ޖެހިޖެހިގެން ދެ ސީޒަނުގައި ޗޮކުން ދިޔަރެއާލް މެޑްރިޑްގެ ކުޅުންތެރިންގެ މެދުގައި ތަޅައިގަނެފި
7 މޭ 2026 - 04:22

ފާއިތުވެދިޔަ ދެސީޒަން ހުސްއަތާ ނިންމާލި ސްޕެއިންގެ ގަދަބާރު ރެއާލް މެޑްރިޑްގެ ފަރިތަކުރުންތަކުގެ ތެރޭގައި އެ ޓީމުގެ މުހިންމު ދެ މިޑްފީލްޑަރުން ކަމަށްވާ ފެޑެރިކޯ ވަލްވާޑޭ އާއި އައުރެލިއަން ޗުއަމެނީގެ ދެމެދުގައި ވަރުގަދަ ކުރިމަތިލުމެއް ހިނގައިފި ކަމަށް ރިޕޯޓްތައް ބުނެފިއެވެ. ބުދަ ދުވަހު ހިނގި މި ހާދިސާގައި ދެ ކުޅުންތެރިންގެ ދެމެދުގައި މާރާމާރީއަކާ ހަމައަށް ކަންތައްތައް ގޮސްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. އެކަން ވަނީ ސްޕެއިންގެ މާރކާއިން ރިޕޯޓްކޮށްފައެވެ. މީގެ އިތުރުން މިކަން މަޝްހޫރު ނޫސްވެރިޔާ ފަބްރީޒިއޯވެސް ވަނީ ރިޕޯޓްކޮށްފައެވެ.
މި ސީޒަނުގައި އެއްވެސް ތައްޓެއް ނުލިބި ނިންމާލަން ޖެހިދާނެ ކަމުގެ ބިރު އޮތުމާއެކު، ރެއާލް މެޑްރިޑްގެ ޑްރެސިން ރޫމްގެ މަސްލަހަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. ސްޕެއިންގެ މަޝްހޫރު ކުޅިވަރު ނޫހެއް ކަމަށްވާ މާކާ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މިއީ މި ސީޒަނުގައި އެ ޓީމުގެ ތެރޭގައި ހިނގި މިފަދަ ގިނަ ހާދިސާތަކުގެ ތެރެއިން އެންމެ ފަހުގެ ހާދިސާއެވެ.

Ad by Hajj Corporation
މި ކުރިމަތިލުން ފެށުނީ ފަރިތަކުރުންތަކުގެ ތެރޭގައި އެއް ކުޅުންތެރިއަކު އަނެއް ކުޅުންތެރިއަކަށް ކުރި ފައުލަކާ ގުޅިގެންނެވެ. މިއީ "ވަލްޑެބޭބަސް (ރެއާލްގެ ޓްރޭނިން ގްރައުންޑް) ގައި މިހާތަނަށް ފެނުނު އެންމެ ހޫނުގަދަ ބަހުގެ ހަމަލާތަކުގެ ތެރެއިން އެކެއް" ކަމަށް ރިޕޯޓްތައް ބުނެއެވެ.
މަންޒަރު ދުށް ފަރާތްތަކާ ހަވާލާދީ ރިޕޯޓްތައް ބުނާ ގޮތުގައި، ދެ ކުޅުންތެރިން އެކަކު އަނެކަކާ ކުރިމަތިލައި ކޮއްޕައި ހަދާފައިވެއެވެ. އަދި މި ޒުވާބު ލޮކަރ ރޫމާ ހަމައަށް ވެސް ދެމިގެން ގޮސްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
މިއީ ދާދި ފަހުން އެ ޓީމުގެ އެންޓޯނިއޯ ރޫޑިގާ އާއި އަލްވާރޯ ކަރޭރަސްއާ ދެމެދު ހިނގި މިފަދަ ހާދިސާއަކަށް ފަހު ހިނގި ކަމެކެވެ. ރޫޑިގާ އާއި ކަރޭރަސްގެ ހާދިސާ އަކީ ކަރޭރަސް އަމިއްލައަށް ވެސް ކަށަވަރުކޮށްދީފައިވާ ކަމެކެވެ. މި ހާދިސާތަކުގެ ސަބަބުން ޓީމުގެ އެއްބައިވަންތަކަމާ މެދު މިހާރު ވަނީ ސުވާލު އުފެދިފައެވެ.


