ޙައްޖުވެރިންނަށް ޚިދުމަތް ދިނުން ވަރަށް ފުރިހަމަ، މިނިސްޓަރު ޝަހީމްގެ ތައުރީފު ޙައްޖު ކޯޕަރޭޝަނަށް
5 ޖޫން 2026 - 13:18

މިއަހަރުގެ ބަރަކާތްތެރި ޙައްޖުގެ މަތިވެރި އަޅުކަން ކާމިޔާބުކަމާއެކު ނިމިފައިވާއިރު، ދިވެހި ޙައްޖުވެރިންނަށް ޚިދުމަތް ދިނުމުގައި ދިވެހިރާއްޖޭގެ ޙައްޖު ކޯޕަރޭޝަނުން ދެއްކެވި ނަމޫނާ މަސައްކަތްޕުޅަށް އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަރަށް ބޮޑަށް ތައުރީފު ކުރައްވައިފިއެވެ.
މިނިސްޓަރު ޝަހީމް ވިދާޅުވީ، ﷲ ގެ ފަޟުލުވަންތަވެރިކަމުން މިއަހަރުގެ ޙައްޖުގެ އަޅުކަން ކާމިޔާބުކަމާއެކު ނިމިގެން ދިޔައިރު، ޙައްޖުވެރިންގެ ކަންކަން މެނޭޖްކުރުމުގައްޔާއި ޚިދުމަތް ދިނުމުގައި ޙައްޖު ކޯޕަރޭޝަނުން ދައްކައިދިނީ އުފާކުރުން ޙައްޤު ފުރިހަމަ ޚިދުމަތެއް ކަމަށެވެ. އަދި ދިވެހި ރައްޔިތުންނަށް ޙައްޖުގެ އަޅުކަން ފަސޭހަކަމާއެކު އަދާކުރެވޭނެ ފުރިހަމަ އިދާރީ ނިޒާމެއް ރާއްޖޭގައި ޤާއިމުވެފައިވާކަން އެ ކޯޕަރޭޝަނުން ކަށަވަރުކޮށްދީފައިވާ ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

Ad by Hajj Corporation
މި ކާމިޔާބީގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދައުރު ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، ދިވެހި ޙާޖީންގެ ކަންކަން ފަސޭހަަކަމާއި ފުރިހަމަކަމާއެކު ކުރިއަށް ގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ ވަރަށް ގާތުން އިރުޝާދާއި އެހީތެރިކަން ދެއްވަމުން ގެންދަވާ ކަމަށެވެ. އިސްލާމީ ދާއިރާގެ ކަންކަމަށް ރައީސް ދެއްވާ ޚާއްޞަ އަހަންމިއްޔަތަށްޓަކައި މިނިސްޓަރު ވަނީ އެމަނިކުފާނަށް ޝުކުރު އަދާކުރައްވާފައެވެ.
މީގެ އިތުރުން، މިއަހަރު ދިވެހި ޙައްޖުވެރިންނަށް "މައްކާ ރޫޓް އިނީޝިއޭޓިވް" ގެ ޚިދުމަތް ދެއްވުމަށް ސަޢޫދީ ސަރުކާރުން ނިންމެވި ނިންމެވުމަކީ ރާއްޖޭގެ ޙައްޖުގެ ނިޒާމަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެއްގެ ގޮތުގައި މިނިސްޓަރު ސިފަކުރެއްވިއެވެ.
މިއަހަރުގެ އިންތިޒާމްތައް ފުރިހަމަކުރުމަށް ޙައްޖު ކޯޕަރޭޝަނުން ކުރި މަސައްކަތުގެ އަގުވަޒަންކުރައްވައި، އެ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަކީލާއި، މުވައްޒަފުންނާއި، ޙާޖީންގެ އެހީތެރިންނާއި، ޞިއްޙީ ޚިދުމަތްތެރިންގެ އިތުރުން، އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓްރީގެ ޙައްޖާއި ޢުމްރާ ސެކްޝަނާއި މައްކާގައި ޤާއިމުކުރި ޙައްޖު މިޝަނަށްވެސް މިނިސްޓަރު ވަނީ ޝުކުރު ދަންނަވާފައެވެ.
ޙައްޖުގެ ކަންކަން ފުރިހަމަކަމާއެކު ނިމިގެން ދިއުމުގައި ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުން ވެދެއްވި އެހީތެރިކަން ފާހަގަކުރައްވައި، ސަޢޫދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލު ސަޢުދުއާއި، ވަލީއަހުދު މުޙައްމަދު ބިން ސަލްމާނަށް މިނިސްޓަރު ޝުކުރު އަދާކުރެއްވިއެވެ. އަދި ސަޢޫދީގެ މިނިސްޓްރީއޮފް ޙައްޖު އެންޑް ޢުމްރާއާއި، މިނިސްޓްރީ އޮފް އިންޓީރިއާގެ މަސައްކަތްތަކަށްވެސް ތައުރީފު ކުރެއްވިއެވެ.
މިނިސްޓަރު ޝަހީމް އިތުރަށް ވިދާޅުވީ، ކުރިއަށް އޮތް ތަނުގައިވެސް ރާއްޖޭގެ ރައްޔިތުންނަށް ޙައްޖާއި ޢުމްރާގެ އަޅުކަން އަދާކުރުމުގައި ފަސޭހަކަމާއެކު ޚިދުމަތް ލިބޭނެ ނިޒާމު އިތުރު ހަރުފަތަކަށް ގެންދިއުމަށް މިނިސްޓްރީން މެދުނުކެނޑި މަސައްކަތް ކުރަމުންދާނެ ކަމަށެވެ.


