ކުންފޫ ތެޅި ދެކުޅުންތެރިން ބޮޑު އަދަދަކުން ޖޫރިމަނާކޮށްފި
8 މޭ 2026 - 18:20

ރެއާލް މެޑްރިޑްގެ ޕްރެކްޓިސް ގްރައުންޑުގައި ހިނގި ކުރިމަތިލުމަކާ ގުޅިގެން އެ ކްލަބުގެ ދެ މިޑްފީލްޑަރުން ކަމަށްވާ އޮރެލިއަން ޗުއަމެނީ އާއި ފެޑެރިކޯ ވަލްވާޑޭ ކުރެން ކޮންމެ ކުޅުންތެރިއަކު 500,000 ޔޫރޯ (432,000 ޕައުންޑް) އިން ޖޫރިމަނާކޮށްފިއެވެ. މި އަދަބު ކަނޑައަޅާފައިވަނީ މި ހާދިސާއާ ގުޅިގެން ކްލަބުން ކުރިއަށްގެންދިޔަ ތަހުގީގަށްފަހުގައެވެ.
މިދިޔަ ބުދަ ދުވަހުގެ ޕްރެކްޓިސް ނިމުނުތަނާހެން މި ދެ ކުޅުންތެރިންގެ މެދުގައި ފިޒިކަލް ކުރިމަތިލުމެއް ހިނގާފައިވާއިރު، ބުރާސްފަތި ދުވަހުގެ ޕްރެކްޓިސްގައި އަނެއްކާވެސް މަސްލަހަތު ގޯސްވެ، ހިނގި ހަމަނުޖެހުމުގައި ވަލްވާޑޭއަށް އަނިޔާވެގެން ހޮސްޕިޓަލަށް ގެންދަން ޖެހުނެވެ. ހޮސްޕިޓަލުން ބެލިބެލުމުން ވަލްވާޑޭގެ ބޮލަށް އަނިޔާވެ 'ކްރެނިއޯއެންސެފަލިކް ޓްރައުމާ' އެއް ހުރިކަމަށް ވަނީ ދެނެގަނެވިފައެވެ.

Ad by Hajj Corporation
މި ހާދިސާއާ ގުޅިގެން ރެއާލް މެޑްރިޑްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ވަނީ ކްލަބުގެ ޕްރެކްޓިސް ގްރައުންޑުގައި ކުއްލި ބައްދަލުވުމެއް ބާއްވަވާފައެވެ. މި ބައްދަލުވުމަށްފަހު ދެ ކުޅުންތެރިންނާ މެދު އަދަބު ކަނޑައެޅުމުގެ އިޖުރާއަތްތައް ފަށާފައިވާކަން ބުރާސްފަތި ދުވަހު ވަނީ އިއުލާންކޮށްފައެވެ.
ކްލަބުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ތަހުގީގަށް ހާޒިރުވުމުން ދެ ކުޅުންތެރިންވެސް ހިނގާދިޔަ ކަންތައްތަކާ މެދު ހިތާމަކުރާކަން ހާމަކޮށް، އެކަކު އަނެކަކުގެ ކިބައިން މާފަށް އެދިފައިވާ ކަމަށެވެ. މީގެ އިތުރުން ކްލަބާއި، ޓީމުގެ އެހެން ކުޅުންތެރިންނާއި، ކޯޗިން ސްޓާފުން އަދި ސަޕޯޓަރުންގެ ކިބައިންވެސް މި ދެ ކުޅުންތެރިން ވަނީ މާފަށް އެދިފައެވެ.
މި ހާދިސާއާ ގުޅިގެން ދެ ކުޅުންތެރިންނަށް ބޮޑު ފައިސާގެ އަދަބެއް ދިން ނަމަވެސް، އެއްވެސް ކުޅުންތެރިއަކު ސަސްޕެންޑް ނުކުރުމަށް ކްލަބުން ވަނީ ނިންމާފައެވެ. އެހެންކަމުން އަންނަ އާދިއްތަ ދުވަހު ބާސެލޯނާއާ ދެކޮޅަށް ކުޅޭ 'އެލް ކްލަސިކޯ' މެޗުގައި ޗުއަމެނީއަށް ކުޅުމުގެ ފުރުސަތު އޮންނާނެއެވެ. ނަމަވެސް އަނިޔާގެ ސަބަބުން ވަލްވާޑޭ 10 ދުވަހާއި ދެ ހަފުތާއާ ދެމެދުގެ މުއްދަތަކަށް ކުޅުމާ ދުރުގައި ހުންނަން ޖެހޭނެކަން ކްލަބުން ވަނީ ކަށަވަރުކޮށްދީފައެވެ.
އާދިއްތަ ދުވަހުގެ މެޗަކީ ލީގު ތަށީގެ ރޭހުގައި ދެ ޓީމަށްވެސް އިންތިހާއަށް މުހިންމު މެޗެކެވެ. ރެއާލް މެޑްރިޑަށް މި މެޗުން މޮޅުނުވެވިއްޖެނަމަ، ހަންސީ ފްލިކްގެ ބާސެލޯނާއަށް ލީގު ތަށި ކަށަވަރުވުމުގެ ފުރުސަތު ބޮޑެވެ.


