މެޗު ދޫކޮށްލި ތުހުމަތާއެކު ރޮނާލްޑޯއާއި އަލް ނަޞްރު ތަށްޓެއް ނެގިޔަނުދޭން ސަޢޫދީގެ ޓީމުތަކުން ކުރެވުނު ހުރިހާ މަސައްކަތެއް ކުރަނީ
6 މޭ 2026 - 13:41

ސައުދީ ޕްރޯ ލީގުގައި ރޭގައި އަލް-ހިލާލާއި އަލް-ޚަލީޖު ބައްދަލުކުރި މެޗު، އަލް-ހިލާލަށް މޮޅުވުމަށް ފުރުސަތު ދިނުމުގެ ގޮތުން އަލް-ޚަލީޖުން ދޫކޮށްލާފައިވާ ކަމަށް ބުނެ ތުހުމަތު ކުރެވޭން ފަށައިފިއެވެ. އަލް-ޚަލީޖު ދަނޑުގައި ކުޅުނު މިމެޗުގައި ހަލީޖް ލަޑެއްޖަހާފައިވަނިކޮށް ފަހުވަގުތު ހަލީޖްގެ ޑިފެންޑަރު ފަހަތަށް ޕާސް ކޮށްލި ބޯޅަ އަލް ހިލާލް ގެ ކުޅުންތެރިޔަކަށް ހުސްކޮށް ލިބުމުން ޖެހި ގޯލާއެކު މެޗު އަލް-ހިލާލުން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.
ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ސިފަކޮށްފައިވާ ގޮތުގައި މިއީ ގަސްތުގައި ހެދި "އާދަޔާ ހިލާފު" ގޯހެކެވެ. މި ލަނޑަކީ މެޗުގެ ނަތީޖާ ބަދަލުކުރުމުގައި މުހިންމު ދައުރެއް އަދާކުރި ލަނޑެކެވެ. މިލަނޑު ޖެހުމުގެ ކުރިން ޑިފެންޑަރަށް އަލް ހިލާލް ކުޅުންތެރިޔާ ފަހަތަށް ދުވާތަންވެސް ފެންނަކަން ވީޑިއޯތަކުން އެނގެއެވެ.

Ad by Hajj Corporation
މީގެ އިތުރުން މެޗުން ބަލިވި ޓީމުގެ އޮފިޝަލުން މެޗަށްފަހު އެނބުރިދަމުން ސަޕޯޓަރުންގެ އަރިހުގައި އޭނާއަށް ލާރިދިނުމަށް އިޝާރާތް ކުރި ވީޑިއޯތަކެއްވެސް ވަނީ މީޑިއާއަށް ތިލަވެފައެވެ.
މި ތުހުމަތުތައް މައިގަނޑު ގޮތެއްގައި ކުރަމުންދަނީ ސޯޝަލް މީޑިއާ ބޭނުންކުރާ ފަރާތްތަކާއި، އެހެން ޓީމުތަކުގެ ސަޕޯޓަރުންނެވެ. އެ ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި މިއީ މެޗު ފިކްސްކޮށް، ވަކި ޓީމަކަށް މޮޅުވުމަށް މަގުފަހިކޮށްދިނުމަށް ހިންގާފައިވާ އަމަލެކެވެ. މިކަމުގެ ސަބަބުން ކްލަބުގެ އަގު ވެއްޓޭ ކަމަށް ބުނެ އަލް-ޚަލީޖުގެ ލީގަލް ޑިޕާޓްމަންޓުން މިހާރު ދަނީ ސޯޝަލް މީޑިއާގައި ކުރަމުންދާ ޕޯސްޓުތައް މޮނިޓަރ ކުރަމުންނެވެ.
އަލް-ޚަލީޖުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ ކްލަބުގެ ކުޅުންތެރިޔާއަށް އަމާޒުކޮށް ސޯޝަލް މީޑިއާގައި ހިންގަމުންދާ ގާނޫނާ ހިލާފު އަމަލުތައް ބަލަމުންދާ ކަމަށާއި، އެކަމާ ގުޅިގެން އަޅަންޖެހޭ ގާނޫނީ ފިޔަވަޅުތައް އަޅާނެ ކަމަށެވެ. މިއީ ކުޅުންތެރިޔާގެ އަބުރަށް އަރައިގަތުން ކަމަށްވެސް އެ ކްލަބުން ފާހަގަކޮށްފައިވެއެވެ.
މި މެޗުން ލިބުނު މޮޅާއެކު އަލް-ހިލާލަށް ވަނީ ތާވަލުގެ އެއްވަނައިގައި އޮތް ކްރިސްޓިއާނޯ ރޮނާލްޑޯގެ އަލް-ނަޞްރާ ދެމެދު އޮތް ފަރަގު ދެ ޕޮއިންޓަށް ކުޑަކުރެވިފައެވެ. މިކަމުގެ ސަބަބުން، ލީގު ތަށި ހޯދުމަށް އަލް-ނަޞްރަށް އޮތް ފުރުސަތު ހަނިކުރުމަށް ބަޔަކު ރާވައިގެން މަސައްކަތް ކުރަމުންދާ ކަމުގެ ޝަކުވާތައް އަލް-ނަޞްރުގެ ސަޕޯޓަރުންގެ މެދުގައި ވަނީ އިތުރުވެފައެވެ. ލީގުގައި ބާކީ ކޮންމެ ޓީމަކަށްވެސް އެންމެ 3 މެޗު އޮތްއިރު، އެއްވަނައި އޮތް އަލް ނަޞްރު ދެން އެންމެ އަވަހަށް ނިކުންނާނީ އެއްވަނައިގައި ދެވަނައިގައި އޮތް އަލް ޙިލާލް އާއި ދެކޮޅަށެވެ.


