އެންމެން ގުޅިގެން މަސައްކަތް ކޮށްފިނަމަ، ޑެންގީ ނައްތާލުމަށް ކުރާ މަސައްކަތް އިތުރަށް ފުރިހަމަވާނެ: އެޗްޕީއޭ
6 މޭ 2026 - 18:04

އެންމެން ގުޅިގެން މަސައްކަތް ކޮށްފިނަމަ، ޑެންގީ ނައްތާލުމަށް ކުރާ މަސައްކަތް އިތުރަށް ފުރިހަމަވާނެކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.
މެންދުރު ޓީވީގެ 'މައުޟޫ' ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޕަބްލިކް ހެލްތު ކޯޑިނޭޓަރ ފާޠިމަތު އަނާ ވިދާޅުވީ ޑެންގީ އިން ރައްްކާތެރިވުމަށް ކުރަންޖެހޭ ކަންކަން ބެހެނީ ދެބަޔަކަށް ކަމަށާއި މިހުރިހާކަމެއް އާންމު ފަރުދުންނާއި މުއައްސަސާތަކާއި ޖަމްއިއްޔާ ޖަމާއަތްތައް ގުޅިގެން މަސައްކަތްކޮށްފިނަމަ، ޑެންގީ އިން ރައްކާތެރުވުމަށް ކުރަމުންދާ މަސައްކަތުގެ ނަތީޖާ ވަަރަށް ފޮނިވާނެ ކަމަށެވެ.

Ad by Hajj Corporation
އަނާ ވިދާޅުވީ ވެކްޓަރ ކޮންޓްރޯލުގެ މަސައްކަތް ނުވަތަ މަދިރި އުފެދޭ ތަންތަން ނައްތާލުމަށް މިހާރަށްވުރެ ވެސް ބޮޑު އިސްކަމަކާއި ސަމާލުކަމެއް ދޭން ޖެހޭ ކަމަށާއި މަދިރި ހެފުމުން ރައްކާތެރިވުމަށް ކުރަންޖެހޭ ކަންކަމަކީ ވެސް ވަރަށް ސަމާލުކަން ދޭން ޖެހޭ ކަމެއް ކަމުގައި ވިދާޅުވިއެވެ.
މީގެއިތުރުން ގޭތެރެއާއި ގޯތިތެރޭގައި ހުރި ފެން އުފެދޭފަދަ ތަންތަނުގައި ފެން ހަރުލާފައި ހުންނަކަހަލަ ތަންތަން މަދުވެގެން ހަފުތާއަކު އެއްފަހަރު ނައްތާލުމަށް ސަމާލުކަން ދިނުމަށް އެދިލެއްވިއެވެ. އަދި ހަމައެކަނި ފެން އޮއްސާލުމުގެ ބަދަލުގައި އެތަކެތި ރަނގަޅަށް ސާފުކުރުމަށް ވެސް އަނާ ވަނީ އެދިލައްވާފައެވެ.
އަނާ އިތުރަށް ވަނީ ކޮންސްޓްރަކްޝަން މަސައްކަތްކުރާ ތަންތަނަކީ އާންމުގޮތެއްގައި މަދިރި އާލާވުމަށް ވަރަށް ބޮޑަށް މަގުފަހިވާ ތަންތަން ކަމަށާއި އެފަދަތަންތަން ސާފުކޮށް ބެލެހެއްޓުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެދިލައްވާފައެވެ.


