ޒުވާނުންނަށްޓަކައި ކުރެވޭ އިންވެސްޓްމަންޓަކީ މުސްތަގުބަލަށްޓަކައި ކުރެވޭ އިންވެސްޓްމަންޓެއް: މިނިސްޓަރު ޝަހީމް
12 ޖޫން 2026 - 11:35

މެލޭޝިޔާގައި ކުރިއަށްދިޔަ "ތާރޑް އިންޓަރނޭޝަނަލް ސަމިޓް އޮފް ރިލިޖަސް ލީޑަރސް 2026" ގައި ބައިވެރިވެވަޑައިގެން، ދިވެހިރާއްޖޭގެ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، ޒުވާނުންގެ ކުރިއެރުމަށް އިންވެސްޓްކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައިފިއެވެ.
މެލޭޝިޔާގެ މިނިސްޓްރީ އޮފް ރިލިޖަސް އެފެއާޒް އާއި މުސްލިމް ވޯލްޑް ލީގް ގުޅިގެން އިންތިޒާމުކުރި މި ސަމިޓަކީ، ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ މެދު މަޝްވަރާކުރުމަށާއި، ދީނީ އިސްވާރުންގެ ދައުރާ ގުޅޭގޮތުން ޚިޔާލު ބަދަލުކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ދީނީ އިލްމުވެރިންނާއި ސިޔާސަތު ކަނޑައަޅާ ފަރާތްތައް އެއްތަންވި މުހިންމު ބައްދަލުވުމެކެވެ.

Ad by Hajj Corporation
މި ސަމިޓުގައި ވާހަކަ ދައްކަވަމުން ވަޒީރު ޑރ. ޝަހީމް ވިދާޅުވީ، ހަލުވިކަމާއެކު ބަދަލުވަމުންދާ ދުނިޔޭގައި ކުރިއަށްދިއުމަށްޓަކައި، ތައުލީމާއި، މާތް އަޚުލާގާއި، ހުނަރުތަކުގެ އެހީގައި ޒުވާނުން ބާރުވެރިކުރުވުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ. އަދި ޒުވާނުން ބިނާކުރުމަށް ކުރެވޭ މިފަދަ މަސައްކަތްތަކަކީ ޒަމާނީ ގޮންޖެހުންތަކުން އަރައިގަތުމަށާއި، ޑިޖިޓަލް އިންގިލާބާއި އާޓިފިޝަލް އިންޓެލިޖެންސްގެ ފުރުސަތުތަކުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުމަށް އޮތް އެންމެ މުހިންމު މަގުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"ޒުވާނުންނަށްޓަކައި ކުރެވޭ އިންވެސްޓްމަންޓަކީ މުސްތަގުބަލަށްޓަކައި ކުރެވޭ އިންވެސްޓްމަންޓެއް،" ޒަމާނީ ޓެކްނޮލޮޖީއަށް އަހުލުވެރި، އޮޅުންބޮޅުން ބޮޑު މި ދުނިޔޭގައި ކާމިޔާބު ހޯދުމަށް ބޭނުންވާ ވަސީލަތްތައް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމުގެ މުހިންމުކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވިއެވެ.
މީގެއިތުރުން، މި ސަމިޓު އިންތިޒާމުކޮށްދެއްވި ކަމަށްޓަކައި މެލޭޝިޔާ ސަރުކާރަށާއި ބޮޑުވަޒީރު އަންވަރު އިބްރާހީމަށް ވަޒީރު ޝުކުރު އަދާކުރެއްވިއެވެ. އަދި އިސްލާމީ އުންމަތުގައި މެދުމިންކަމާއި، ސުލްހަވެރިކަން ގާއިމުކުރުމަށް ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް-ސުޢޫދު އާއި ވަލީއަހުދު މުޙައްމަދު ބިން ސަލްމާން ކުރައްވަމުންދާ މަސައްކަތްޕުޅުތައް ފާހަގަކުރައްވައި އެ ގައުމުގެ ލީޑަޝިޕަށް ވެސް ޝުކުރު ދެންނެވިއެވެ.
ހަމައެއާއެކު، މުސްލިމް ވޯލްޑް ލީގާއި އެ ޖަމާއަތުގެ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ބިން ޢަބްދުލްކަރީމް އަލް-ޢީސާ، ދީނީ ހަމަޖެހުމާއި، ތަފާތު ސަގާފަތްތަކުގެ މެދުގައި އެކުވެރިކަން އާލާކުރުމަށް ކުރައްވާ މަސައްކަތްޕުޅުތަކަށް ވަޒީރު ތައުރީފުކުރެއްވިއެވެ.
މި ބައިނަލްއަގުވާމީ ސަމިޓަކީ މިއަދުގެ ގުޅިފައިވާ ދުނިޔޭގައި އެއްބައިވަންތަކަމާއި، ކެތްތެރިކަމާއި، ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ދެމެހެއްޓުމަށްޓަކައި ދުނިޔޭގެ ފެންވަރުގައި ބޭއްވޭ މުހިންމު މަޝްވަރާގެ މައިދާނެކެވެ.


