ރެފްރީންގެ ހިތްވަރާއެކު އެލިފަންޓް ގަހުން ވެއްޓުނަނުދީ ހިފަހަށްޓައިފި
11 މޭ 2026 - 01:23

ރެފްރީންގެ ސުވާލުއުފެދޭ ނިންމުންތަކާއެކު ފަހުވަގުތުގައި އާސެނަލް ކޮޅަށް ވަތް ގޯލެއް ކެންސަލްކޮށް ގަހު ކުރީގައި އޮތް އެލިފަންޓް އަށް ލީގުގެ ކޮންޓްޯލް މުޅިން ދީފިއެވެ. އެގޮތުން ލަންޑަން ސްޓޭޑިއަމްގައި ކުޅުނު ފޯރިގަދަ މެޗުގައި ވެސްޓް ހޭމް ޔުނައިޓެޑްގެ މައްޗަށް 1-0 އިން ކުރިހޯދައި، އާސެނަލް މިހާރު ވަނީ ތަށި 23 އަހަރުފަހުން ލީގު ހޯދުމަށް ވަރަށް ގާތްވެފައެވެ.
މުޅި މެޗުގައި ވެސްޓް ހޭމްއިން ވަރުގަދަ ޑިފެންސިވް ކުޅުމެއް ދެއްކި ނަމަވެސް، މެޗުގެ 83 ވަނަ މިނެޓުގައި ލިއަންޑްރޯ ޓްރޮސާޑް ވަނީ އާސެނަލްއަށް ލީޑު ނަގައިދީފައެވެ. މާޓިން އޮޑެގާޑް ތަނަވަސްކޮށްދިން ފުރުސަތަކުން ޓްރޮސާޑް މި ލަނޑު ކާމިޔާބުކުރީ ގިނަ ކުޅުންތެރިންތަކެއްގެ ތެރެއިން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެންނެވެ.

Ad by Hajj Corporation
މެޗުގެ ފުރަތަމަ ހާފުގައި އާސެނަލްއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. އެގޮތުން ޓްރޮސާޑް ފޮނުވާލި ހަމަލާއެއް ގޯލުގެ ހުރަސް ދަނޑީގައި ޖެހުނުއިރު، އޭގެ ފަހުން ލިބުނު ފުރުސަތުގައި އޭނާ ބޮލުން ފޮނުވާލި ބޯޅަ ވެސް ވަނީ ދަނޑީގައި ޖެހިފައެވެ. މެޗުގެ މެދުތެރެއިން ބެން ވައިޓަށް ލިބުނު އަނިޔާއަކާ ގުޅިގެން އާސެނަލްގެ ކުޅުމަށް ކުޑަ ބަދަލެއް އައި ނަމަވެސް، ކީޕަރު ޑޭވިޑް ރާޔާ ވަނީ ވެސްޓް ހޭމްގެ ނުރައްކާތެރި ހަމަލާތައް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
މެޗުގެ އެންމެ ފަހު ވަގުތުކޮޅަކީ ޑްރާމާ އިން ފުރިގެންވި ވަގުތުކޮޅެކެވެ. އިތުރު ވަގުތުގެ 95 ވަނަ މިނެޓުގައި ވެސްޓް ހޭމްގެ ކެލުމް ވިލްސަން ލަނޑެއް ޖަހައި މެޗުގެ ނަތީޖާ އެއްވަރުކުރި ކަމަށް ހީވި ނަމަވެސް، ވީއޭއާރު (VAR) ބެލުމަށްފަހު ރެފްރީ ނިންމީ އެ ލަނޑު ޖެހުމުގެ ކުރިން ޕަބްލޯ، އާސެނަލްގެ ކީޕަރު ރާޔާއަށް ފައުލްކޮށްފައިވާ ކަމަށެވެ. މި ނިންމުމާއެކު އާސެނަލްގެ ކުޅުންތެރިންނާއި ސަޕޯޓަރުން ވަނީ ވަރަށް ބޮޑަށް އުފާފާޅުކޮށްފައެވެ.
މި މޮޅާއެކު އާސެނަލް މިހާރު އޮތީ 2003-04 ވަނަ އަހަރުގެ 'އިންވިންސިބަލްސް' ސީޒަނަށް ފަހު ފުރަތަމަ ފަހަރަށް ލީގު ތަށި އުފުލާލުމާ ވަރަށް ގާތުގައެވެ. އަނެއްކޮޅުން މި ނަތީޖާގެ ސަބަބުން ވެސްޓް ހޭމްއަށް ވަނީ ރެލިގޭޝަނުން ސަލާމަތްވުމަށް އިތުރު ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައެވެ. ލީގުގައި ބާކީ ދެ މެޗު އޮތްއިރު، ޓޮޓެންހަމް އަތުން ލީޑްސް ޔުނައިޓެޑް މޮޅުވެއްޖެނަމަ ވެސްޓް ހޭމްއަށް ސަލާމަތްވުމަށް އޮތް ފުރުސަތު ހަނިވާނެއެވެ.


