އެންޕީއެމް ރިޕޯޓާ ގުޅިގެން މީޑިއާތަކުން ޚަބަރު ގެނެސްދިން ގޮތާ މެދު ފުލުހުންގެ ކަންބޮޑުވުން!
5 މޭ 2026 - 16:28

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗް.އާރް.ސީ.އެމް) އިން ޝާއިއުކުރި ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމް (އެންޕީއެމް) ގެ 2025 ވަނަ އަހަރުގެ އަހަރީ ރިޕޯޓާ ގުޅިގެން ބައެއް މީޑިއާތަކުން ޚަބަރު ގެނެސްދިން ގޮތާ މެދު ދިވެހި ފުލުހުންގެ ޚިދުމަތުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ފުލުހުންގެ ޚިދުމަތުން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވާ ގޮތުގައި، އެ ރިޕޯޓާ ގުޅޭ ގޮތުން ބައެއް މީޑިއާތަކުން ބޭނުންކޮށްފައިވާ ބައެއް ބަސްމަގާއި މާނަކޮށްފައިވާ ގޮތާ މެދު އެ ޚިދުމަތުން ކަންބޮޑުވެއެވެ. ރިޕޯޓުގެ އަސްލު މަގުސަދާއި އޭގައި ބަޔާންކޮށްފައިވާ ކަންކަމުގެ ފުންމިނަށް ބެލުމެއް ނެތި، މުއައްސަސާތަކަށް ކުރިމަތިވެފައިވާ ވަސީލަތްތަކާއި އޮޕަރޭޝަނަލް ގޮންޖެހުންތަކަށް ރިއާޔަތް ނުކޮށް ޚަބަރު ފަތުރާފައިވާ ކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ، އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމަކީ މުޅި ނިޒާމަށް އަމާޒުކޮށްފައިވާ ކަންކަން ކަމަށާއި، ވަކި މުއައްސަސާއަކަށް އެކަނި ދިމާވެފައިވާ ގޮންޖެހުންތަކެއް ނޫން ކަމަށެވެ. އަދި ރިޕޯޓުގައި ހިމެނޭ ހޯދުންތަކަކީ ކަންކަން އިސްލާހުކުރުމަށް ދީފައިވާ އިރުޝާދުތަކާއި ލަފާތަކެއް ކަމަށާއި، ގާނޫނީ ގޮތުން ކުށެއް ނުވަތަ ނުރަނގަޅު އަމަލެއް ހިންގާފައިވާ ކަން ކަނޑައަޅާ ނިންމުންތަކެއް ނޫން ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން ފުލުހުންގެ ޚިދުމަތުން ވަނީ، ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަން އިސްލާހުކޮށް ޚިދުމަތުގެ ފެންވަރު މަތިކުރުމަށް އެޗް.އާރް.ސީ.އެމް އާއި ކަމާ ބެހޭ އެހެނިހެން ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރުމުގައި ދެމިއޮންނާނެ ކަމުގެ ޔަގީންކަން ދީފައެވެ. އަދި އެ ޚިދުމަތުގެ މަސައްކަތްތައް ގާނޫނުތަކާއި ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށް ކުރަން ޖެހޭ އެންމެހައި މަސައްކަތްތައް ކުރަމުންދާނެ ކަމަށް ވެސް ބުނެފައިވެއެވެ.


