އޭޑީއެޗްޑީ ހުންނަ ކުދިންނަށް ބޭނުންވާ ބޭހެއް ރާއްޖެ އެތެރެކުރުމުގެ ހުއްދަ މަޖިލީހުން ދީފި
11 މޭ 2026 - 04:45

އެޓެންޝަން-ޑެފިސިޓް ހައިޕަރއެކްޓިވިޓީ ޑިސްއޯޑަރ (އެޑީއެޗްޑީ) ހުންނަ ކުދިންނަށް ބޭނުންވާ ބޭހެއް ރާއްޖެ އެތެރެކުރުމުގެ ހުއްދަ ދިނުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.
މަޖިލީހުން މި ހުއްދަ ދީފައި މިވަނީ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ ޖަދުވަލު 1އަށް އިސްލާހު ގެންނެވުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވާފައިވާ މައްސަލަ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީން ދިރާސާކުރުމަށްފަހުގައެވެ.

Ad by Hajj Corporation
އެޓެންޝަން-ޑެފިސިޓް، ހައިޕަރއެކްޓިވިޓީ ޑިސްއޯޑަރ ހުންނަ ކުދިންނަށް ބޭނުންވާ މެތަލްފެނެޑޭޓް، އަކީ ރާއްޖެއަށް އެތެރެކުރުން މަނާ ބޭހަކަށްވާތީ، މި ބޭސް ރާއްޖެއަށް އެތެރެކުރުމާ ގުޅޭގޮތުން، ނޭޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލުން ދެއްވާފައިވާ ލަފަޔާމެދު ވަޒީރުންގެ މަޖިލީހުގައިވަނީ މަޝްވަރާކުރައްވާފައެވެ. އަދި މިބޭސް، މަސްތުވާތަކެއްޗާ ބެހޭ ޤާނޫނުގައި ހިމެނޭ މަނާތަކެތީގެ ލިސްޓުން އުނިކުރުމަށްޓަކައި ޤާނޫނަށް އިސްލާޙު ގެނައުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ފެނިވަޑައިގަންނަވާކަމަށް ވަޒީރުންގެ މަޖިލީހުންވަނީ ނިންމަވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވި މައްސަލަ ދިރާސާކުރުމަށްފަހު މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީގެ މެންބަރުންގެ އިއްތިފާގުން ފާސްކުރީ އެ ބޭހަށް ހުއްދަ ދިނުމަށެވެ. މިއާއެކު މަޖިލީހަށް ކޮމިޓީ ރިޕޯޓު ހުށަހެޅުމުން ރާއްޖެއަށް އެތެރެކުރުން މަނާ ބޭހުގެ ލިސްޓުން އެ ބޭސް އުނިކޮށް، ރާއްޖެއަށް އެތެރެކުރުމުގެ ހުއްދަދޭން ފެންނަކަމަށް ފާސްކޮށްފައިވަނީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.
މެތަލްފެނެޑޭޓަކީ އޭޑީއެޗްޑީ ހުންނަ ކުދިންނަށް ފަސްޓްލައިން ޓްރީޓްމަންޓަށް ބޭނުންކުރާ ބޭހެކެވެ. އޭޑީއެޗްޑީއަކީ ތުއްތުއިރު ފާހަގަކުރެވޭ ހެދިބޮޑުވުމުގެ އެންމެ އާންމު އެއް ޙާލަތެވެ. ބޭހާއި އެކި ތެރަޕީތަކުގެ އެހީގައި އެކަމުގެ ޢަލާމާތްތައް ކުޑަކުރެވޭކަމަށް ފަހުގެ ދިރާސާތަކުން ދައްކައެވެ.
މިބޭހަކީ އޭޑީއެޗްޑީ ހުންނަ ކުދިންގެ ފަރުވާއަށް ބޭނުންވާ މުހިއްމު ބޭހެއްކަމަށް ކަމާބެހޭ އިދާރާތަކުން ބުނެއެވެ.


