ރައީސް މުއިއްޒަށް ޕީއެންސީގެ ރިޔާސީ ޓިކެޓް އަރުވައިފި
18 ސެޕްޓެމްބަރު 2026 - 18:09

ރިޔާސީ ދެވަނަ ދައުރަކަށް ވާދަކުރެއްވުމަށްޓަކައި ވެރިކަން ކުރާ ޕީއެންސީގެ ރިޔާސީ ޓިކެޓް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ރަސްމީކޮށް އަރުވައިފި އެވެ.
ޕީއެންސީގެ ކޮންގްރެސްގެ ތެރެއިން ރައީސް މުއިއްޒަށް ރިޔާސީ ޓިކެޓް ދިނުމަށް އިއްޔެގެ ވަގުތެއްގައި ހުށަހެޅީ ފުވައްމުލަކު ދެކުނު ދާއިރާގެ ހާއްސަ މަންދޫބުގެ ގޮތުގައި ކޮންގްރެސްގައި ބައިވެރިވި އަބްދުﷲ އިބްރާހީމް އެވެ. އޭނާގެ ހުށަހެޅުމަށް ވޯޓަށް އެހުމުން އެ ހުށަހެޅުން ފާސްވީ ވޯޓުގައި ބައިވެރިވި 1،119 މަންދޫބުންގެ އިއްތިފާގުންނެވެ.
ރައީސް މުއިއްޒަށް ރިޔާސީ ޓިކެޓް އެރުވީ މިދިޔަ އަންގާރަ ދުވަހު ފެށި ޕީއެންސީގެ ކޮންގްރެސް ނިންމުމަށް މާލޭގެ ސޯޝަލް ސެންޓަރުގައި މިރޭ ބޭއްވި ރަސްމިއްޔާތުގެ ތެރެއިންނެވެ. ރިޔާސީ ޓިކެޓް ރައީސް މުއިއްޒުގެ އަތްޕުޅަށް އެރުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ އެވެ.
ޕީއެންސީގެ އަސާސީ ގަވާއިދުގެ 88 ވަނަ މާއްދާގެ (ބ) ގައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވީ އެ ޕާޓީގެ ބޭފުޅެއް ކަމުގައިވެފައި އެ ބޭފުޅަކު ރިޔާސީ ދެވަނަ ދައުރަކަށް ކުރިމަތިލެއްވުމަށް ޕާޓީގެ މެންބަރުންގެ މަޖިލީހަށް ނުވަތަ ކޮންގްރެސް އަށް ހުށަހަޅައި ފާސްވެއްޖެނަމަ ރިޔާސީ ޕްރައިމަރީއަކާ ނުލައި އެ ބޭފުޅަކަށް ރިޔާސީ ޓިކެޓް ލިބޭނެ އެވެ.
ރައީސް މުއިއްޒަށް ރިޔާސީ ޓިކެޓް އެރުވުމަށް ކޮންގްރެސްއަށް ހުށަހެޅި ގަރާރުގެ ބަހުސްގައި ވާހަކަދެއްކެވި ހުރިހާ ބޭފުޅުންވެސް ވަނީ އެމަނިކުފާނަށް ރިޔާސީ ދެވަނަ ދައުރެއް ދިނުން ހައްގު ކަމަށް ވިދާޅުވެ ވާހަކަދައްކަވާފަ އެވެ.
ރިޔާސީ އިންތިހާބުގައި 2023 ވަނަ އަހަރުވެސް ރައީސް މުއިއްޒު ވާދަކުރެއްވީ ޕީއެންސީގެ ޓިކެޓުގައެވެ.

Ad by Hajj Corporation


