ޚަތިމުގައި އަތްލައި ހުވާވެސްކޮށްފާނަން؛ ރައީސް މުއިއްޒާ ދެކޮޅަށް ފަތުރާ ވާހަކަތަކަކީ ބުހުތާނު ދޮގު: ފަލާހް
14 މޭ 2026 - 17:35

އިދިކޮޅު ފަރާތްތަކުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާ ބެހޭ ގޮތުން ފަތުރަމުން އަންނަނީ ބޮޑެތި ބުހުތާނު ދޮގު ކަމަށާއި، އެމަނިކުފާނު ހުތުރު އަމަލެއް ނުކުރައްވާނެ ކަމަށް ހަތިމުގައި އަތްލައްވައިފައި ހުވާ ވެސް ކުރައްވައިފާނެ ކަމަށް ކޮންގްރެސް ޕާޓީގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހް ވިދާޅުވެއްޖެއެވެ.
މެމްބަރު ފަލާހު މިފަދައިން ވިދާޅުވީ ވެރިކަންކުރާ ކޮންގްރެސް ޕާޓީން މިރޭ ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

Ad by Hajj Corporation
މެމްބަރު ފަލާހް ވިދާޅުވީ ސިޔާސީ ހަރަކާތްތަކުގެ ނަމުގައި އިދިކޮޅު ފަރާތްތަކުން ވަރަށް ދަށު ދަރަޖައިގެ ކަންކަން ކުރަމުންދާ ކަމަށެވެ. އަދި މީގެ ކުރީގެ ޕީޕީއެމް ވެރިކަމުގައި ވެސް އޭރުގެ އިސްވެރިންނާ ދެކޮޅަށް އެމްޑީޕީން ހަގީގަތާ ޚިލާފު ވާހަކަތައް ފެތުރި ކަމަށް މެމްބަރު ފަލާހް ވިދާޅުވިއެވެ.
ރައީސްއާ ދޭތެރޭގައި 100 ޕަސެންޓު އެކަނި ނޫން ކަމަށާއި އެ ދައްކާ ހަޑިހުތުރު ވާހަކަތަކާ ދޭތެރޭގައި ރައީސް އެފަދަ ކަމެއް ނުކުރައްވާނެކަމުގެ 100 ޕަސެންޓު ޔަގީންކަން އެބައޮތް ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
ޚަތިމުގައި އަތްލާފައި ހުވާވެސް ކޮށްފާނަން ކަމަށް ވިދާޅުވަނީ އެވަރަށް އިތުބާރު ކުރައްވާތީ ކަމަށް ފަލާހް ވަނީ ފާހަގަކުރައްވާފައެވެ.
މެމްބަރު ފަލާހް މިފަދައިން ވިދާޅުވެފައި މި ވަނީ ރާއްޖޭގެ ނޫހަކުން ރައީސް ޑރ. މުއިއްޒަށް ބޮޑެތި ތުހުމަތުތަކެއްކޮށް ތައްޔާރުކުރި ވީޑިއޯއެއް އާންމުކޮށްފައިވާ ދަނޑިވަޅެއްގައެވެ.
އެ ވީޑިއޯއާ ގުޅޭ ގޮތުން ވާހަކަނުދެއްކުމަށް ކްރިމިނަލް ކޯޓުގެ ގެގް އޯޑަރަކުން އަމުރުކޮށްފައި ވަނިކޮށް، އެ ނޫހުގެ ނޫސްވެރިއަކު ރައީސް އޮފީހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސާ އެކަމާ ގުޅޭ ސުވާލުކޮށް ކޯޓު އަމުރާ ޚިލާފުވިއެވެ. ގެގް އޯޑަރާ ޚިލާފަށް ޚަބަރު ލިޔުނު މައްސަލައެއްގައި ކުށް ސާބިތުވި ނޫސްވެރިޔަކާއި ކޯޓުގެ ހުރުމަތް ކެނޑިކަން ސާބިތުވެ ރައީސާ ސުވާލުކުރި ނޫސްވެރިޔާ ވެސް ވަނީ ޖަލަށް ލައިފައެވެ.


