ގުގުރުމާއި ވިދުމުން ލިބޭ ގެއްލުން ކުޑަކުރުމަށް ދުރާލާ ތައްޔާރުވޭ: އެންޑީއެމްއޭ
4 މޭ 2026 - 06:29

މޫސުން ގޯސްވެ ގުގުރުމާއި ވިދުމުން ލިބޭ ގެއްލުން ކުޑަކުރުމަށް ދުރާލާ ތައްޔާރުވެ ފިޔަވަޅު އެޅުމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އިލްތިމާސްކުރައްވައިފިއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ބާރަށް ގުގުރާނެކަމަށް ލަފާކޮށް ޅ. އަތޮޅުން ފެށިގެން ވ. އަތޮޅަށް ރީނދޫ ސަމާލު ނެރެފައެވެ. މިއާއެކު އެންޑީއެމްއޭއިން ވަނީ ވިދާ ގުގުރުމުން ލިބިދާނެ ގެއްލުންތައް ކުޑަ ކުރުމަށް ދުރާލާ ތައްޔާރުވެ ފިޔަވަޅުއެޅުމަށް އިލްތިމާސްކޮށްފައެވެ.
އެންޑީއެމްއޭއިން ވަނީ ގުރުމާއި ވިދުމުން ލިބޭ ގެއްލުން ކުޑަކުރުމަށް އެޅިދާނެ ފިޔަވަޅުތައް ހިއްސާކުރައްވާފައެވެ.

Ad by Hajj Corporation
އެ ފިޔަވަޅުތަކުގެ ތެރޭގައި:
- ހާމަ ތަންތަނާއި ޓެރެސް ފަދަ އުސް ތަންތަނުން ދުރުހެލިވުން
- އިމާރާތްތަކުގެ ތެރޭގައި ތިބުން
- ބޭރުގައިނަމަ ވިއްސާރައިން ހިޔާވުމަށް އުސް ތަންތަން ކައިރީ އަދި ގަސްތަކުގެ ދަށުގައި ނުތިބުން
- އިލެކްޓްރޯނިކް ތަކެތިން ކަރަންޓު ކަނޑާލުން ފަދަ ކަންކަމާއި ކޮންމެހެން ބޭނުންކުރަން ޖެހިއްޖެ ހާލަތެއްގައި ނޫނީ އެތަކެތި ބޭނުންކުރުމުން ދުރުހެލިވުން
- ފެންބޮޑުވެފައިވާ ސަރަހައްދުތަކާއި ތެމިފައިވާ ތަކެއްޗާއި ދަގަނޑު ތަކެތިން ދުރުހެލިވުން
ކުރިއަށްއޮތް 24 ގަޑިއިރުވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބޯކޮށް ބާރޭވެހޭނެކަމަށް ލަފާކުރައްވާފައިވާއިރު، މިއީ ދެ މޫސުން ބެދޭތީ ކުރާ ވިއްސާރައެއްކަމަށް ވެސް މެޓް އޮފީހުން ބުނެއެވެ.
ވާރޭވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވަމުން ދާތީ، ފެން ހިންދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ވެސް މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.
މެޓް އޮފީހުން ބުނީ ޖޫން އިން ސެޕްޓެންބަރުގެ ނިޔަލަށް ރާއްޖޭގެ ގިނަ ސަރަހައްދުތަކަކަށް ވާރޭވެހޭ މިންވަރު އާންމުކޮށް މި ދުވަސްވަރު ވެހޭވާރޭއަށްވުރެ އިތުރުވުމުގެ ފުރުސަތު ބޮޑުކަމަށެވެ. އަދި ހުރިހާ ސަރަހައްދެއްގައި ވެސް ފިނިހޫނުމިން އާންމުކޮށް ހުންނަވަރަށްވުރެ މަތިވާނެކަމަށް ވެސް ވަނީ ލަފާކޮށްފައެވެ.


