ޓުވިޓާގެ ހިއްސާ ގަތް މައްސަލައިގައި އިލޮން މަސްކް ކުޑަ ޖޫރިމަނާއަކާއެކު ސަލާމަތްވެއްޖެ
5 މޭ 2026 - 11:34
ޓެކްނޮލޮޖީ ދާއިރާގެ މަހުޖަނު އިލޮން މަސްކް ޓުވިޓާގެ ހިއްސާ ގަތުމުގައި އަމަލުކުރި ގޮތާ މެދު އެމެރިކާގެ ރެގިއުލޭޓަރުންނާ ދެމެދު ހިނގަމުންދިޔަ ގާނޫނީ ހަނގުރާމަ، ކުޑަ ޖޫރިމަނާއަކާއެކު ނިމުމަކަށް އަތުވެއްޖެއެވެ.
އެމެރިކާގެ ސެކިއުރިޓީޒް އެންޑް އެކްސްޗޭންޖް ކޮމިޝަން (އެސްއީސީ) އިން ހޯމަ ދުވަހު ވަނީ މި މައްސަލައިގައި އެއްބަސްވުމަކަށް އައުމަށް ހުށަހަޅާފައެވެ.

Ad by Hajj Corporation
އެސްއީސީން މަސްކާ ދެކޮޅަށް ދައުވާ ކުރީ 2022 ވަނަ އަހަރު ޓުވިޓާގެ 5 އިންސައްތައަށްވުރެ ގިނަ ހިއްސާ ގަތުމަށްފަހު، ގާނޫނުގައި ބުނާ މުއްދަތުގެ ތެރޭގައި އެކަން ހާމަކޮށްފައި ނުވާތީއެވެ. މަސްކް ޓުވިޓާގެ 9 އިންސައްތަ ހިއްސާ އޮތްކަން ހާމަކުރީ ހާމަކުރަންޖެހޭ ތާރީޚަށްވުރެ 11 ދުވަސް ފަހުންނެވެ. މި މަޑުޖެހުމުގެ ސަބަބުން މަސްކަށް ގާތްގަނޑަކަށް 150 މިލިއަން ޑޮލަރުގެ ފައިދާއެއް ލިބުނުއިރު، އެ މުއްދަތުގައި ހިއްސާ ވިއްކި އިންވެސްޓަރުންނަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އެސްއީސީން ބުނެއެވެ.
މި އެއްބަސްވުމުގެ ދަށުން އިލޮން މަސްކްގެ ރިވޯކަބަލް ޓްރަސްޓުން 1.5 މިލިއަން ޑޮލަރުގެ މަދަނީ ޖޫރިމަނާއެއް ދައްކަން ޖެހެއެވެ. ނަމަވެސް، މި އެއްބަސްވުމުގައި މަސްކް އެއްވެސް ކުށަކަށް އިއުތިރާފުވެފައެއް ނުވެއެވެ. މަސްކް މީގެ ކުރިން ބުނެފައިވަނީ ހިއްސާ ހާމަކުރުން ލަސްވީ ގަސްތުގައި ނޫން ކަމަށާއި، އެއީ އޭނާގެ މާލީ މުޝީރުންނަށް އޮޅުމަކުން ދިމާވި ކަމެއް ކަމަށެވެ.
މީގެ އިތުރުން، މި އެއްބަސްވުމުގެ ދަށުން މަސްކްގެ ޓްރަސްޓާއި އެތަނުގެ މުވައްޒަފުންނަށް ކުރިއަށް އޮތް ތަނުގައި އެކްސްޗޭންޖް އެކްޓާ ޚިލާފުވުން ދާއިމީކޮށް މަނާކުރެވޭނެއެވެ. މަސްކް ވަނީ މީގެ ކުރިން އެސްއީސީން މިފަދަ އެހެން މައްސަލަތަކަށްވުރެ މާ ބޮޑު އަދަދެއް ޖޫރިމަނާގެ ގޮތުގައި ހޯދަން މަސައްކަތް ކުރާ ކަމަށް ބުނެ ފާޑުކިޔާފައެވެ.
މިއީ މަސްކާއި އެސްއީސީއާ ދެމެދު ކުރިމަތިވި ފުރަތަމަ މައްސަލައެއް ނޫނެވެ. 2018 ވަނަ އަހަރު ޓެސްލާ ޕްރައިވެޓް ކުންފުންޏަކަށް ހެދުމަށް ފައިސާ ހަމަޖެހިފައިވާ ކަމަށް ބުނެ ކުރި ޓުވީޓަކާ ގުޅިގެންވެސް މަސްކާއި ޓެސްލާ ކޮންމެ ފަރާތަކުން 20 މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ދައްކަން ޖެހުނެވެ. ބްލޫމްބާގްގެ ހިސާބުތަކުން ދައްކާގޮތުގައި މަސްކްގެ މިލްކިއްޔާތު މިހާރު 657 ބިލިއަން ޑޮލަރަށް އަރައެވެ.


