ބޭންކް އެކައުންޓްތައް "ކުއްޔަށް" ދިނުމުގެ ކުށް އިތުރުވަނީ, އާންމުން ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި
8 މޭ 2026 - 19:09

ސޯޝަލް މީޑިއާގެ އެކި މަންސަތައް މެދުވެރިކޮށް އަމިއްލަ ފަރާތްތަކުގެ ބޭންކް އެކައުންޓްތައް "ކުއްޔަށް" ދިނުމަށް ބާރުއަޅައި ހިންގާ ޖިނާއީ ހަރަކާތްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އާންމު ރައްޔިތުންނަށް އިލްތިމާސްކޮށްފިއެވެ.
ފުލުހުން ބުނީ، ޓިކްޓޮކް އަދި ޓެލެގްރާމް ފަދަ ވަސީލަތްތައް ބޭނުންކޮށްގެން، އެކައުންޓްގެ ކޮންޓްރޯލް ދިނުމުން "ދުވަހު މުސާރައެއް" ނުވަތަ އުޖޫރައެއް ދޭނެކަމަށް ބުނެ ކުރާ އިޝްތިހާރުތައް ގިނަވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. މިއީ "މަނީ މިއުލް" ގެ ގޮތުގައި ކުށްކޮށްގެން ހޯދާ ފައިސާ ދައުރުކުރުމަށް ހިންގާ ނުރައްކާތެރި އަމަލެއްކަމަށް ފުލުހުން މައުލޫމާތުދެއެވެ.

Ad by Hajj Corporation
މަނީ ލޯންޑަރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން، ކޮންމެ ބޭންކް އެކައުންޓަކީ އެ ރަޖިސްޓްރީކޮށްފައިވާ ފަރާތުގެ އަމިއްލަ ބޭނުމަށް އެކަނި ބޭނުންކުރަންޖެހޭ އެއްޗެކެވެ. އެކައުންޓް އެހެން ފަރާތަކަށް ބޭނުންކުރަން ދިނުމަކީ މުއާމަލާތުގެ ހަގީގީ ވެރިފަރާތް (Beneficial Owner) އޮޅުވާލުމަށް ހިންގޭ ޖިނާއީ ކުށެކެވެ. މިފަދަ އަމަލެއްގެ ސަބަބުން، އެކައުންޓް މެދުވެރިކޮށް ހިންގާ ގާނޫނާ ހިލާފު މުއާމަލާތްތަކުގެ ޒިންމާއިން އެކައުންޓްގެ ވެރިފަރާތަށް ބަރީއައެއް ނުވެވޭނެއެވެ.
ބޭންކިންގއާ ބެހޭ ގާނޫނުގެ ދަށުން، ޔޫޒަރނޭމް، ޕާސްވޯޑް، ޕިން ނުވަތަ އޯޓީޕީ ފަދަ ސިއްރު މައުލޫމާތު ހިއްސާކުރުމަކީ ބޭންކާއެކު ވެފައިވާ އެއްބަސްވުމާ ހިލާފުވުމުގެ އިތުރުން ކަސްޓަމަރުގެ ފަރާތުން ވާ ބޮޑު އިހުމާލެކެވެ. މިފަދަ ކަންކަމުގެ ސަބަބުން ބޭންކުން އެކައުންޓް ފްރީޒްކުރުމާއި، މުސްތަގުބަލުގައި ރާއްޖޭގެ މާލީ އިދާރާތަކުން ޚިދުމަތް ލިބުމަށް ހުރަސް އެޅި، މާލީ ނިޒާމުން ބޭރުކޮށްލުމުގެ ފުރުސަތު އޮންނާނެކަމަށް ފުލުހުން އިންޒާރުދެއެވެ.
މަކަރާއި ހީލަތުން ފޭރޭ ފައިސާގެ އަސްލު އޮޅުވާލުމަށް ކުށްވެރިން ކުރާ މިފަދަ މަސައްކަތްތަކަށް އެހީތެރި ނުވުމަށާއި، ފަސޭހައިން ފައިސާ ލިބޭނެކަމަށް ބުނެ ކުރާ އިޝްތިހާރުތަކަށް އިޖާބަ ނުދިނުމަށް ފުލުހުން ވަނީ އެދިފައެވެ. އަދި ޝައްކުކުރެވޭ ފަދަ މުއާމަލާތްތަކުގެ މައުލޫމާތު އެމް.އެމް.އޭ ގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓާ ހިއްސާކުރަމުންދާނެ ކަމަށްވެސް ފުލުހުން ބުނެއެވެ.
މިފަދަ ޝައްކުކުރެވޭ ކަމެއް ފާހަގަކުރެވިއްޖެނަމަ، ލަސްނުކޮށް ނެޝަނަލް އިމަޖެންސީ ކޯލް ސެންޓަރު 911 އަށް ނުވަތަ އެންޓި-ސްކޭމް ސެންޓަރުގެ ނަންބަރު 125 (އެކްސްޓެންޝަން 2020) އަށް ގުޅައި ރިޕޯޓްކުރުމަށް ފުލުހުން އިލްތިމާސްކުރެއެވެ. މިފަދަ ޖިނާއީ ކުށްތަކުގައި ބައިވެރިވާ ފަރާތްތަކާމެދު މާލީ އިދާރާތަކާ ގުޅިގެން ގާނޫނީ ފިޔަވަޅު އަޅަމުންދާނެ ކަމަށްވެސް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ވިދާޅުވެފައެވެ.


