"މިއަހަރު ވެގެންދާނީ މަސައްކަތްތެރިންނާ ގުޅުންހުރި މުހިންމު ގަވާއިދުތަކެއް ތަންފީޒުކުރެވޭ އަހަރަކަށް"
1 މޭ 2026 - 13:39

މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކުރުމަށް ކުރަންޖެހޭ ގިނަކަންކަން އަތުން ދޫވެފައިވާކަމަށާއި،އެހެންނަމަވެސް މިއަހަރު ވެގެންދާނީ މަސައްކަތްތެރިންގެ ޙައްގުތައް ކަށަވަރުކުރުމަށް، މަސައްކަތްތެރިންނާ ގުޅުންހުރި މުހިއްމު ޤާނޫނުތަކާއި ގަވާއިދުތައް ތަންފީޒުކުރެވޭ އަހަރެއްގެ ގޮތުގައިކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔަތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، މަސައްކަތްތެރިންގެ ދުވަހުގައި އެވުޒާރާއިން އިސްނަގާ ކުރިއަށްގެންދިޔަ ހިނގާލުން ނިންމަވާލައްވަމުން ދެއްކެވި ވާހަކަފުޅުގައެވެ.
މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރުމަށް އެކި މުއައްސަސާތަކާއި ގުޅިގެން ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔަތާ ބެހޭ ވުޒާރާއިން އިންތިޒާމުކުރި ހިނގާލުމުގައި ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ އިންޑަސްޓްރިއަލް ރިލޭޝަންސްގެ ޤާނޫނާއި، އޮކިއުޕޭޝަނަލް ސޭފްޓީ އަދި ހެލްތުގެ ޤާނޫނު ފުރިހަމައަށް ރާއްޖޭގައި ތަންފީޒު ވެގެންދާ އަހަރަށް މިއަހަރުވެގެންދާނެކަމަށްށެވެ.

Ad by Hajj Corporation
ވަޒީރު ވިދާޅުވި މީގެކުރިން މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރަމުންދިޔައީ މަސައްކަތްތެރިންނާ ސަރުކާރާ ދެކޮޅަށް މަސައްކަތްކުރެވޭ ދުވަހެއްގެ ގޮތުގައިކަމަށެވެ.އެހެންނަމަވެސް ސަރުކާރުން މިއަދު އިސްނަގައިގެން މަސައްކަތްތެރިންނާއެކު ޙައްގުތައް ކަށަވަރުކުރުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ވަޒީރުވަނީ ދެއްވާފައެވެ.
އެގޮތުން ސަރުކާރު ހަވާލުވީއިރުވެސް ލޭބަރ ރިލޭޝަންސް އޮތޯރިޓީއަށް މަސައްކަތްތެރިންގެ ފަރާތުން އަދި ވަޒީފާދޭ ފަރާތުން ހުށައަޅާފައިވާ މައްސަލަތައް ފުނިޖެހިފައިވާކަމަށެވެ. އަދި އެމައްސަލަތައް އަމާނާތްތެރިކަމާއެކު ބަލާ އަދުލުވެރި ހައްލެއް ގެނެސްދެއްވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
އަދި ސަރުކާރު ހަވާލުވީއިރުވެސް، ލޭބަރ ރިލޭޝަންސް އޮތޯރިޓީއަށް ފުނިޖެހިފަ ހުރި ބައިވަރު މައްސަލަތައް މަސައްކަތްތެރިންނާއި ވަޒީފާދޭ ފަރާތްތަކުން ހުށައަޅާފައިވާ މައްސަލަތައް އެބަހުރިކަމަށާއި،އެމައްސަލަތައް އަމާނާތްތެރިކަމާއެކު އަދުލުވެރި ހައްލެއް ގެނެސްދޭނަންކަމަށް ވަޒީރު ވިދާޅުވިއެވެ.އަދި އަމާން ރައްކާތެރި އަދި އަބުރުވެރި މަސައްކަތުގެ މާހައުލެއް ޤައިމުކުރެވިފައިވަކަން ކަށަވަރުކުރުމަކީ ސަރުކާރުގެ އަމާޒެއް ކަން ވެސް ވަޒީރުފާހަގަ ކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ، ދިވެހި އަދި ބިދޭސީ މަސައްކަތްތެރިންނަކީ ދިވެހި އިޤްތިޞާދުގެ މައި ބަދަކަމަށެވެ. އަދި ރާއްޖެއިން މިހާތަނަށް ހޯދި ކޮންމެ ކަމިޔާބީއެއްގެ ފަހަތުގައި ތިބީ މަސައްކަތްތެރިންކަމަށް ވަޒީރު ވިދާޅުވިއެވެ.


