"ނޯ ޓޮބޭކޯ ޑޭ" އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު އެޗްޕީއޭ އިން އިތުރުކޮށްފި
5 މޭ 2026 - 06:28

ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހާ ގުޅުވައިގެން ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ދޭ "ވޯލްޑް ނޯ ޓޮބޭކޯ ޑޭ އެވޯޑް" އަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގެ މުއްދަތު ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިތުރުކޮށްފިއެވެ.
އެޗްޕީއޭ އިން ކޮށްފައިވާ އިޢުލާނުގައި ބުނެފައިވަނީ، މި އެވޯޑަށް ކުރިމަތިލުމަށް ކުރިން ދީފައިވާ ސުންގަޑިއަކީ މި މަހުގެ ތިންވަނަ ދުވަސް ކަމަށް ވީނަމަވެސް، މިހާރު އެ މުއްދަތުމި މަހުގެ 13 ވާ ބުދަ ދުވަހުގެ މެންދުރުފަހު 14:00 އާ ހަމައަށް އިތުރުކޮށްފައިވާ ކަމަށެވެ.

Ad by Hajj Corporation
"ވޯލްޑް ނޯ ޓޮބޭކޯ ޑޭ އެވޯޑަކީ" ކޮންމެ އަހަރަކުވެސް ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހުގެ މުނާސަބަތުގައި، ދުންފަތް ކޮންޓްރޯލް ކުރުމުގެ ދާއިރާއިން ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރާ ފަރާތްތަކަށް ސިއްޙަތު ޖަމިއްޔާއިން ދެމުން އަންނަ ޝަރަފުވެރި އެވޯޑެކެވެ.
އެޗްޕީއޭ އިން ހާމަކުރި ގޮތުގައި މި އެވޯޑް ދިނުމުގެ މައިގަނޑު މަޤްސަދަކީ ދުންފަތް ކޮންޓްރޯލް ކުރުމުގައި ޝާމިލުވާ ފަރާތްތަކުން ކުރައްވާ އަގުހުރި މަސައްކަތްތަކުގެ އަގުވަޒަން ކުރުމެވެ. އަދި އެ މަސައްކަތުގައި ދެމިތިބުމަށް ހިތްވަރުދީ، ދުންފަތުން ސަލާމަތްވެފައިވާ މުޖުތަމައެއް ބިނާކުރުމަށް ބާރުއެޅުމަކީވެސް މި އެވޯޑުގެ ބޭނުމެކެވެ.
މިއަހަރުގެ ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހުގެ ޝިޢާރަކަށް ކަނޑައަޅާފައިވަނީ "އަންމާސްކިންގ ދަ އެޕީކް-ކައުންޓަރިން ނިކޮޓިން އެންޑް ޓޮބޭކޯ އެޑިކްޝަން" އެވެ. މި ޝިޢާރުގެ ދަށުން ބޮޑަށް އަލިއަޅުވާލާފައިވަނީ ނިކޮޓިން އަދި ދުންފަތުގެ ވަބާއިން ސަލާމަތްވުމަށް ކުރެވޭ މަސައްކަތްތަކަށެވެ.
ކޮންމެ އަހަރެއްގެވެސް މެއި މަހުގެ 31 ވަނަ ދުވަހަކީ ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހުގެ ގޮތުގައި ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަކުރާ ދުވަހެވެ.


