ބީއެމްއެލް އިން ދުނިޔޭގެ ޓެޑް މާކެޓަށް ވަނުމުގެ ޝައުގުވެރިކަން ފާޅުކޮށްފި
8 މޭ 2026 - 11:23

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބައިނަލްއަގުވާމީ މާލީ ބާޒާރުތަކުގެ އިންވެސްޓަރުންނާ ބައްދަލުކުރުމަށް ކުރިއަށްގެންދިޔަ "ނޮން-ޑީލް ރޯޑްޝޯ" ބައްދަލުވުންތައް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މިދިޔަ އޭޕްރީލް މަހުގެ 29 އިން ފެށިގެން މި މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދިޔަ މި ސިލްސިލާ ބައްދަލުވުންތައް ބާއްވާފައިވަނީ ދުނިޔޭގެ މާލީ މަރުކަޒުތައް ކަމަށްވާ ސިންގަޕޫރު، ހޮންކޮންގް އަދި އިނގިރޭސިވިލާތުގެ ލަންޑަނުގައެވެ. މިއީ ބައިނަލްއަގުވާމީ ފަންޑުތަކުން ބޭންކަށް ބޭނުންވާ މާލީ ވަސީލަތްތައް ހޯދުމަށް ބީއެމްއެލް އިން ކުރަމުންދާ ސްޓްރެޓެޖިކް މަސައްކަތްތަކުގެ ތެރެއިން ހިންގުނު މުހިންމު ހަރަކާތެކެވެ.

Ad by Hajj Corporation
ބީއެމްއެލްއިން ބުނީ މި ރޯޑްޝޯގެ މައިގަނޑު ބޭނުމަކީ ބައިނަލްއަގުވާމީ މާލީ މާކެޓްތަކުން ފަންޑު ހޯދައި، ބޭންކުގެ ޚިދުމަތްތައް ފުޅާކުރުން ކަމަށެވެ. ހާއްސަކޮށް ރާއްޖޭގެ އިޤްތިޞާދުގެ މައިނާރު ކަމަށްވާ ފަތުރުވެރިކަމުގެ ދާއިރާއަށް ދެމުންދާ އެހީތެރިކަން އިތުރަށް ވަރުގަދަކުރުމަކީ މި މަސައްކަތުގެ ބޮޑު އަމާޒެއް ކަމަށް ބީއެމްއެލްއިން ބުންޏެވެ.
ބީއެމްއެލްއިން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އޭޕްރީލް މަހުގެ ނިޔަލަށް ބޭންކުން ފަތުރުވެރިކަމުގެ ދާއިރާއަށް ދޫކޮށްފައިވާ ލޯނުގެ ޖުމްލަ އަދަދު 594 މިލިއަން ޑޮލަރަށް އަރައެވެ. އަދި މި އަހަރުގެ ޖަނަވަރީ މަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށް އެކަނިވެސް 35 މިލިއަން ޑޮލަރު ވަނީ މި ދާއިރާއަށް ދޫކޮށްފައެވެ.
ބީއެމްއެލް އިން މިފަދަ ފިޔަވަޅެއް އަޅާފައިވަނީ ބޭންކުގެ 43 އަހަރުވީ ތާރީޚުގައި ވެސް އެންމެ ރަނގަޅު މާލީ ނަތީޖާއެއް ހޯދި ކާމިޔާބު އަހަރަކަށް ފަހުގައެވެ. ބޭންކުން ދަނީ ފައިދާގެ ނިސްބަތާއި، ފައިސާގެ ތަނަވަސްކަން (ލިކުއިޑިޓީ) އަދި ކެޕިޓަލް އެޑިކުއަސީ ރޭޝިއޯ، ރެގިއުލޭޓަރީ މިންގަނޑުތަކަށްވުރެ މަތީގައި ދަމަހައްޓަމުންނެވެ. ބޭރުގެ އެއްވެސް ދަރަންޏެއް ނެތި، ބޭންކު އޮތީ ވަރުގަދަ މާލީ ހާލަތެއްގައި ކަމަށްވުމުން، ބައިނަލްއަގުވާމީ މާކެޓްތަކަށް ވަނުމުގެ ފުރުސަތު ބޭންކަށް މިހާރު ވަނީ ވަރަށް ބޮޑަށް ފަހިވެފައެވެ.
މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، ދުނިޔޭގެ އިންވެސްޓަރުންނާއެކު ބޭއްވުނު ބައްދަލުވުންތަކުން ވަރަށް އުންމީދީ ނަތީޖާތަކެއް ފެނިގެން ގޮސްފައިވާ ކަމަށެވެ.
"މިއީ ރާއްޖޭގެ އިޤްތިޞާދުގެ ކުރިމަގަށާއި ބޭންކުގެ ހަރުދަނާ ހިންގުމަށް އިންވެސްޓަރުންގެ އިތުބާރު އޮތްކަން ހާމަވާ ކަމެއް. ބައިނަލްއަގުވާމީ މާލީ ބާޒާރުތަކަށް ވަނުމަކީ ބޭންކަށް ބޭނުންވާ ފަންޑު ހޯދައި، ފަތުރުވެރިކަން ފަދަ މުހިންމު ދާއިރާތަކަށް ދޭ އެހީތެރިކަން ފުޅާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް،" ޝަރީފް ވިދާޅުވިއެވެ.
ބޭންކް އޮފް މޯލްޑިވްސްއިން އަމާޒު ހިފާފައިވަނީ، ރިސްކް މެނޭޖްމަންޓުގެ ހަރުދަނާ އުސޫލުތަކާއެކު ދެމެހެއްޓެނިވި ކުރިއެރުން ހޯދައި، ދިވެހި މާލީ ނިޒާމުގެ މައި ތަނބުގެ ގޮތުގައި ބޭންކުން އަދާކުރާ ދައުރު އިތުރަށް ވަރުގަދަކޮށް، ހިއްސާދާރުންނަށް އެންމެ ފައިދާހުރި ގޮތުގައި ކުރިއަށް ދިއުމަށެވެ.


