އީރާނުގެ ހުށަހެޅުންތަކާ މެދު އަހަރެން ހިތްހަމައެއް ނުޖެހޭ: ޓްރަމްޕް
2 މޭ 2026 - 15:20

އީރާނުން އެންމެ ފަހުން ހުށަހެޅި ސުލްހައިގެ ހުށަހެޅުންތަކާ މެދު ހިތްހަމަޖެހިވަޑައިނުގަންނަވާ ކަމަށާއި، ތެހެރާނުން އެދެމުންދަނީ އެއްބަސްވެވޭނެ ކަންތައްތަކަކަށް ނޫން ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
ވައިޓް ހައުސްއިން ފުރާވަޑައިގަތުމުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އީރާނުން ރަނގަޅު އެއްބަސްވުމަކަށް އަންނަންޖެހޭ ކަމަށާއި މިވަގުތު އެ ގައުމުގެ ހުށަހެޅުންތަކާ މެދު ހިތްހަމަޖެހިވަޑައިނުގަންނަވާ ކަމަށެވެ.

Ad by Hajj Corporation
މި މަޝްވަރާތަކާ ގުޅޭގޮތުން އިތުރަށް ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، މިހާރު ކުރިއަށްދާ މަޝްވަރާތަކުގައި އެދެވޭ ނަތީޖާއަކާ ހަމައަށް ނުދެވޭ ކަމަށެވެ.
"އެމީހުން އެދެނީ އަޅުގަނޑަށް އެއްބަސްވެވޭނެ ކަންތައްތަކަކަށް ނޫން. މަޝްވަރާތައް މިހާރު ކުރިއަށްދިޔަ ނަމަވެސް، އެއްބަސްވުމަކާ ހަމައަށް ދެވޭ ގޮތެއް ނުވޭ،" ޓްރަމްޕް ވިދާޅުވިއެވެ.
އަދި އީރާނުގެ ލީޑަރުންގެ މެދުގައި އެއްބަސްނުވެވޭ ކަންތައްތަކެއް ހުރިކަން ފާހަގަކުރައްވަމުން، އެ ގައުމުގެ ވެރިންނަކީ ކޮބައިކަންވެސް އެމީހުންނަށް ނޭނގޭ ކަމަށް ޓްރަމްޕް ތުހުމަތު ކުރެއްވިއެވެ.
ޕާކިސްތާނުގެ މެދުވެރިކަމާއެކު ކުރިއަށްދާ މި މަޝްވަރާތަކުގައި އިސްލާމްއާބާދުގެ އޮފިޝަލުން ކުރައްވާ މަސައްކަތަށް ޓްރަމްޕް ތައުރީފު ކުރެއްވިއެވެ. ނަމަވެސް، މިއީ ވަރަށް ދިގު ދަތުރެއްކަން ފާހަގަކުރައްވައި، އެއްބަސްވުމަކާ ހަމައަށް ދެވިދާނެ ކަމާމެދު ޝައްކު އުފެދޭ ކަމަށްވެސް ވިދާޅުވިއެވެ.
"އެމީހުން އެންމެންވެސް ބޭނުންވަނީ އެއްބަސްވުމެއް ގާއިމުކުރަން، އެކަމަކު ހުރިހާ ކަމެއް ވަނީ އޮޅުންބޮޅުންވެފައި،" ޓްރަމްޕް އިތުރަށް ވިދާޅުވިއެވެ.
މި ހަނގުރާމަ ނިމުމަކަށް އައުމަކީ ދުނިޔޭގެ ހަކަތައިގެ ބާޒާރަށް އަންނާނެ ބޮޑު ލުޔެއްގެ ގޮތުގައި ޓްރަމްޕް ސިފަކުރެއްވިއެވެ. ހަނގުރާމަ ނިމުމުން ތެލުގެ އަގު ކުރިން ހުރި މިންވަރަށްވުރެ ދަށްވާނެ ކަމަށާއި، ހޯރްމުޒް ކަނޑުއޮޅި ސަރަހައްދުގައި ތާށިވެފައި ހުރި ތެޔޮ އުޅަނދުތަކަށް ދަތުރުކުރުމުގެ ފުރުސަތު ލިބޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މި މައްސަލަ ހޫނުވެފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދިން ހަމަލާތަކާ ގުޅިގެންނެވެ. އޭގެ ރައްދުގައި އީރާނުން ވަނީ އިޒްރޭލަށާއި ގަލްފުގައި ތިބި އެމެރިކާގެ ބައިވެރިންނަށް ހަމަލާދީ، ހޯރްމުޒް ކަނޑުއޮޅި ބަންދުކޮށްފައެވެ. އޭޕްރިލް 8 ވަނަ ދުވަހު ޕާކިސްތާނުގެ މެދުވެރިކަމާއެކު ދެ ހަފުތާގެ ސުލްހައިގެ އެއްބަސްވުމެއް އިއުލާންކޮށް، އޭޕްރިލް 11 ގައި ސީދާ މަޝްވަރާތައް ބޭއްވި ނަމަވެސް، ދާއިމީ ސުލްހައަކަށް އަދި އެއްބަސްވެވިފައެއް ނުވެއެވެ.


