ކުޅުދުއްފުށީގެ ޔޫޓިލިޓީ ޚިދުމަތްތައް ތަރައްޤީކުރުމާ ގުޅޭ ގޮތުން ޖަޕާނުގެ ކުންފުންޏަކާ މަޝްވަރާކޮށްފި
8 މޭ 2026 - 17:29

ކުޅުދުއްފުށި ސިޓީގެ މޭޔަރ މުޙައްމަދު އާތިފް އަދި ސެކްރެޓަރީ ޖެނެރަލް ޢަބްދުﷲ އާދަމް ޖަޕާނުގެ ކަނެޑީވިއާ ކުންފުންޏާ ބައްދަލުކުރައްވައި، ކުޅުދުއްފުށީގެ ޔޫޓިލިޓީ ޚިދުމަތްތައް ޒަމާނީ ފެންވަރަށް ބަދަލުކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވައިފިއެވެ.

Ad by Hajj Corporation
މި ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ ޖީނެޓްސް ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ޖަޕާނަށް ކުރެއްވި ދަތުރުގެ ތެރެއިންނެވެ. މި ބައްދަލުވުމުގައި ކުޅުދުއްފުށީގެ ފެނާއި ކަރަންޓް އަދި ކުނި މެނޭޖްކުރުމުގެ ޚިދުމަތްތައް ޒަމާނާ އެއްގޮތަށް ބަދަލުކޮށް، ޚިދުމަތްތަކުގެ އަގުހެޔޮކޮށް އެފިޝަންޓް ކުރުމަށް ހުރި ފުރުޞަތުތަކާ ގުޅޭ ގޮތުން ވަނީ މަޝްވަރާކޮށްފައެވެ. ކަނެޑީވިއާ އަކީ މި ދާއިރާތަކުން ބައިނަލްއަޤުވާމީ ތަޖުރިބާ ލިބިފައިވާ ކުންފުންޏެކެވެ.

ކުޅުދުއްފުށި ސިޓީގެ ޔޫޓިލިޓީ ޚިދުމަތްތައް ރަނގަޅުކުރުމަކީ 2026 ވަނަ އަހަރު އެކުލަވައިލެވޭ ތަރައްޤީގެ ޕްލޭންގައި ވެސް އިސްކަންދޭނެ ކަމެކެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުން 48 ސިޓީއަކުން ބައިވެރިވި ޖީނެޓްސް ސަމިޓަކީ ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދިޔަ ސަމިޓެކެވެ. މިސަމިޓުގައި ސިޓީތަކުގެ ތަރައްގީއާއި، ދެމެހެއްޓެނިވި ގޮތެއްގައި ސިޓީތައް ހިންގުމާ ގުޅޭގޮތުން މަޝްވަރާކޮށް، މައުލޫމާތާއި ތަޖުރިބާ ހިއްސާކޮށްފައިވެއެވެ.
މި ސަމިޓުގެ ވެލްބީން ސެޝަންގައި މޭޔަރު މުހައްމަދު އާތިފް ވަނީ ޕްރެޒެންޓޭޝަނެއް ހުށަހަޅުއްވާފައެވެ. މޭޔަރުގެ ޕްރެޒެންޓޭޝަންގައި ކުޅުދުއްފުށީގެ އިޖުތިމާޢީ ދިރިއުޅުމުގެ ބިންގަލަކީ ކުޅިވަރާއި، ސަގާފަތް އަދި މުޖުތަމައުގެ ބަދަހިކަންކަން ފާހަގަކުރައްވައި، ކުޅުދުއްފުށީގެ ތަޖުރިބާ ހިއްސާކުރައްވާފައިވެއެވެ.


