ދީނުގައި މީސްތަކުންގެ ފުރާނައާ އެއްވަރަށް އެބައިމީހުންގެ އަބުރު ވެސް ޙުރުމަތްތެރިވެގެންވޭ: ހުތުބާ
1 މޭ 2026 - 05:20

އިސްލާމްދީނުގައި އިންސާނާގެ ފުރާނައާ އެއްވަރަށް އެ މީހެއްގެ އަބުރަކީ ވެސް ޙުރުމަތްތެރިވެގެންވާ އެއްޗެއްކަން މިއަދުގެ ހުކުރު ހުތުބާގައި ހަނދާންކޮށްދީފި އެވެ.
"ނަފުސާއި އަބުރަށް ރައްކާތެރިވާށެވެ!" މި މައުޟޫއަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިއްވި ހުތުބާގައި، އަމިއްލަ ނަފުސަށް އަނިޔާވެރިވުމާއި މީހުންގެ އަބުރަށް އަރައިގަތުމުގެ ނުރައްކާތެރިކަމުގެ މައްޗަށް ވަނީ ބަލާލާފަ އެވެ.

Ad by Hajj Corporation
ހުތުބާގައި ބަޔާންކޮށްފައިވާ ގޮތުގައި، އިސްލާމްދީނުގައި އެއްވެސް މީހަކަށް އޭނާގެ އަމިއްލަ ނަފުސަށް އަނިޔާވެރިވުމަކީ ހުއްދަ ކަމެއް ނޫނެވެ. އަހަރެމެންގެ ނަފުސަކީ މާތް ﷲ ދެއްވާފައިވާ އަމާނާތެއް ކަމަށާއި، އެ އަމާނާތަށް ގެއްލުންދިނުމަކީ ޙަރާމްކަމެއްކަން ހުތުބާގައި ފާހަގަކުރި އެވެ. މިގޮތުން އަމިއްލަ ނަފުސު ގަތުލުކުރާ މީހުންނަށް ނަރަކައިގެ ގަދަފަދަ އަޒާބު ހުރިކަމުގެ އިންޒާރު ކީރިތި ރަސޫލާ ﷺ ދެއްވާފައިވާކަން ހުތުބާގައި ހަނދާންކޮށްދިނެވެ.
އަބުރާ ބެހޭގޮތުން ވާހަކަދައްކަމުން ހުތުބާގައި ބުނީ، ހަނގާކުރުމާއި، ފުރައްސާރަކުރުމާއި، ހުތުރު ނަންތަކުން ގޮވައި މަލާމާތްކުރުމަކީ ދީނުގައި ނަހީކުރައްވާފައިވާ ކަންކަން ކަމަށެވެ. އަދި ޙައްޖަތުލްވަދާޢުގެ ހުތުބާގައި ރަސޫލާ ﷺ އިންސާނާގެ ލެޔާއި، މުދަލާއި، އަބުރުގެ ކަރާމާތް ހިމާޔަތްކުރެއްވުމަށް ބާރުއަޅުއްވާފައިވާކަން ވެސް ފާހަގަކުރި އެވެ.
މިއަދުގެ މުޖުތަމައުގައި ފެތުރެމުންދާ ގަނާކުރުމުގެ ވަބާއާ މެދު ހުތުބާގައި ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ގަނާކުރުމުގެ ސަބަބުން ކުށެއް ނެތް އެތައް ކުދިންނެއް ނަފުސާނީ ބަލިތަކަށް ހުށަހެޅި، ފުރާނަ ދޫކުރަމުންދާކަން ފާހަގަކޮށް، މިއީ ބޮޑުވެގެންވާ ފާފައެއް ކަމަށް ބުންޏެވެ. އަދި އަމިއްލަ ނަފުސު ދެކެ ލޯބިވާ ފަދައިން އަނެކާ ދެކެ ލޯބިނުވާ މީހަކީ ފުރިހަމަ މުއުމިނެއް ނޫންކަން ހުތުބާގައި ހަނދާންކޮށްދިނެވެ.
ޒުވާނުންނާއި ކުޑަކުދިންނަށް އިރުޝާދު ދެމުން ހުތުބާގައި ބުނީ، ސޯޝަލް މީޑިއާ ފަދަ ވަސީލަތްތައް ބޭނުންކުރުމުގައި ފަރުދާވެ ތިބެ ގޯނާކުރާ މީހުންނަށް ސަމާލުވުމަށެވެ. އަދި ތިމާ ފަޟީޙަތްވެދާނޭ ފަދަ ޒާތީ ސިއްރުތައް ނޭނގޭ މީހުންނާ ހިއްސާނުކުރުމަށާއި، ބިރުދެއްކުމާއި އިންޒާރުތަކުގެ ކުރިމަތީގައި ހިމޭނުން ނުތިބެ، ކެރިގެން އެކަންކަމާ ދެކޮޅަށް ތެދުވުމަށް ބާރުއެޅި އެވެ.
ހުތުބާ ނިންމާލަމުން، ކަމާބެހޭ މުއައްސަސާތަކަށާއި، ބެލެނިވެރިންނަށް އަދި މުދައްރިސުންނަށް ވަނީ މުހިންމު އިލްތިމާސްތަކެއް ކޮށްފަ އެވެ. އެގޮތުން ގަނާކުރުމާއި، ސައިބާ ކްރައިމް ފަދަ ކަންކަން ޤާނޫނުގެ އެހީގައި ހުއްޓުވުމަށާއި، ބެލެނިވެރިން ދަރިންގެ ކަންކަން ގާތުން ބަލައި، ދިމާވާ ހާސްކަމުގައި އަމިއްލަ ނަފުސަށް ގެއްލުންދިނުމަކީ ހައްލެއް ނޫންކަން ދީނީ ގޮތުންނާއި އިޖުތިމާއީ ގޮތުން ބުނެދިނުމަށް ވަނީ ގޮވާލާފަ އެވެ.


