ސަމާލުވޭ! ކުރިއަށް އޮތީ ވައިބާރުވެ ކަނޑުގަދަވާނެ ފަސް ދުވަސް
8 މޭ 2026 - 19:18

ކުރިއަށް އޮތް ފަސް ދުވަހުވެސް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ، މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ގައުމީ އިދާރާއިން އިލްތިމާސް ކުރައްވައިފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ، މި ހިނގާ މޭ މަހުގެ 9 އިން 13 ވަނަ ދުވަހާ ހަމައަށް ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެ ކަމަށެވެ. ޚާއްސަކޮށް ދެކުނާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ވައިގަދަވެ، ބޯކޮށް ވިއްސާރަ ކުރާނެ ކަމަށް އެ އިދާރާއިން ލަފާކުރެއެވެ.

Ad by Hajj Corporation
މޫސުން ގޯސްވާން މެދުވެރިވި ސަބަބުތަކަށް އަލިއަޅުވާލައްވަމުން އެ އިދާރާއިން ވިދާޅުވީ، ރާއްޖޭގެ އިރުދެކުނުން އުފެދިފައިވާ ކޮޅިގަނޑެއްގެ ސަބަބުން ދެކުނުގެ އަތޮޅުތަކަށް ވައި ގަދަވަމުންދާ ކަމަށެވެ. މީގެ އިތުރުން ރާއްޖޭގެ އިރުއުތުރުން އުފެދިފައިވާ ލޯޕްރެޝަރ ޓްރަފްގެ ސަބަބުން އެ ސަރަހައްދުގައި ގިނަ އަދަދަކަށް ބޯވިއްސާރަވިލާ އުފެދެމުންދާކަންވެސް އެ އިދާރާއިން ވަނީ ފާހަގަކުރައްވާފައެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން އިތުރަށް ވިދާޅުވި ގޮތުގައި، މި ބަދަލުތަކާއެކު ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުން ފެށިގެން ދިއުމުގެ ފުރުސަތު ބޮޑު ކަމަށް ބެލެވެއެވެ.
ކުރިއަށް އޮތް ފަސް ދުވަހުވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ، ހުރިހާ ފަރާތްތަކުން، ޚާއްސަކޮށް ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދުމަށާއި، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް އެ އިދާރާއިން ވަނީ އިލްތިމާސް ކުރައްވާފައެވެ.
މޫސުން ގޯސްވެ ވިއްސާރަވުމުގެ ސަބަބުން މޫސުމާ ބެހޭ ގައުމީ އިދާރާއިން ދަނީ ބޭނުންވާ ސަރަހައްދުތަކަށް މޫސުމީ ސަމާލުތައްވެސް ނެރެމުންނެވެ.


