ރާއްޖޭގައި ތިބޭ މީހުންގެ ބޭންކު ކާޑު ރާއްޖެއިން ބޭރުގައި ބޭނުން ނުކުރެވޭ ގޮތަށް ބަދަލު ގެނެސްފި
2 މޭ 2026 - 10:44

މޯލްޑިވްސް އިމިގްރޭޝަނާ ގުޅިގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ޤާއިމުކުރި ޑިޖިޓަލް އިންޓެގްރޭޝަނަކާ އެކު، ރާއްޖޭގައި ތިބޭ ފަރާތްތަކުގެ ބޭންކު ކާޑުތައް ރާއްޖެއިން ބޭރުގައި ބޭނުން ނުކުރެވޭ ގޮތަށް ހަމަޖައްސައިފިއެވެ.
މި އައު ނިޒާމުގެ ދަށުން، ކާޑުތަކުގެ ފޮރިން ސްޕެންޑް ލިމިޓް ނުވަތަ ރާއްޖެއިން ބޭރުގެ މުޢާމަލާތްތަކަށް ކަނޑައެޅިފައިވާ އަދަދު އެކްޓިވް ވާނީ ހަމައެކަނި ކާޑުގެ ވެރިފަރާތް ރާއްޖެއިން ބޭރުގައި ހުންނަ ވަގުތުތަކުގައެވެ. ބޭންކުން ބުނި ގޮތުގައި މި ބަދަލު ގެންނަން ނިންމީ ކާޑުގެ ވެރިފަރާތް ރާއްޖޭގައި ހުއްޓާ، އެ ފަރާތުގެ ކާޑު ރާއްޖެއިން ބޭރަށް ގެންގޮސްގެން އޭޓީއެމް އަދި ޕީއޯއެސް މެޝިންތަކުގައި ބޭނުންކުރުން ހުއްޓުވުމަށެވެ.

Ad by Hajj Corporation
މި ބަދަލާ ގުޅިގެން ރާއްޖެއިން ބޭރުގައި ކިޔަވާ ކުދިންނަށް ދިމާވެދާނެ ދަތިތަކަށް ޙައްލެއް ހޯދުމުގެ ގޮތުން، އަމިއްލަ ކާޑެއް ނެތް ދަރިވަރުންނަށް ޚާއްޞަ ލިމިޓަކާ އެކު 'ސްޓޫޑެންޓް ކާޑު' ދޫކުރަން ބޭންކުން ވަނީ ނިންމާފައެވެ. މި ކާޑު ދޫކުރުމުގެ މަސައްކަތް ނިމެންދެން، ކުރިއަށް އޮތް ތިން މަސް ދުވަހުގެ މުއްދަތަށް ބެލެނިވެރިޔާގެ ކާޑު ބޭނުންކުރުމުގެ ފުރުޞަތު ދަރިވަރުންނަށް އޮންނާނެ ކަމަށް ބީއެމްއެލުން މަޢުލޫމާތު ދެއެވެ.
މީގެ އިތުރުން، އަމިއްލަ ބޭނުންތަކަށް ދޫކޮށްފައިވާ ރުފިޔާ ކާޑުތައް ބޭނުންކޮށްގެން ވިޔަފާރީގެ ބޭނުމަށް ބައެއް އޮންލައިން ސައިޓްތަކުން ގިނަ ޢަދަދަކަށް މުދާ ގަންނަކަން ފާހަގަކުރެވިފައިވާ ކަމަށް ބޭންކުން ބުންޏެވެ. މިގޮތަށް މަދު ބަޔަކު ގިނަ ޢަދަދެއްގެ ބޭރު ފައިސާ ބޭނުންކުރަމުންދާތީ، އެފަދަ ސައިޓްތަކުން ވިޔަފާރި ކުރުމަށް ކޮންމެ ދުވަހަކަށް ވަކި ބަޖެޓެއް މިހާރު ވަނީ ކަނޑައަޅާފައެވެ.
އެހެންނަމަވެސް، އާންމު އިޖުތިމާޢީ އަދި ޒަރޫރީ ބޭނުންތަކަށް ބޭނުންކުރާ އެހެނިހެން ސައިޓްތަކަށް މިވަގުތު އެއްވެސް ބަދަލެއް ގެނައުމަށް ނިންމާފައި ނުވާ ކަމަށް ބޭންކް އޮފް މޯލްޑިވްސް އިން ވަނީ ހާމަކޮށްފައެވެ.


