އެމްއޭސީއެލްއިން ޖެޓް ފިއުލް ލީޓަރަކުން 24 ސެންޓް ހެޔޮކޮށްފި
30 އޭޕްރީލު 2026 - 06:38

މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ރާއްޖޭގައި ޖެޓް ފިއުލްގެ އަގު ބޮޑުވުމަށްފަހު، ސަރުކާރާއި އެމްއޭސީއެލް ގުޅިގެން ކުރި މަސައްކަތުން ޖެޓް ފިއުލް ލީޓަރަކުން 24 ސެންޓް ކުޑަކޮށްފިއެވެ.
މިއީ އުދުހުންތަކުގެ އަގުތައް ބޮޑުވެފައިވާ ދަނޑިވަޅެއްގައި ލިބުނު ވަރަށް ބޮޑު ލުޔެކެވެ. މީގެ އިތުރުން ތެލުގެ ސަޕްލައި ޔަގީންކުރުމަށްޓަކައި އޮމާން ނޫން އެހެން ގައުމުތަކުންވެސް ތެޔޮ ގެނެވޭނެ ގޮތްތައް ސަރުކާރުން އަންނަނީ ހޯދަމުންނެވެ.

Ad by Hajj Corporation
މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން އުފައްދާފައިވާ މިނިސްޓަރުންގެ ކޮމިޓީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ، ޖެޓް ފިއުލްގެ އަގު ބޮޑުވުމަކީ ވަރަށް ގިނަ ބަޔެއްގެ ކަންބޮޑުވުމެއް ކަމަށެވެ. އެކަމާ ގުޅިގެން، ސަރުކާރުން އެމްއޭސީއެލްއާއެކު ވަރަށް ބޮޑަށް މަސައްކަތްކޮށްގެން ޖެޓް ފިއުލްގެ ކޮންމެ ލީޓަރަކުން 24 ސެންޓް ކުޑަކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެހެންކަމުން މީގެއިން މި ދައްކައިދެނީ ހަނގުރާމައިގެ ހާލަތު ބަދަލުވެ، މިޑްލްއީސްޓްގެ ކޮރިޑޯތައް ހުޅުވެމުންދާ ވަރަކަށް ރާއްޖެއަށް ވަމުންދިޔަ ގެއްލުން ކުރިއަށް އޮތް ހަފުތާ ނުވަތަ ދެ ހަފުތާއެއް ތެރޭގައި އަލިކަމެއް ފެންނާނެ ކަމުގެ ނިޝާންތައް ކަމަށް މިނިސްޓަރ އަމީން ވިދާޅުވިއެވެ.
އެމްއޭސީއެލްއަށް ޖެޓް ފިއުލް ސަޕްލައިކުރާ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އިން އެންމެ ގިނައިން އެތެރެކުރަނީ އޮމާނުގެ ރިފައިންޑް ޕެޓްރޯލިއަމް އުފެއްދުންތަކެވެ. އޭގެ ސަބަބުން މެދުއިރުމަތީގައި ހިނގާ ކޮންމެ، ބޮޑު ހަމަނުޖެހުމަކާއެކު ރާއްޖެއަށް ތެޔޮ ގެންނަން ހުރަސް އެޅުމުގެ ފުރުސަތު އޮވެއެވެ.
އީރާން ހަނގުރާމަ ފެށުނު ފަހުން މި ސަރުކާރުން ވަނީ، އޮމާން ނޫން އެހެން ބައެއް ގައުމުތަކުން ވެސް ތެޔޮ ގެނެވޭނެ ގޮތްތައް ހޯދަމުން އަންނަ ކަމަށް ބުނެފައެވެ.


