މެކްސިކޯގެ މަޝްހޫރު ޑްރަގް ބޮޑު 'އެލް ޗާޕޯ' ގައުމުގެ ޖަލަކަށް ބަދަލުކޮށްދިނުމަށް އެދިއްޖެ
5 މޭ 2026 - 04:02

މެކްސިކޯގެ ނުރައްކާތެރި ސިނަލޯއާ ކާޓެލްގެ ކުރީގެ ލީޑަރު ހޯކިން "އެލް ޗާޕޯ" ގުޒްމަން، އެމެރިކާގެ ޖަލުން މެކްސިކޯގެ ޖަލަކަށް ބަދަލުކޮށްދިނުމަށް އެދި އެމެރިކާގެ ފެޑެރަލް ކޯޓަށް ސިޓީއެއް ހުށަހަޅައިފިއެވެ.
ނިއުޔޯކްގެ އީސްޓަން ޑިސްޓްރިކްޓް ކޯޓަށް އޭޕްރީލް މަހުގެ 23 ވަނަ ދުވަހު ފޮނުވި މި ސިޓީ އާންމުކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ.

Ad by Hajj Corporation
އެމެރިކާގެ ކޮލޮރާޑޯގައި ހުންނަ އެންމެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ޖަލުގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ގުޒްމަން ބުނެފައިވަނީ، އޭނާއަށް ޖަލުގައި ލާއިންސާނީ އަދި އިހާނެތި އަމަލުތަކާ ކުރިމަތިލާންޖެހޭ ކަމަށެވެ. އަދި އޭނާގެ މައްޗަށް ކުރެވުނު ދައުވާތަކުގައި ބޭނުންކުރި މުހިންމު ހެކިތަކަކީ ސާބިތު ނުކުރެވޭ ހެކިތަކެއް ކަމަށް ބުނެ، އޭނާގެ މައްސަލަ ބެލުމުގައި ގާނޫނީ އުސޫލުތަކާ ހިލާފުވެފައިވާ ކަމަށް ގުޒްމަން ތުހުމަތުކޮށްފައިވެއެވެ.
"އަޅުގަނޑުގެ އިސްތިއުނާފުގެ މަރުހަލާގައި އިންސާފުވެރިކަން ކަށަވަރުކުރުމަށްޓަކައި އެތައް ސިޓީއެއް ލިޔެފީމެވެ. ސާބިތު ނުކުރެވޭ ހެކިތަކެއްގެ މައްޗަށް ބިނާކޮށް މައްސަލަ ކުރިއަށް ގެންދިއުމަކީ ކޯޓުން ހިންގާފައިވާ އުސޫލާ ހިލާފު ކަމެކެވެ. އެހެންކަމުން، އަޅުގަނޑުގެ ގައުމަށް ބަދަލުކޮށްދިނުމަށާއި ފެޑެރަލް ގާނޫނުގެ ދަށުން އިންސާފުވެރިކަމާއެކު މައްސަލަ ކުރިއަށް ގެންދިއުމުގެ ފުރުސަތު ދިނުމަށް އެދެމެވެ." ގުޒްމަން ކޯޓަށް ފޮނުވި ސިޓީގައި ބުނެފައިވެއެވެ.
ނަމަވެސް، މި މައްސަލަ ބައްލަވާ ޑިސްޓްރިކްޓް ޖަޖް ބްރަޔަން އެމް. ކޯގަން ވަނީ ގުޒްމަންގެ މި އެދުމަށް ވަގުތުން އިންކާރު ކުރައްވާފައެވެ. ޖަޖް ވިދާޅުވީ ގުޒްމަން ހުށަހަޅާފައިވާ ކަންކަމުގައި އެއްވެސް ބުރަދަނެއް ނެތް ކަމަށާއި، ގާނޫނީ ގޮތުން އެކަންކަމަކީ ބަލައިގަނެވޭނެ ކަންކަން ނޫން ކަމަށެވެ. މީގެ ކުރިންވެސް ގުޒްމަން ވަނީ މިނިވަންކޮށްދިނުމަށާއި، އަލުން ޝަރީއަތް ހިންގުމަށް އެދި ފަސް ފަހަރެއްގެ މަތިން ސިޓީ ހުށަހަޅާފައެވެ.
މެކްސިކޯގެ އެންމެ ނުފޫޒުގަދަ ކާޓެލްގެ ވެރިޔާގެ ގޮތުގައި ހުރި ގުޒްމަން ވަނީ ދެ ފަހަރެއްގެ މަތިން މެކްސިކޯގެ ޖަލުތަކުން ފިލާފައެވެ. އޭނާ އެންމެ ފަހުން ހައްޔަރުކުރީ 2016 ގައެވެ. އަދި 2017 ވަނަ އަހަރު އޭނާ ވަނީ އެމެރިކާއާ ހަވާލުކޮށްފައެވެ. ގުޒްމަން އެމެރިކާއަށް ގެންދިއުމާ ގުޅިގެން ސިނަލޯއާ ކާޓެލްގެ ތެރޭގައި ބާރުގެ ހަނގުރާމައެއް ފެށި، މެކްސިކޯގައި މީހުން މެރުމާއި ގެއްލުވައިލުމުގެ ހާދިސާތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.


