މަސްތުގެ ހާލަތުގައި ދުއްވި މައްސަލައިގައި ބްރިޓްނީ ސްޕިއާސް ކުށަށް އިއުތިރާފުވެއްޖެ
4 މޭ 2026 - 18:09

މަސްތުވާތަކެއްޗާއި ބަނގުރާ ބޭނުންކޮށްގެން އުޅަނދު ދުއްވި ކަމަށް ތުހުމަތުކުރެވުނު މައްސަލައިގައި، މަޝްހޫރު ލަވަކިޔުންތެރިޔާ ބްރިޓްނީ ސްޕިއާސް ހޯމަ ދުވަހު ކުށަށް އިއުތިރާފުވެއްޖެއެވެ.
ބްރިޓްނީ ކުށަށް އިއުތިރާފުވެފައިވަނީ ކުރިން އުފުލާފައިވާ ބަރު ދައުވާގެ ބަދަލުގައި، އިހުމާލުވެ ރައްކާތެރިކަމެއް ނެތި އުޅަނދު ދުއްވުމުގެ ކުށަށެވެ.

Ad by Hajj Corporation
ލޮސް އެންޖެލެސްގެ އުތުރުގައި އޮންނަ ވެންޗޫރާ ކައުންޓީ ސުޕީރިއާ ކޯޓުގައި ބޭއްވި މި އަޑުއެހުމުގައި ބްރިޓްނީގެ ފަރާތުން ކުށަށް އިއުތިރާފުވީ އޭނާގެ ވަކީލުންނެވެ. މިއީ މިސްޑިމީނާ ނުވަތަ ކުދި ކުށްތަކުގެ ދަށުން ހިމެނޭ މައްސަލައަކަށް ވާތީ، 44 އަހަރުގެ ބްރިޓްނީ ކޯޓަށް ހާޒިރުވުން ލާޒިމެއް ނޫނެވެ. އޭނާ މިދިޔަ މާރިޗު މަހު ހައްޔަރުކުރީ ކެލިފޯނިއާ ހައިވޭ ޕެޓްރޯލްގެ އޮފިސަރުންނެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި ބްރިޓްނީ އޭނާގެ ކަޅު ކުލައިގެ ބީއެމްޑަބްލިއު ކާރު ދުއްވަމުން ދިޔައީ ހައިވޭގައި ވަރަށް ބާރު ސްޕީޑެއްގައި ނުރައްކާތެރި ގޮތަކަށެވެ. އަދި އޭނާ ހުއްޓުވި ވަގުތު މަސްތުގެ އަލާމާތްތައް ފެންނަން ހުރި ކަމަށާއި، ފީލްޑް ސޮބްރިއެޓީ ޓެސްޓުތަކެއް ހެދުމަށް އޭނާ އެއްބަސްވި ކަމަށްވެސް ފުލުހުން މައުލޫމާތު ދީފައިވެއެވެ.
"މިއަދުގެ އިއުތިރާފާއެކު ބްރިޓްނީ ވަނީ އޭނާގެ އަމަލުތަކުގެ ޒިންމާ ނަގާފައި" ބްރިޓްނީގެ ވަކީލު މައިކަލް ގޯލްޑްސްޓައިން ނެރުއްވި ބަޔާނެއްގައި ވިދާޅުވެފަވެއެވެ.
އަދި ބްރިޓްނީ ހެޔޮ ބަދަލުތަކެއް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި، ޑިސްޓްރިކްޓް އެޓާނީގެ އޮފީހުން ދައުވާ ލުއިކޮށްދިނީ އެ ސަބަބަށްޓަކައި ކަމަށްވެސް ވަކީލު ފާހަގަކުރެއްވިއެވެ.
ވެންޗޫރާ ކައުންޓީ ޑިސްޓްރިކްޓް އެޓާނީގެ އޮފީހުން ބުނި ގޮތުގައި، މިފަދަ ލުއި ގޮތްތަކެއް ދެވެނީ މީގެ ކުރިން މިފަދަ ކުށުގެ ރެކޯޑެއް ނެތް މީހުންނަށާއި، އެކްސިޑެންޓެއް ހިނގައި މީހަކަށް އަނިޔާއެއް ވެފައި ނުވާ ހާލަތްތަކުގައެވެ. މި ނިންމުމުގެ ދަށުން ބްރިޓްނީ 12 މަސް ދުވަހުގެ ޕްރޮބޭޝަނެއްގައި ހުންނަން ޖެހޭނެއެވެ. އަދި މަސްތުގެ ހާލަތުގައި ދުއްވުމާ ގުޅޭ ކްލާސްތަކެއް ފުރިހަމަކޮށް، ޖޫރިމަނާ ދައްކަން ޖެހޭނެއެވެ.
ބްރިޓްނީގެ ތަރުޖަމާނު މީގެ ކުރިން ބުނެފައިވަނީ މިއީ ހިތާމަވެރި އަދި އެއްވެސް ބަހަނާއެއް ދެއްކެން ނެތް ހާދިސާއެއް ކަމަށެވެ. އަދި ބްރިޓްނީގެ އާއިލާއިން އޭނާއަށް ބޭނުންވާ އެހީތެރިކަމާއި ސަޕޯޓު ފޯރުކޮށްދީ، އޭނާގެ ދިރިއުޅުން ރަނގަޅު މަގަށް އެޅުވުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.


