ސަންޑަލޭންޑުން މޮޅު ކުޅުމެއް ދެއްކި ނަމަވެސް މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުވެއްޖެ
9 މޭ 2026 - 18:54

އިނގިރޭސި ޕްރިމިއާ ލީގުގައި ސަންޑަލޭންޑާއި މެންޗެސްޓާ ޔުނައިޓެޑް ބައްދަލުކުރި މެޗު 0-0 އިން އެއްވަރުވެ، ސަންޑަލޭންޑުން ދެއްކި މޮޅު ކުޅުމާއެކުވެސް އެއް ޕޮއިންޓުން ފުއްދާލަން ޖެހިއްޖެއެވެ. ސްޓޭޑިއަމް އޮފް ލައިޓްގައި ކުޅުނު މި މެޗުގައި ސަންޑަލޭންޑުން ވަނީ ޔުނައިޓެޑަށްވުރެ ނުރައްކާތެރި ހަމަލާތަކެއް އުފައްދާފައެވެ.
ޗެމްޕިއަންސް ލީގުގެ ޖާގައެއް ކަށަވަރުކޮށްފައިވާ މެންޗެސްޓާ ޔުނައިޓެޑަށް މި މެޗުން މޮޅުވެގެން ތާވަލުގެ ތިންވަނަ މަގާމު ކަށަވަރު ކުރުމުގެ ފުރުސަތު އޮތް ނަމަވެސް، މައިކަލް ކެރިކްގެ އިރުޝާދުގެ ދަށުން ކުޅޭ ޓީމަށް މި މެޗުގައި އެދެވޭ ކުޅުމެއް ނުދެއްކުނެވެ. މެޗުގެ ކުރީކޮޅު ސަންޑަލޭންޑްގެ ނޯއާ ސަޑީކީ އަދި ބްރަޔަން ބްރޮބީ ފޮނުވާލި ހަމަލާތައް ޔުނައިޓެޑްގެ ކީޕަރު ސެން ލަމެންސް ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

Ad by Hajj Corporation
ދެވަނަ ހާފުގައި ޔުނައިޓެޑުން ކުޅުން ރަނގަޅު ކުރި ނަމަވެސް، ލަނޑެއް ޖަހާނެ މާ ބޮޑު ފުރުސަތެއް ތަނަވަހެއް ނުކުރެވުނެވެ. މެޗުގެ ފަހުކޮޅު ސަންޑަލޭންޑްގެ ލުޓްޝަރެލް ގީޓްރޫއިޑާ ދުރުން ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ އަރިމަތީ ދަނޑިއަށް ވަނީ އަރާފައެވެ. މީގެ އިތުރުން ބްރޮބީ އަށް އޭރިއާ ތެރެއިން ލޫކް ޝޯ ކުރި ފައުލަކަށް ޕެނަލްޓީއެއް ހޯދުމަށް އެދުނު ނަމަވެސް ރެފްރީ ނިންމީ އެއީ ޕެނަލްޓީއެއް ނޫން ކަމަށެވެ.
މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ބްރޫނޯ ފެނާންޑޭޒްގެ އެހީތެރިކަމާއެކު ޔުނައިޓެޑަށް ލަނޑު ޖަހާނެ ރަނގަޅު ދެ ފުރުސަތެއް މަޓެއުސް ކޫންޔާ އަށް ލިބުނު ނަމަވެސް، އޭނާ ފޮނުވާލި ހަމަލާތައް ސަންޑަލޭންޑްގެ ކީޕަރު ރޮބިން ރޫފްސް ވަނީ ފަސޭހަކަމާއެކު ހިފާފައެވެ.
މި ނަތީޖާއާއެކު ޔުނައިޓެޑުން ޖެހިޖެހިގެން 23 ލީގު މެޗުގައި ލަނޑު ޖެހުމަށްފަހު ކުރިއަށް ގެންދިޔަ ރެކޯޑަށް ވަނީ ނިމުން އައިސްފައެވެ. ތަފާސްހިސާބުތަކަށް ބަލާއިރު ޔުނައިޓެޑަށް މުޅި މެޗުގައި ގޯލާ އަމާޒުކޮށް ފޮނުވާލެވުނީ އެންމެ ހަމަލާއެކެވެ. ސަންޑަލޭންޑުން ވަނީ މި ސީޒަނުގައި މިހާތަނަށް 48 ޕޮއިންޓް ހޯދާފައެވެ. މިއީ 2000-01 ވަނަ އަހަރުގެ ސީޒަނަށްފަހު އެ ޓީމުން ޕްރިމިއާ ލީގުގައި ހޯދި އެންމެ ރަނގަޅު ނަތީޖާއެވެ.


