ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނިންމެވުމަށް ޕީއެންސީން މަރުހަބާ ކިޔައިފި
29 އޭޕްރީލު 2026 - 18:48

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުން ހުއްޓުވަން ޤާނޫނުއަސާސީއަށް ގެނައި އިސްލާހު ނެގެހެއްޓުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމެވި ނިންމެވުމަށް ސަރުކާރު ހިންގާ ޕާޓީ ޕީއެންސީން މަރުހަބާ ކިޔައިފިއެވެ.
އެ ޕާޓިން ނެރުނު ބަޔާނެއްގައި ބުނީ، ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް 6 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެ މެންބަރުން އިންތިޚާބުކުރެއްވި ރައްޔިތުންގެ ނިންމުމާ ދެކޮޅަށް ސިޔާސީ ޕާޓީ ބަދަލުކުރެއްވުން ދުސްތޫރީ ގޮތުން މަނާވާނެ ގޮތަށް ގެނެވުނު އިޞްލާޙު ދެމެހެއްޓެވުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމި ނިންމުމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސްއިން މަރުޙަބާ ކިޔާ ކަމަށެވެ.

Ad by Hajj Corporation
އެ ޕާޓީގެ ބަޔާނުގައި ބުނި ގޮތުގައި، ސުޕްރީމް ކޯޓުގެ މިއަދުގެ ނިންމެވުމުގައި ފާހަގަކުރެއްވި މުހިއްމު ނުކުތާތަކުގެ ތެރޭގައި އެންޓި-ޑިފެކްޝަން ނުވަތަ ޕާޓީ ބަދަލުކުރުން މަނާކުރުމުގެ އުޞޫލަކީ ދުނިޔޭގެ ޑިމޮކްރެޓިކް ޤައުމުތަކުގައި ތަންފީޒުކުރެވޭ އުސޫލެއްކަމާއި ދިވެހިރާއްޖެ ފަދަ ރިޔާސީ ނިޒާމުގެ މައްޗަށް ބިނާވެފައިވާ ޤާނޫނުއަސާސީތަކަށް ޢަމަލުކުރަމުންދާ ޤައުމުތަކުގައިވެސް މިފަދަ އުޞޫލުތައް ތަޠުބީޤުކުރަމުންދާކަން އަދި އެ ޤައުމުތަކުގެ ޤާނޫނުއަސާސީތަކުގައި އުޞޫލު އެކަށައަޅާފައި ހުރިކަން ފާހަގަކޮށްފައިވެއެވެ.
އަދި މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުން މަނާކުރުމުގެ އުޞޫލަކީ ރައްޔިތުންގެ މަޖިލީހުގެ އިސްތިޤުރާރު ނަގަހައްޓައި ސިޔާސީ ޕާޓީތަކުގެ ނިޒާމު ހަރުދަނާކޮށްދޭނެ ކަމެއްގެ ގޮތުގައި ސުޕްރީމް ކޯޓުން ސިފަކޮށްފައިވެއެވެ. އިތުރަށް އެ ނިންމެވުމުގައި ފާހަގަކޮށްފައިވަނީ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރެއްވުން މަނާކުރުމަކީ ޤާނޫނުއަސާސީން ކަށަވަރުކޮށްދޭ އެއްވެސް ޙައްޤަކަށް އުނިކަން ލިބޭނެ ކަމެއް ނޫންކަމަށެވެ.
އިތުރަށް ޙުކުމުގައި ބުނެފައިވަނީ މަޖިލީހުގެ މެންބަރުން ދައުރުގެ ތެރޭގައި މަޖިލީހުގެ މަޤާމުގައި ތިއްބަވާނެ ގޮތުގެ އޮނިގަނޑު ޤާނޫނުއަސާސީގައި ބަޔާންކޮށްފައި އޮތް ގޮތަށް ގެނެވުނު އިޞްލާޙަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިންތިޚާބީ މެންޑޭޓުގެ އަސްލަށް ބަދަލެއް އަދި އުނިކަމެއް ނާންނާނެކަން ކަށަވަރުކޮށްދޭނެ އިޞްލާހެއް ކަމަށެވެ.
ތަޅުން ހުރަސްކޮށް ޕާޓީ ބަދަލުކުރުން މަނާކުރުމުގެ އުޞޫލަކީ ރައްޔިތުންގެ މަންދޫބުންގެ ނަޒާހަތްތެރިކަން އިތުރަށް ހަރުދަނާކޮށް ރައްޔިތުންނަށް ޖަވާބުދަރީވުން އިތުރުކުރުމުގެ ގޮތުން އެހެނިހެން ޑިމޮކްރެޓިކް މުޖުތަމައުތަކުގައިވެސް އަމަލުކުރަމުންދާ އުޞޫލެއްކަން، ސުޕްރީމް ކޯޓުން ފާހަގަކުރިއެވެ.
ޕީއެންސީން ބުނީ، ސުޕްރީމް ކޯޓުގެ ޙުކުމުގައި ބަޔާންކުރި ޙަޤީޤަތްތަކުގެ އަލީގައި ސަރުކާރުން ހުށަހަޅައި، އެ ޕާޓީގެ އަޣުލަބިއްޔަތު އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުން ޤާނޫނުއަސާސީއަށް ގެނައި މި އިޞްލާޙަކީ، ރާއްޖޭގެ ސިޔާސީ ނިޒާމު އިތުރަށް ހަރުދަނާކޮށް ކޮރަޕްޝަނާއި ފަސާދައިން ސަލާމަތްކޮށް ޤާނޫނު ހަދާ މަޖިލީހުގެ ނަޒާހަތްތެރިކަން އިތުރުކުރުމުގެ ހެޔޮ ނިޔަތުގައި ގެނައި ބަދަލެއްކަން ޔަޤީންވާނެ ކަމަށެވެ. މި ބަދަލުގެ ބޭނުމަކީ ގިނަ ޕާޓީ ބައިވެރިވާ ޑިމޮކްރެޓިކް ނިޒާމަށް އަމަލުކުރަން ފެށިފަހުން، ރާއްޖޭގެ ސިޔާސީ މައިދާނުން ފެންނަމުން އައި ނޭދެވޭ ކަންކަމުން، އަރައިގަތުމަށް މަގުކޮށުން ކަމަށް ވެސް ވަނީ ބުނެފައެވެ.
ރައީސުލްޖުމްހޫރިއްޔާ އަދި އެ ޕާޓީގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅަކީ ދިވެހިރާއްޖޭގެ ސިޔާސީ ނިޒާމުގައި ހުރި މިފަދަ އުނިކަންކަން އިޞްލާޙުކުރައްވައި، ހަމަޖެހުމާއި ތަރައްޤީއަށް މަގުފަހިވާނެ ގޮތަށް، ރާއްޖޭގެ ކަންކަން ތަރުތީބުކުރެއްވުމާއެކު އެންމެހައި ރައްޔިތުންގެ އަސާސީ ޙައްޤުތަކާއި މިނިވަންކަން ކަށަވަރުކޮށްދެއްވުން ކަމަށް ޕީއެންސީން ބުންޏެވެ. އެ ޕާޓީން ކުރިއަށް އޮތް ތަނުގައިވެސް ޢަމަލުކުރަމުން ދާނީ ޑިމޮކްރަސީގެ އުޞޫލުތަކާ އެއްގޮތަށް، ދިވެހިރާއްޖޭގެ ރައްޔިތުންނަށް އެންމެ ލާބަހުރި ގޮތަށްކަމުގެ ޔަގީންކަން ވަނީ ދީފައެވެ.


