ހަފުތާ ބަންދުގައި ވެސް ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފި
7 މޭ 2026 - 16:10

ކުރިއަށް އޮތް ހަފުތާ ބަންދުގައި ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ.

Ad by Hajj Corporation
އެ އިދާރާއިން ބުނީ ހުކުރު އަދި ހޮނިހިރު ދެ ދުވަހު ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. ނަމަވެސް ބޯކޮށް ވާރޭ ވެހުން އެކަށީގެން ނުވާ ކަމަށް ބުންޏެވެ. ހުކުރު ދުވަހަށް ވުރެ ބޮޑަށް ހޮނިހިރު ދުވަހު މޫސުން ގޯސްވާނެ ކަމަށާއި، އާދައިގެ ވަރަކަށް ކަނޑު ގަދަވާނެ ކަމަށް ވެސް ބުންޏެވެ. އަދި ހޮނިހިރު ދުވަހުން ފެށިގެން އެކި ސަރަހައްދުތަކަށް ވައިގަދަވެ، އަންނަ ހޯމަ ދުވަހު އިތުރަށް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.
ކުރިއަށް އޮތް 24 ގަޑިއިރަށް ބަލާއިރު، ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރުމާ އެކު ގުގުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނެއެވެ.
ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި، އެހެން ހިސާބުތަކަށް ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ބުނެއެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލު ބާރުމިނުގައި ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް ބުންޏެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށެވެ.
ދެކުނުގެ އަތޮޅުތަކުގެ ރާޅުގެ އުސްމިނުގައި 4-6 ފޫޓު ހުންނާނެ ކަމަށާއި، އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް 3-5 ފޫޓު ހުންނާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް ވިދާޅުވިއެވެ. އެހެންކަމުން ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް ރައްކާތެރިވެ ތިބުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.


