ނޫސްވެރިކަމުގެ މިނިވަންކަމަކީ ދީނާއި ޤާނޫނުގެ އިމުން ބޭރުން ބުލީކުރުމުގެ ނިޒާމަކަށް ނުހެދުމަށް ވަޒީރު ޝަހީމް ގޮވާލައިފި
28 އޭޕްރީލު 2026 - 07:03

ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ ދަށުން ޚިޔާލު ފާޅުކުރުމުގެ ފުރިހަމަ މިނިވަންކަން ކަށަވަރުކޮށްދީފައިވާއިރު، ނޫސްވެރިކަމުގެ މިނިވަންކަމަކީ އިސްލާމްދީނާއި ޤާނޫނުގެ އިމުން ބޭރުން މީހުންނަށް ފުރައްސާރަކޮށް ބުލީކުރުމުގެ ނިޒާމަކަށް ބަދަލުނުކުރުމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް ޑޮކްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ޝަހީމް މިފަދައިން ވިދާޅުވީ ރައީސް ޑރ މުޙައްމަދު މުޢިއްޒާ ގުޅިގެން ދޮގު ވާހަކަތަކެއް ފަތުރަމުންދާ ދަޑިވަޅެއްގައި ފޭސްބުކުގައި ހިއްސާކުރެއްވި ޕޯސްޓެއްގަ އެވެ.

Ad by Hajj Corporation
ރާއްޖޭގައި ނޫސްވެރިންނަށް ފުރިހަމަ މިނިވަންކަން ލިބިދީފައިވާކަން ފާހަގަކުރައްވަމުން، މި މިނިވަންކަމަކީ ދުނިޔޭގެ ފެންވަރުގައި ވެސް ފުޅާ ދާއިރާއެއްގައި އޮތް ކަމެއްގެ ގޮތުގައި މިނިސްޓަރު ވަނީ ސިފަކުރައްވާފައެވެ. އަދި ނޫސްވެރިކަމަކީ އަނިޔާވެރިކަމާއި، ބޭއިންސާފާއި، ކޮރަޕްޝަން ނައްތާލުމުގައި ޤައުމީ ފެންވަރުގައި އަގުވަޒަންކުރެވޭ މުހިންމު ދައުރެއް އަދާކުރާ ދާއިރާއެއް ނަމަވެސް، ނަޒާހަތްތެރި ނޫސްވެރިކަމެއްގެ ބަދަލުގައި، މީހުންގެ އަބުރާއި ޢިއްޒަތަށް އަރައިގަތުމަކީ ނޭދެވޭ ކަމެއްގެ ގޮތުގައި މިނިސްޓަރު ވަނީ ފާހަގަކުރައްވާފަ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަކީ ނޫސްވެރިކަމަށް ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދޭ ސަރުކާރެކެވެ. އެގޮތުން ރައީސް އަމިއްލަފުޅަށް ކޮންމެ ހަފްތާއަކު ނޫސްވެރިންނާ ބައްދަލުކުރައްވައި ސުވާލުތަކަށް ޖަވާބު ދެއްވުމާއި، ވަޒީރުން ވެސް މައުލޫމާތު ހާމަކުރުމަށް ބާރުއަޅުއްވާކަމީ ފެންނާން އޮތް ހަޤީޤަތެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އެހެންނަމަވެސް، ހިތާމައާއެކު ފާހަގަކުރަންޖެހޭ ކަމަކީ، މިއަދު ރައީސް ޑރ. މުޢިއްޒާއި އެމަނިކުފާނުގެ ޢާއިލާއަށާއި، ވަޒީރުންނަށް އަމާޒުކޮށް ބައެއް ނޫސްތަކާއި ސޯޝަލް މީޑިއާގެ ވަގު އެކައުންޓްތަކުން ކުރިން ރާއްޖޭގައި ފެނިފައިނުވާ މިންވަރަށް ފުރައްސާރަކުރަމުންދާ ކަމެވެ. ކަންކަމަށް ފާޑުކިއުމަކީ މައްސަލައެއް ނޫން ނަމަވެސް، ޒާތީގޮތުން ދިމާކުރުމަކީ އިންސާފަށް ލޯބިކުރާ އެއްވެސް ރައްޔިތަކު ބަލައިގަންނާނެ ކަމެއް ނޫނެވެ،" މިނިސްޓަރުގެ ޕޯސްޓުގައި ވެއެވެ.
އިސްލާމީ ޝަރީޢަތުގައި އަބުރާއި ކަރާމަތް ޙިމާޔަތްކުރުމަކީ އެންމެ މަތިވެރި ފަސް މަޤުޞަދުގެ ތެރޭގައި ހިމެނޭ ކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ ކީރިތި ޤުރްއާނާއި ސުންނަތުގައި އަބުރާ ބެހުމާއި، ގަޒުފުކުރުމާއި، ނުބައި ލަޤަބުތަކުން މުޚާޠަބުކުރުން ނަހީކުރައްވާފައިވާ ކަމަށެވެ.
އެގޮތުން ނޫސްވެރިކަމަކީ އަދަބިއްޔާތުގެ ތެރޭގައި ނަޤުދީ ވިސްނުމާއި ބިނާކުރަނިވި ފާޑުކިއުމުގެ މައްޗަށް ބިނާވެފައިވާ ނިޒާމަކަށް ހެދުމަށް މިނިސްޓަރު ޝަހީމް ގޮވާލެއްވިއެވެ. އަދި ހެޔޮގޮތުގައި މަސައްކަތްކުރާ ނޫސްވެރިންގެ އަގުވަޒަންކުރާ ހިނދު، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން އިސްލާމްދީނާއި ޤާނޫނުގެ ޙުދޫދުގެ ތެރޭގައި ދެމެހެއްޓުމަށް ހުރިހާ ފަރާތްތަކަށް އިލްތިމާސްކުރެއްވި އެވެ.


