ބެލްޓް އަޅުއްވާ! ހަތުރުންތައް ރޮއްވާލުމަށްފަހު 20 އަހަރުފަހުން އާސެނަލް ޔޫރަޕުގެ އެންމެ އުހަށް
6 މޭ 2026 - 03:10

ބުކާޔޯ ސަކާ ކާމިޔާބުކޮށްދިން މުހިންމު ލަނޑާއެކު އެތުލެޓިކޯ މެޑްރިޑް 1-0 އިން ބަލިކޮށް، އެގްރިގޭޓް 2-1 ގެ ނަތީޖާއަކުން އާސެނަލް ޗެމްޕިއަންސް ލީގުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ. މިއީ ވޭތުވެދިޔަ 20 އަހަރު ދުވަހުގެ ތެރޭގައި އާސެނަލް މި މުބާރާތުގެ ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ.
އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ހަމައެކަނި ލަނޑު ފެނިގެންދިޔައީ ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައި ވަނިކޮށެވެ. ލިއަންޑްރޯ ޓްރޮސާޑް ފޮނުވާލި ހަމަލާއެއް އެތުލެޓިކޯގެ ކީޕަރު ޔެން އޮބްލަކް އަތުގައި ޖެހިފައި ނުކުތް ވަގުތު، ހުޝިޔާރުކަމާއެކު ސަކާ ވަނީ އެ ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ.

Ad by Hajj Corporation
މެޗުގެ ކުރީކޮޅު އެތުލެޓިކޯއަށް ލީޑު ނެގުމަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް، ޑެކްލަން ރައިސް ކުރި މޮޅު ބްލޮކެއްގެ ސަބަބުން ހޫލިއަން އަލްވަރޭޒްއަށް އެ ފުރުސަތުގެ ބޭނުން ހިފޭގޮތެއް ނުވިއެވެ. މީގެ އިތުރުން މައިލްސް ލޫވިސް-ސްކެލީ އުފެއްދި ނުރައްކާތެރި ހަމަލާއެއްވެސް ވަނީ ގޯލުގެ ކުރިމަތިން ހުރަސްވެގެން ގޮސްފައެވެ.
މެޗުގެ ތެރޭގައި ވީއޭއާރުގެ ބައެއް ނިންމުންތަކެއްވެސް ފެނިގެންދިޔައެވެ. އެގޮތުން ގެބްރިއަލް މަގަލްހައެސް އެތުލެޓިކޯގެ ކުޅުންތެރިންނަށް ކުރި ފައުލްތަކަކާ ގުޅިގެން ޕެނަލްޓީއެއް ދިނުމަށް އެތުލެޓިކޯއިން އެދުނު ނަމަވެސް، ރެފްރީ ނިންމީ އޭގެ ކުރިން ގެބްރިއަލްއަށް ފައުލްކޮށްފައިވާ ކަމަށެވެ. މިއީ އެންޓޮއިން ގްރީޒްމަންގެ ކެރިއަރުގައި ފެނިގެންދިޔަ ފަހު ޗެމްޕިއަންސް ލީގު މެޗަށް ވުމުގެ ފުރުސަތު ބޮޑެވެ.
އާސެނަލްގެ ކޯޗު މިކޭލް އާޓެޓާގެ ޓީމަށް މިހާރު ވަނީ ބޮޑު ކާމިޔާބީއެއްގެ އުންމީދު އާވެފައެވެ. އިނގިރޭސި ޕްރިމިއާ ލީގުގެ ތަށި ހޯދުމާ ގާތަށް ޖެހިލާފައިވާއިރު، ބުޑަޕެސްޓްގައި ކުޅޭ ޗެމްޕިއަންސް ލީގު ފައިނަލް ކާމިޔާބުކޮށް ޔޫރަޕްގެ ރަސްކަން ހޯދުމުގެ ފުރުސަތު އެޓީމަށް މިވަނީ ލިބިފައެވެ.
ފައިނަލްގައި އާސެނަލް ބައްދަލުކުރަން ޖެހޭނީ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ނުވަތަ ބަޔާން މިއުނިކާއެވެ. ސަކާ ވަނީ މި މުބާރާތުގައި އާސެނަލްއަށް ކުޅުނު 14 މެޗުގައި 14 ލަނޑު ނުވަތަ އެސިސްޓްގައި ބައިވެރިވެ، އެޓީމުގެ އެންމެ ނުރައްކާތެރި ކުޅުންތެރިޔާގެ ގޮތުގައި ފާހަގަކުރެވިފައެވެ.
އާސެނަލް މިމުބާރާތުގެ ފައިނަލަށް ދަތުރުކުރިއިރު އިނދިކޮޅު ގިނަފަރާތްތަކެއް ތިބީ އާސެނަލްއަށް އަށް ޔޫރަޕުގެ އެންމެ ޝަރަފުވެރި މުބާރާތް ކާމިޔާބު ކުރެވިދާނެތީ އެކަމާ ވަރަށް ކަންބޮޑުވެފައެވެ. ނަމަވެސް ޕްރީމިއަރ ލީގުގެވެސް އެއްވަނައިގައި އޮތް އާސެނަލް މިހާރު އޮތީ މިފަދަތަށްޓެއް ހޯދުމަށް ފޯދި ފުރިހަމަވެފައެވެ.


