ދާއިރާގެ މަންފާއަށްޓަކައި ސިނާން ޕީއެންސީގެ ޓިކެޓް ދޫކޮށްލައިފި
29 އޭޕްރީލު 2026 - 07:44

އަންނަ ޖޫން މަހުގެ ހަވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އައްޑޫ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރުމަށް ސަރުކާރު ހިންގާ ޕީއެންސީގެ ޓިކެޓް ކާމިޔާބު ކުރެއްވި ނަމަވެސް، އެ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ސިނާން އިންތިޚާބުގައި ވާދަނުކުރައްވަން ނިންމަވައިފި އެވެ.
ސިނާން މިގޮތަށް ނިންމެވީ ދާއިރާގެ ރައްޔިތުންގެ މަންފާއަށާއި ޕާޓީއަށް މި ގޮނޑި ކާމިޔާބުކޮށްދިނުމަށް އެންމެ މަސްލަހަތު ހުރި ގޮތަކީ އެއީ ކަމަށް ފެންނާތީ ކަމަށް އޭނާ ވިދާޅުވި އެވެ.

Ad by Hajj Corporation
މިކަމާ ގުޅޭގޮތުން ނެރުއްވި ބަޔާނެއްގައި ސިނާން ވިދާޅުވީ، ޕާޓީގެ އެތެރޭގެ ޕްރައިމަރީގައި އޭނާއަށް ތާއީދުކޮށް ވޯޓްދެއްވި ހުރިހާ މެންބަރުންނަށް ޝުކުރު ދަންނަވާ ކަމަށެވެ. އަދި އިންސާފުވެރިކަމާއެކު ޕްރައިމަރީ ބާއްވައި، އޭނާގެ ކާމިޔާބީއަށް ޕާޓީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި ޕާޓީގެ ލީޑަރޝިޕުން ވިދާޅުވި މަރުޙަބާއަށްވެސް އޭނާ ޝުކުރު އަދާކުރެއްވި އެވެ.
ސިނާން އިތުރަށް ހާމަކުރެއްވި ގޮތުގައި، މި ނިންމުން ނިންމެވީ ވޭތުވެދިޔަ ތިން ދުވަހު ދާއިރާގެ ގިނަ އަދަދެއްގެ ރައްޔިތުންނާ ބައްދަލުކޮށް ކުރެވުނު މަޝްވަރާތަކަށް ފަހުގައެވެ.
"މިފަހަރު މިގޮނޑި ޕާޓީއަށް ކާމިޔާބުވާން އެންމެ ފަހިވާނީ އަޅުގަނޑު ފަހަތަށް ޖެހި، އެހެން އައު ބޭފުޅަކަށް ފުރުޞަތު ދީގެން ކަމަށް ފެންނާތީ އެގޮތަށް ނިންމީ،" ސިނާން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މި ނިންމުން މިހާރު ޕާޓީގެ ރައީސަށާއި ލީޑަރޝިޕަށް އަންގާފައިވާ ކަމަށާއި، ޕާޓީގެ ލީޑަރޝިޕުން އެ ނިންމުމަށް އިޚްތިރާމާއެކު ބަލައިގެންފައިވާ ކަމަށެވެ. އިންތިޚާބުގައި ވާދަނުކުރެއްވި ނަމަވެސް، ޕީއެންސީން ދައްކާ ކެނޑިޑޭޓަކު ހޮވުމަށްޓަކައި އެންމެ އިސް ސަފުގައި ހަރަކާތްތެރިވާނެ ކަމުގެ ޔަޤީންކަން ސިނާން ވަނީ ދެއްވާފަ އެވެ.
"ޕާޓީން ކެނޑިޑޭޓެއް ދެއްކިހާ އަވަހަށް އަޅުގަނޑު އެ ކެނޑިޑޭޓާއެކު ރައްޔިތުންގެ ގާތަށް ދާނަން. އަޅުގަނޑުގެ އިޚްލާސްތެރި އެދުމަކީ ހުރިހާ ރައްޔިތުން އައު ރޫހެއްގައި ނުކުމެ ޕާޓީގެ ކެނޑިޑޭޓް އިންތިޚާބު ކޮށްދެއްވުން،" ސިނާންގެ ބަޔާން ނިންމަވާލައްވަމުން ވިދާޅުވިއެވެ.


