
- ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން
- ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު
- ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު
- ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޢަބްދުﷲ މުއްޠަލިބް
- މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޢަލީ ޝަރީފް
ރައީސުލްޖުމްހޫރިއްޔާ ވަޒީރުންނަށް ރުހުން ހޯއްދެވުމަށް މަޖިލީހަށް ފޮނުއްވި މައްސަލަ ދިރާސާކުރުމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުވުމުން އެ ކޮމިޓީން ނިންމީ ދެ މައްސަލައެއްގެ ގޮތުގައި ފޮނުވިނަމަވެސް 14 ވަޒީރުންގެ މައްސަލަ އެއް މައްސަލައެއްގެ ގޮތުގައި ދިރާސާކުރުމަށެވެ. އަދި ހުރިހާ ވަޒީރުންނަށްވެސް ރުހުން ދިނުމަށް އެކުގައި ވޯޓަށް އެހުމަށް ކޮމިޓީން ވަނީ ނިންމާފައެވެ.
ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ނިންމީ 14 ވަޒީރުންނަށްވެސް ރުހުންދޭން ފެންނަ ކަމަށެވެ. މިގޮތަށް ފާސްކުރީ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.


