މަޖިލީހުން ވަޒީރުންނަށް ރުހުން ދީފި
29 އޭޕްރީލު 2026 - 09:38

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަޒީރުންގެ މަޖިލީހަށް ގެންނެވި ބަދަލުތަކާއެކު، ހުވާކުރެއްވި 14 ވަޒީރުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.
މަޖިލީހުން މިގޮތަށް ފާސްކުރީ، ރައީސުލްޖުމްހޫރިއްޔާ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ މަޖިލީހަށް ފޮނުއްވުމުން މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން އެ ވަޒީރުންނަށް ރުހުންދޭން ފާސްކުރުމާ ގުޅިގެންނެވެ.
ވަޒީރުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ބަދަލު ގެންނެވީ، މި މަހުގެ 14 އަދި 15ގައެވެ. އެގޮތުން، ވަޒީރުންގެ މަޖިލީހުގެ އަދަދު 20 އިން 15 އަށް މަދުކުރައްވާފައިވާއިރު، އެމަނިކުފާނު ވަނީ އެމަނިކުފާނުގެ ވަޒީރުންގެ މަޖިލީހަށް އައު 5 ވަޒީރަކު އައްޔަން ކުރައްވާފައެވެ. އަދި އެމަނިކުފާނުގެ ވަޒީރުންގެ މަޖިލީހުގައި ކުރިން ހިމެނިވަޑައިގެންނެވި 9 ވަޒީރަކު ވަނީ ވުޒާރާތަކަށް ގެންނެވި ބަދަލުތަކާއެކު އަލުން ހުވާ ކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވަޒީރުންގެ މަޖިލީހަށް ގެންނަވާ ބަދަލުތަކާއެކު މަޤާމުގެ ހުވާކުރައްވާ ވަޒީރުންނަށް ޤާނޫނީ ބާރުވެރިކަން ލިބިގެންދާނީ، ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިގެންނެވެ.
މަޖިލީހުން ވަޒީރުންނަށް ރުހުން ދިނުމަށް ވޯޓަށް އަހާފައިވަނީ، ކޮންމެ ވަޒީރަކަށް ވަކިންނެވެ.
މަޖިލީހުން ރުހުން ދީފައިވާ ވަޒީރުންނާއި ރުހުންދޭން ފެންނަ ކަމަށް ވޯޓު ދެއްވި މެންބަރުންގެ އަދަދު

Ad by Hajj Corporation
- ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު ޙަސަން ރަޝީދު/ 76 މެންބަރުން
- މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު މޫސާ ޒަމީރު/ 76 މެންބަރުން
- ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން/ 70 މެންބަރުން
- ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް/ 75 މެންބަރުން
- ތަޢުލީމާއި މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު/ 72 މެންބަރުން
- ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީ/ 75 މެންބަރުން
- އިގުތިސާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު/ 65 މެންބަރުން
- މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް/ 73 މެންބަރުން
- އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު/ 74 މެންބަރުން
- ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން/ 73 މެންބަރުން
- ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު/ 75 މެންބަރުން
- ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު/ 64 މެންބަރުން
- ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް/ 68 މެންބަރުން
- މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޢަލީ ޝަރީފް/ 63 މެންބަރުން


