ރައީސްގެ މާލީ ބަޔާން ދޫނުކުރާ ކަމަށް ބުނެ 'އަދަދު' ނޫހުން ސިޔާސީ ބޭނުމުގައި ހެދީ ބޮޑު ދޮގެއް: ތަރުޖަމާނު
7 އޮކްޓޯބަރު 2026 - 02:37

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މާލީ ބަޔާންތައް ދޫކުރަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ދެކޮޅު ހަދާފައިވާ ކަމަށް ބުނެ "އަދަދު" ނޫހުގައި ޝާއިޢުކޮށްފައިވާ ޚަބަރަކީ ކަނޑައެޅިގެން ދޮގެއް ކަމަށް ޗީފް ގަވަރންމަންޓް ސްޕޯކްސްޕާސަން މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.
މިކަމާ ގުޅިގެން ތަރުޖަމާނު ނެރުއްވި ނޫސްބަޔާނެއްގައި ވިދާޅުވީ، 6 އޮކްޓޫބަރު 2026 ގައި "ރައީސް މުޢިއްޒުގެ މާލީ ބަޔާންތައް ދޫކުރަން ރައީސް އޮފީހުން ދެކޮޅު ހަދައިފި" މި ސުރުޚީގެ ދަށުން އެ ނޫހުގައި ޝާއިޢުކޮށްފައިވާ ޚަބަރުގައި ހިމަނާފައިވަނީ ހަޤީޤަތާ ޚިލާފު ދޮގު މަޢުލޫމާތުތަކެއް ކަމަށެވެ.
.png&w=750&q=75)
Ad by Hajj Corporation
ތަރުޖަމާނު ފާހަގަކުރެއްވި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މާލީ ބަޔާން (އެސެޓް ޑެކްލަރޭޝަން) އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރަސްމީ ވެބްސައިޓުން، ބައްލަވަން ބޭނުންފުޅުވާ ކޮންމެ ފަރާތަކަށްވެސް ޕީޑީއެފް ފައިލެއްގެ ގޮތުގައި ފަސޭހައިން ޑައުންލޯޑް ކުރެވޭ ގޮތަށް މިހާރުވެސް ޢާންމުކުރެވިފައިވާ މަޢުލޫމާތެކެވެ. އަދި އެ މަޢުލޫމާތު ވެބްސައިޓުގައި ފެންނަން ހުންނާނެކަން މީގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޚަބަރެއްގެ ގޮތުގައި މީޑިއާތައް މެދުވެރިކޮށް ޢާންމުކޮށް އިޢުލާނުކޮށްފައިވާނެ ކަމަށްވެސް އެ ބަޔާނުގައި ބަޔާންކުރައްވާފައިވެއެވެ.
މީގެއިތުރުން، ރައީސުލްޖުމްހޫރިއްޔާއާ ގުޅުވައިގެންނާއި ސަރުކާރާ ގުޅުވައިގެން މެދުނުކެނޑި "އަދަދު" ނޫހުން ބޮޑެތި ދޮގުތައް ފަތުރަމުންދަނީ ސިޔާސީ މަޤްޞަދެއްގައި ކަމަށް ތަރުޖަމާނު ތުހުމަތުކުރެއްވިއެވެ. އަދި އެފަދަ ދޮގު މަޢުލޫމާތުތައް ފާހަގަކޮށް، ރައްޔިތުންނަށް ކަންކަމުގެ ޙަޤީޤަތް ހާމަކޮށްދިނުމުގައި ސަރުކާރުން ފަސްނުޖެހޭނެ ކަމުގެ ޔަޤީންކަންވެސް އެ ބަޔާނުގައި ވަނީ ދެއްވާފައެވެ.

-01.jpg&w=3840&q=75)
