ރައީސް އޮފީހަށް ލިބުނު 288 އާރުޓީއައިގެ ތެރެއިން 233 އަށް ޖަވާބުދީފި
7 މޭ 2026 - 11:47

ވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ޖުމްލަ 288 އާރުޓީއައި ހުށަހެޅުނުއިރު އޭގެ ތެރެއިން 233 ފޯމަށް ޖަވާބުދީފައިވާ ކަމަށް އެ އޮފީހުގެ ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފް ވިދާޅުވެއްޖެއެވެ.

Ad by Hajj Corporation
ތަރުޖަމާނު މިހެން ވިދާޅުވީ "ޕްރެސަރ ވިތު ދަ ސްޕޮކްސް" ގައި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.
ތަރުޖަމާނު ހިއްސާކުރެއްވި ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރުގެ މެއި މަހުން ފެށިގެން ޑިސެމްބަރު މަހުގެ ނިޔަލަށް 182 އާރުޓީއައި ލިބުނު އިރު އޭގެ ތެރެއިން 170 އަށް ޖަވާބުދެއްވިއެވެ. އަދި މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިހާތަނަށް 106 އާރުޓީއައި ލިބިފައިވާ އިރު 63 އަށް ޖަވާބު ދީފައިވާ ކަމަށް ވިދާޅުވިއެވެ. "ޖުމްލަ 288 އާރްޓީއައި ރައީސް އޮފީހަށް މިދެންނެވި މުއްދަތުގައި ލިބި، 233 އަށް ޖަވާބު ދެވިފަ ފެންޑްވެފައިވަނީ މިއިނީ 55" ކަމަށް ތަރުޖަމާނު ވިދާޅުވިއެވެ.
ނަމަވެސް އާރުޓީއައި ނިޒާމު ބޭނުންކުރުމުގައި ދަތިތަކެއް ހުރިކަން ފާހަގަކުރައްވައި ތަރުޖަމާނު ވިދާޅުވީ ބައެއް ފަރާތްތަކުން ކާކުކަން ނޭނގޭ ގޮތަށް އެއް މައުލޫމާތެއް ހޯދަން ތަކުރާރުކޮށް ހުށަހަޅާ ކަމަށެވެ.
އޭގެ އިތުރުން މައުލޫމާތު ހޯދަންޖެހޭ ތަން ނޫން އެހެން ތަންތަނަށް އާރުޓީއައި ފޮނުވާ ކަމަށާއި ވަކި މަގުސަދެއް ހާސިލުކުރުމުގެ ބޭނުމުގައި ވަކި ގޮތަކަށް ސުވާލު އުފައްދައިގެން ހުށަހެޅުންތައް ހުށަހަޅާ ކަމަށް ވެސް ވިދާޅުވިއެވެ.
ރައީސް އޮފީހުން ބުނީ ޚާރިޖީ ގުޅުންތަކަށް ބުރޫ އަރާ ގޮތަށް އެދޭ މައުލޫމާތާއި މާލީ އެއްބަސްވުންތަކުގައި ސިއްރުކޮށްފައިވާ މައުލޫމާތު އަދި ޤައުމީ ސަލާމަތާ ގުޅޭ މައުލޫމާތު ހިއްސާ ނުކުރެވޭނެ ކަމަށެވެ. މި ބައްދަލުވުމުގައި ތަރުޖަމާނު ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބޭރުގެ ޤައުމުތަކަށް ކުރެއްވި ދަތުރުފުޅުތަކުގެ ތަފާސްހިސާބުތައް ވެސް ހިއްސާކުރައްވައިފައެވެ.


