logo
Bank of Maldives

Bank of Maldives

ޚަބަރު

އިސްލާމްދީނުގެ އިލާހީ ޤާނޫނުތަކާއި ޤާނޫނު އަސާސީއާ ޚިލާފުވުމަކީ ބޮޑުވެގެންވާ ކުށެއް، ސާބިތުނުހިފޭ އިލްޒާމް އެޅުވުން ހުއްޓާލަންޖެހޭ: އިޤްބާލް

މުހައްމަދު މޫސާމުހައްމަދު މޫސާ
29 އޭޕްރީލު 2026 - 10:28
އިސްލާމީ ޤާނޫނާއި ޤާނޫނުއަސާސީއާ ޚިލާފުވުމަކީ ބޮޑު ކުށެއް، ސާބިތުނުހިފޭ އިލްޒާމް އެޅުވުން ހުއްޓާލަންޖެހޭ: އިޤްބާލް

އިސްލާމްދީނުގެ އިލާހީ ޤާނޫނުތަކާއި ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާ ޚިލާފުވުމަކީ ބޮޑުވެގެންވާ ކުށެއްކަމަށާއި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނުވަތަ އެހެން އެއްވެސް މީހެއްގެ ބޮލުގައި ސާބިތުނުހިފޭ އިލްޒާމް އެޅުވުމަކީ ކޮށްގެންވާނޭ ކަމެއް ނޫންކަމަށް މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް އިޤްބާލް އާދަމް މިއަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އިޤްބާލް މިފަދައިން ވިދާޅުވެފައިވަނީ ސޯޝަލް މީޑިއާގައި ކުރެއްވި ތަފްސީލީ ޕޯސްޓެއްގައެވެ. އިޤްބާލް ފާހަގަކުރެއްވި ގޮތުގައި އިސްލާމްދީނުގައި ކަންކަން ހަލާލް އަދި ހަރާމް ކުރައްވާފައިވަނީ އިންސާނީ ކަރާމާތާއި، ޢަދުލުވެރިކަމާއި، އަމަންއަމާންކަން ދެމެހެއްޓުމުގެ މަތިވެރި މަޤްޞަދުގައެވެ. އަދި އެކަކު އަނެކެއްގެ އަބުރާ ބެހުމާއި ހުތުރުބަހުން މުޚާޠަބުކުރުމަކީ މުޖުތަމަޢު ފަސާދަވެ، ނަފްރަތު އުފެދޭނޭ ކަންކަން ކަމުގައި އޭނާ ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

"ކޮންމެ އިންސާނަކީވެސް މާތްﷲ ގެ ޙަޟްރަތުގައި ޢިއްޒަތާއި ކަރާމާތް ލިބިގެންވާ މާތް މަޚްލޫޤެކެވެ. އިސްލާމީ ޝަރީޢަތް ބިނާވެފައިވަނީ މައިގަނޑު ފަސް ކަމެއް ކަމުގައިވާ ދީން، ނަފްސު، ނަސްލު، ބުއްދި، އަދި މުދާ ޙިމާޔަތްކުރުމުގެ މައްޗަށެވެ،" މިނިސްޓަރުގެ ޕޯސްޓުގައިވެއެވެ. އިސްލާމީ ޝަރީޢަތުގެ އަސާސީ މަޞްދަރުތަކަކީ ކީރިތި ޤުރުއާނާއި، ރަސޫލާގެ ސުންނަތާއި، ޢިލްމުވެރިންގެ އިޖުމާޢުކަންވެސް އޭނާ ހަނދާންކޮށްދެއްވިއެވެ.

ޙައްޤުތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން އިޤްބާލް ވިދާޅުވީ، ޙައްޤުތައް ލިބިގަތުމުގެ ކުރިން ކޮންމެ މީހަކުވެސް އެމީހެއްގެ މައްޗަށް އޮތް ވާޖިބުތައް އަދާކުރަންޖެހޭނެ ކަމަށެވެ. މުޖުތަމަޢުގެ އެންމެން ވާޖިބުތައް އަދާކޮށްފިނަމަ، އެންމެންގެ ޙައްޤުތައް ފުރިހަމައަށް ޙިމާޔަތް ކުރެވޭނެއެވެ. ނަމަވެސް، ދަލީލެއް ނެތި މީހުންގެ އަބުރާ ބެހުމާއި، ފުރައްސާރަކުރުމަކީ މުޖުތަމަޢު ފަސާދަވެ ނާތަހުޛީބުވުމަށް މެދުވެރިވާ ސަބަބެއްކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ސާބިތު ނުހިފޭ އިލްޒާމްތައް މީހުންގެ އިސްތަށިފުޅުގައި އެޅުވުމަކީ އިސްލާމްދީނާއި ޤާނޫނު އަސާސީއާ ޚިލާފު، ޖުނަހުގެ ދަރަޖައިގެ ކުށެއްކަން ބަޔާންކުރައްވަމުން، ޤަޛްފުކުރުމުގެ ނުރައްކާތެރިކަމަށް މިނިސްޓަރު އަލިއަޅުއްވާލެއްވިއެވެ. ޤަޛްފުކުރުމަކީ މީހަކަށް ޒިނޭގެ ތުހުމަތު އެޅުވުން ނުވަތަ ނަސަބު ނަފީކުރުން ކަމަށްވާއިރު، މިއީ ދުނިޔެއާއި އާޚިރަތުގައިވެސް ލަޢުނަތާއި ބޮޑުވެގެންވާ ޢަޛާބު ހުރި ޙަރާމް ކަމެކެވެ.

ޤަޛްފުގެ ޙައްދު ސާބިތުވާނޭ ގޮތްތަކާއި އޭގެ ޢުޤޫބާތްތަކަށް އިޝާރާތް ކުރައްވައި އިޤްބާލް ވިދާޅުވީ، ޤަޛްފުގެ ޢުޤޫބާތެއްގެ ގޮތުން 80 އެތިފަހަރުން ޙައްދު ޖެހުމާއި، އެމީހެއްގެ ހެކިބަސް ޤަބޫލުނުކުރުން ހިމެނޭ ކަމަށެވެ. މި ޙައްދު ކަނޑައެޅުއްވުމުގެ ބޭނުމަކީ މީސްތަކުންގެ އަބުރާއި، ޝަރަފާއި، ނަސަބު ރައްކާތެރިކޮށް ފާޙިޝް ވާހަކަތައް ފެތުރުން ހުއްޓުވުމެވެ.

މިނިސްޓަރު އިޤްބާލްގެ ވާހަކަފުޅު ނިންމަވާލެއްވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްތަށިފުޅުގައިވެސް އަދި އެހެން ބޭފުޅެއްގެ އިސްތަށިފުޅުގައިވެސް، ސާބިތު ނުހިފޭ އިލްޒާމެއް އެޅުވުމަކީ އެއްވެސް ޙާލެއްގައި ކޮށްގެންވާނޭ ކަމެއް ނޫންކަން ހަނދާންކޮށްދެއްވަމުންނެވެ. އަދި މުޖުތަމަޢު އިޞްލާޙުކުރުމަށްޓަކައި ކޮންމެ މީހަކުވެސް އަމިއްލަ ނަފްސަށް ތެދުވެރިވެ، އަނެކުންނަށް އިޙްތިރާމްކުރުމާއި، ރިވެތި އަޚްލާޤުގެ މަތީގައި ދެމިހުރުމަށް އޭނާ އިލްތިމާސްކުރެއްވިއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިސްލާމީ ޤާނޫނާއި ޤާނޫނުއަސާސީއާ ޚިލާފުވުމަކީ ބޮޑު ކުށެއް، ސާބިތުނުހިފޭ އިލްޒާމް އެޅުވުން ހުއްޓާލަންޖެހޭ: އިޤްބާލްޚަބަރު | ގަޑިއިރެއް ކުރިން ދައުރުކުރަމުންދާ ފޮޓޯގައިވާ ލަޔާލަކީ އަޅުގަނޑުގެ ދަރިއެއް ނޫން: މިނިސްޓަރު އިޤްބާލްޚަބަރު | އަހަރެއް ކުރިން