ބޭސް އެތެރެކުރުން ސްޓޭޓް ފާމާއާ ހަވާލުކުރަނީ
30 އޭޕްރީލު 2026 - 08:03

ރާއްޖެއަށް ބޭސް އެތެރެ ކުރުމުގެ ހުރިހާ މަސައްކަތްތައް މި އަހަރުގެ މެދުތެރޭގައި، ސަރުކާރުން ބޭސް އެތެރެކުރުމަށް އުފައްދާފައިވާ ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން (ސްޓޭޓް ފާމާ) އާ ހަވާލުކުރެވޭނެ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޒަމީރު ވިދާޅުވީ، ރާއްޖެއަށް ބޭސް އެތެރެ ކުރުމުގެ މަސައްކަތް ކުރުމަށް ސްޓޭޓް ފާމާއާ ހަވާލު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް މިވަގުތު ކުރަމުން އަންނަ ކަމަށެވެ. އެގޮތުން، މި އަހަރުގެ މެދުތެރޭގައި އެ މަސައްކަތް އެއްކޮށް ސްޓޭޓް ފާމާއާ ހަވާލުކުރެވޭނެ ކަމަށް ވިދާޅުވިއެވެ.

Ad by Hajj Corporation
މިނިސްޓަރު ވިދާޅުވި ގޮތުގައި، މިހާރުވެސް ރާއްޖެއިން ނުލިބޭ ބޭސްތައް އައިޖީއެމްއެޗްއަށް ގެނައުމުގެ މަސައްކަތް ސްޓޭޓް ފާމާއިން އަންނަނީ ކުރަމުންނެވެ. އަދި ބޭސް ސިޓީ ލިބޭތާ 14 ދުވަހުގެ ތެރޭގައި ބޭސް ލިބޭނެ އިންތިޒާމްތައް ހަމަޖައްސާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.އެއާއެކު، މާލޭގެ އިތުރުން އާބާދީ ބޮޑެރި ރަށްރަށުގައި ވަރަށް އަވަހަށް ސްޓޭޓް ފާމާގެ ބޭސް ފިހާރަތައް ހުޅުވައި، ބޭސް ލިބުމުގައި ހުރި ދަތިތަކަށް ހައްލު ލިބިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ބައެއް ބާވަތްތަކުގެ ބޭސް ރާއްޖެއިން ނުލިބޭ ކަމުގެ ޝަކުވާއަށް ހައްލު ހޯދުމަށް، އެ ޝަކުވާތައް ހުށަހެޅުމަށް ހާއްސަ ހޮޓްލައިން ނަންބަރު (1505 )އެއް އެ ކުންފުނިން ވަނީ ތައާރަފުކޮށްފައެވެ. އެ ނަންބަރަކީ 24 ގަޑިއިރު ހިދުމަތް ދޭ ހޮޓްލައިން ނަންބަރެކެވެ. ކޯލް ސެންޓަރާއެކު ސްޓޭޓް ފާމާއިން ވަނީ، ބޭސް ސިޓީ އަޕްލޯޑް ކުރެވޭ ގޮތަށް ޕޯޓަލް އެއްވެސް ތައާރަފުކޮށްފައެވެ.
އަދި ރާއްޖޭގައި ބޭސް ނުލިބުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި، ރާއްޖެއިން ލިބެން ހުރި ބޭސްތަކުގެ މައުލޫމާތު އޮންލައިންކޮށް ބެލޭނެ ޒަމާނީ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތްވެސް އެ ކުންފުނިން ވަނީ ފަށާފައެވެ.


